A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ!

މިއަހަރުގެ ރިއާސީ އިންތިޚާބުގެ ފޯރި އެންމެ ގަދަވެފައިވާ އިރު ތަފާތު އެކިއެކި ތަފާސް ހިސާބުތަކުންނާއި ސާވޭތަކުން ވޯޓުން ކުރި ހޯދާނެ ކެންޑިޑޭޓަކާއި މެދު ދަނީ ބަހުސް ކުރަމުންނެވެ. އެގޮތުން، މިއަހަރުގެ ރިއާސީ އިންތިޚާބު އެހެން އަހަރު ތަކާއި ތަފާތެވެ. އިދިކޮޅު ހުރިހާ ކެންޑިޑޭޓުންވަނީ އެއްގަލަކަށް އެރުމަށްފަހު އެއް ކެންޑިޑޭޓެއް ދައްކާފައެވެ. މިއީ 2008 ވަނަ އަހަރު އަމަލުކުރަން ފެށުނު ގާނޫނު އަސީސީގެ ދަށުން އެފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބެވެ. އެހެންކަމުން، ފާއިތުވީ ދެ އިންތިޚާބުގެ ތަފާސް ހިސާބާއި މިއިންތިޚާބާއި ތަފާތު ތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ފާއިތުވީ ރިއާސީ އިންތިޚާބުތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

2008 ވަނަ އަހަރު ބޭއްވުނު ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެފަހަރު ރައީސްކަމަށް އައްޔަން ކުރެވުނު ރައީސް ނަޝީދަށް ލިބިވަޑައިގަތީ އެންމެ 25.09 އިންސައްތައެވެ. އެފަދަ ގޮތަކަށް 2013 ވަނަ އަހަރުގެ ރައީސްކަމަށް އައްޔަން ކުރެވުނު ރައީސް ޔާމީނަށް އެފަހަރުގެ ފުރަތަމަ ބުރުން ލިބިވަޑައިގަތީ 25.35 އިން ސައްތައެވެ. މިއާއިއެކު ރާއްޖޭގެ ރައީސްކަން ކުރައްވަނީ އާންމު ރައްޔިތުންގެ 25 އިންސައްތައިގެ ސަޕޯޓް އޮތް ބޭފުޅުންކަމަށް ބެލެވިދާނެބާވައެވެ.

2008 ވަނަ އަހަރު ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންނެވި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނަށް އެފަހަރު ފުރަތަމަ ބުރުން ލިބިވަޑައިގަތީ 40.63 އިންސައްތައެވެ. އަދި 2013 ވަނަ އަހަރު ނާކާމިޔާބީ އާއި ކުރިމަތި ވެވަޑައިގަތް 2008 ގެ ރިއާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދަށް 2013 ވަނަ އަހަރުގެ ފުރަތަމަ ބުރުން ލިބިވަޑައިގަތީ 45.45 އިންސައްތަ ވޯޓެވެ. ރައީސް ނަޝީދު ވެރިކަން ކުރެއްވުމުގެ ސަބަބުން  20.36 އިންސައްތައިގެ ސަޕޯޓެއް އިތުރަށް ލިބިވަޑައިގަތެވެ. އެބީދައިން ބަލައި ކަމުގައިވަނީ ނަމަ ރައީސް ޔާމީނަށް މިފަހަރު (20 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެނަމަ)  ލިބިވަޑައިގަންނަވާނީ 45.71 އިންސައްތައެވެ.

ރައީސް ނަޝީދު ވެރިކަން ކުރެއްވީ 3 އަހަރު ދުވަހުއެވެ. ރައީސް ޔާމީނު ވެރިކަން ކުރެއްވީ 5 އަހަރު ދުވަހުގައެވެ. އެހެންކަމުން، ރައީސް ނަޝީދަށް ލިބިވަޑައިގަތް 20.36 ތިން އަހަރަށް ބަހާލުމަށްފަހު ކޮންމެ އަހަރަކު އެބީދައިން ރައީސް ޔާމީނަށް ސަޕޯޓް އިތުރުވަމުންދާ ނަމަ 5 އަހަރު ދުވަހުގެ ތެރޭ ރައީސް ޔާމީނުގެ ސަޕޯޓް ވާނީ 33.93 އިންސައްތައަށް އިތުރުވެފައެވެ. އެއާއިއެކު ކުރިން ލިބިވަޑައިގަތް 25.35 އިންސައްތަގެ ސަޕޯޓާއިއެކު ޖުމްލަ 59.28 އިންސައްތައިގެ ސަޕޯޓެއް މިފަހަރުގެ އިންތިޚާބުން ލިބިވަޑައިގެންފާނެއެވެ.

މި ތަފާސް ހިސާބު ދައްކާގޮތުން، މިފަހަރުގެ ރައީސްކަމަށް ހަމަ ކޮންމެ ބޭފުޅަކުވެސް ހޮވިވަޑައިގެންފާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !