16 ޖޫޏް 2019 ( އާދީއްތަ )

ހޮހަޅައިން ކުދިން ނެރުން: ފަހު ހަތަރު ކުދިންނާއި ކޯޗު ނެރުމުގެ މަސައްކަތް ފެށިއްޖެ

މިދިޔަ ޖޫން މަހު 23 ދުވަހު ތައިލެންޑުގެ ތަމް ލުއާންގ ހޮހަޅައިގައި ތާށިވި ޒުވާން ފުޓްބޯޅަ ޓީމު ސަލާމަތްކުރުމަށް ހިންގާ ވަރުގަދަ އޮޕަރޭޝަނުގެ ތެރެއިން ކުދިން ހޮހަޅައިން ނެރުމުގެ ތިންވަނަ ދުވަހުގެ އޮޕަރޭޝަނުގެ މަސައްކަތް ޑައިވަރުން ފަށައިފިއެވެ. އެގޮތުން، މިއަދު ހެދުނު ޑައިވަރުން ވަނީ ހޮހަޅައިގެ ތެރެއަށް ވަދެފައިކަމަށް ބީބީސީ އިން ރިޕޯޓްކުރެއެވެ.

ހޮހަޅައިގައި ތާށިވެފައިތިބި ކުދިންނާއި ހަމައަށް ޑައިވަރުންނަށް ވާސިލުވުމަށް ގާތްގަޑަކަށް ފަސްގަޑިއިރު ނަގާނެކަމަށާއި އަދި އެކުދިން ނެރުމަށް މަދުވެގެން ހަތަރުގަޑި ނަގާނެކަމަށް ލަފާކުރެވެއެވެ. ފާއިތުވީ ދެދުވަހާއި ޚިލާފަށް މިއަދު ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި މިއަދު އޮޕަރޭޝަން އެހެން ދުވަސް ދުވަހާއި ތަފާތުކަމަށް ބީބީސީގެ ރިޕޯޓާރ އާއި ހަވާލީދީ އެއެޖެންސީއިން ހާމަކުރެއެވެ.

ފާއިތުވީ ދެދުވަހު ވެސް ސަލާމަތް ކުރެވިފައިވަނީ ކޮންމެ ދުވަހު ހަތަރު ކުދިންނެވެ. އެހެންކަމުން މިއަދުގެ އޮޕަރޭޝަނުގައި ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗުގެ މިއަދު ސަލާމަތް ކުރުވިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން، އެއޮޕަރޭޝަންގެ ހެޑް ޗިއާން ރައިގެ ގޮރުނުދޯރު (ގަވަރުނަރު) ނަރޮންސަކް އޮސޮތަނަކޯން ވިދާޅުވެފައިވަނީ ފާއިތުވީ ދެދުވަހު އޮޕަރޭޝަނުން ފިލާވަޅުތަކެއް ލިބިއްޖެކަމަށާއި ދެވަނަ ދުވަހު ދެގަޑިއިރު އަވަހަށް ހަތަރު ކުދިން ނެރެވިފައިވާތީ ބާކީ ތިބި ހަތަރު ކުދިންނާއިި ކޯޗު ނެރެވުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ވަގުތަށް ބަލާކަމެއް ނޫންކަމަށާއި އޮކްސިޖަނާއި އެހެނިހެން ތައްޔާރީތައް ވެސް މުހިންމު ކަމަށް އޮސޮތަނަކޯން ވިދާޅުވިއެވެ.

ތައި ނޭވީގެ ތަޖުރިބާކާރު ޑައިވަރަކު މިއޮޕަރޭޝަންތެރޭގައި ނިޔާވުމަކީ މިއޮޕަރޭޝަނުގެ ނުރައްކާތެރިކަން ހާމަވާކަމެއް ނަމަވެސް އެކުދިން ސަލާމަތުން ނެރެވިދާނެކަމަށް ތަޖުރިބާކާރުން ދެކިލައްވައެވެ. މިއޮޕަރޭޝަނުގައި ހަރަކާތްތެރިވި ފަރާތްތަކުން ފުރަތަމަ މަސައްކަތްކުރަމުން ގެންދިޔައީ ވިއްސާރަ މޫސުން ނިމުމުން ކުދިން ނެރުމަށެވެ. ނަމަވެސް، އެކަމުގެ ހުރި ރިސްކުބޮޑުކަމަށް ބެލުމަށްފަހު ފަހުން ނިންމީ އަވަހަށް މޫސުމަށް ބެލުމަށްފަހު ނެރުމަށެވެ. މިއޮޕަރޭޝަނުގައި ތަޖުރިބާކާރު 90 ފީނާމީހުން ހަރަކާތްެރިވާއިރު އޭގެތެރެއިން 40 ފީނާމީހުންނަކީ ތައިމީހުންނެވެ. ކަނުއަދިރީގައި މިއޮޕަރޭޝަން ހިންގާއިރު ބައެއް ހިސާބުތަކުގައި ފީނަންޖެހޭއިރު އޮކްސިޖަން ފުޅިއާއިއެކޮށް ދަތުރުނުކުރެވޭ ހިސާބެއްވެސް ވެއެވެ. ދުވަހަކުވެސް ފީނުމުގެ ތަޖުރިބާއެއްކޮށްފައިނުވާ މިކުދިންނާއިއެކު ދެ ފީނާމީހުން އަބަދުވެސް ދަތުރުކުރާނެއެވެ. އެގޮތުން، އެކަކު އެކުއްޖާގެ ކުރިން ދަތުރުކުރާއިރު އޮކްސިޖަން ފުޅި ނަގުމަށްފަހު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި އެކުއްޖާގެ އޮކްސިޖަން ފުޅި އުފުލައިދިނުމަށް ވެސް އެފީނާމީހާ އެހީތެރިވާނެއެވެ. ދެވަނަ ފީނާމީހާ ދަތުރުކުރަމުން ދާނީ ސަލާމަތްކުރާ ކުއްޖާގެ ފަހަތުންނެވެ. އެކުދިން 4 ކިލޯމީޓަރު ދަތުރު ކުރަމުންދާނީ އެވަލުގެ އެހީތެރިކަމުގައި މަގުހޯދައިގެނެއެވެ. އެދަތުރުގައި ފީނުމާއި، ހިގުމާއި، ތަންތަނަށް އެރުމާއި އެފަދަ އެތައްކަމެއް އެކުލެވޭނެއެވެ.

މުޅި ދުނިޔޭގެ ލޯއަމާޒުވެފައިވާ މިއޮޕަރޭޝަނަށް ދަނީ ތަފާތުއެކިއެކި ފަރާތްތަކުގެ ސަޕޯޓް ލިބެމުންނެވެ. އެގޮތުން، އެމެރިކާގެ ބިލިއަނަރު އިންޖިނޭރެއްކަމަށްވާ އެލޮން މަސްކް ވަނީ ތައިލޭންޑަށް ޒިޔާރަތްކޮށް އެޕަރޭޝަން ހިގާނުހިގާގޮތް ބެލުމަށްފަހު ބޭނުންޖެހިދާނެ ހާލަތަކަށްޓަކައި ކުޑަ ސަބްމެރިނަކާއި ވަޖަހާލެވޭފަދަ ޓަނަލެއްވެސް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން، ފީފާއިން އެކުދިންގެ ހާލަތަށްބެލުމަށްފަހު ވޯލްޑްކަޕް ފައިނަލް މެޗު ބަލާލަން ރަޝިއާއަށް ދިއުމުގެ ފުރުސަތުދިން ނަމަވެސް އެކުދިންނަށް އެފުރުސަތު ނުލިބޭނެކަމަށް ބެލެވެއެވެ.

ތައިލެންޑްގެ ޒުވާން މި ފުޓްބޯޅަ ޓީމާއި އެޓީމުގެ ކޯޗު ހޮހަޅައިގައި ތާށިވެފައިވަނީ މިދިޔަ ޖޫން މަހު 23 ވަނަ ދުވަހު ފުޓްބޯޅަ ޕްރެކްޓިސް ނިންމާލުމަށްފަހު އެހޮހަޅައަށް ވަނުމާއިއެކު އައި ކުއްލި ކޮޅިގަނޑެއްގައި ހޮހަޅައިގައި ފެންބޮޑުވުމުންނެވެ. އެހޮހަޅަ ސަރަހައްދަކީ ފެންބޮޑުވާ ސަރަހައްދެއް ނަމަވެސް، ކުރިން ލަފާދީފައިވަނީ ޖުލައި މަހުން ފެށިގެން އެހޮހަޅައަށް ނުވަނުމަށެވެ. ނަމަވެސް، މިފަހަރު ވިއްސާރަވެ އެއަށްވުރެ ކުރިން ފެންބޮޑުވުމުން، މިފުޓްބޯޅަ ޓީމު އެހޮހަޅައިގައި ތާށިވެފައިވަނިކޮށް އެޓީމު ހޯދައިފައިވަނީ ޖުލައިމަހު 2 ވަނަ ދުވަހު އިގިރޭސި ދެޑައިވަރެކެވެ. އިގިރޭސި ބަސް މިކުދިންނަށް ނޭގޭއިރު އެދެޑައިވަރުންނަށް ތައި ބަހެއްނޭގެއެވެ. 


ކިޔުންތެރިންގެ ޚިޔާލު