A wide advertisement which will be shown on all devices. (700 x 100)

ފަރަންސޭސިއަކު ފުރަތަމަ ފައިބީއްސާލި ދިވެހި ރަށަކީ ފުވައްމުލައް

އެއީ މީގެ 500 ވަރަކަށް އަހަރުކުރިއެވެ. ކަނޑުގެ ބާޒުންގެ ގޮތުގައި މަޝްހޫރުވެފައިވާ ޕޯޗުގީޒުންނަށް ދިވެހިރާއްޖެ އެގުނު ފަހުންވާނީ ގާތްގަޑަކަށް 22 ވަރަކަށް އަހަރެވެ. ދުވަސްވަރަކީ ވިލާތުގެ ދަތުރުވެރިން އެފުރިކާ ބައްރު ހުރަސްކޮށް އޭޝިއާގެ ގައުމުތަކަށް ފެތުރެން ފެށި ދުވަސްވަރެވެ.
ދުނިޔެ ބަލާލުމަށް ފަރަންސޭސި ދެބެންކަމަށްވާ ޖީން އާއި ރައޮލް ޕާރމެންޓިއަރ ފަރަންސޭސިވިލާތުގެ ޑިއެޕް ބަދަރުން 29 މާރޗު 1529ގައި ދަތުރުފެށިއެވެ. މިދެބެންގެ ދަތުރަށް ބޭނުންވާ ސާމާނުތަކާއި މީހުން އުފުލުމަށް 200 ޓަނުގެ ޕެންސީ ނަމަކަށް ކިޔާ ބޯޓަކާއި 120 ޓަނުގެ ސެކްރޭ ނަމަކަށް ކިޔާ ބޯޓެއް ބޭނުންކުރިއެވެ. މިދެބެންގެ ދަތުރުގައި އެފުރިކާގެ މަޑަގަސްކަރާގައި މަޑުކުރުމަށްފަހު އެތަނުން ފެނާއި ކާނާއިއެކު ދަތުރުފެށިއެވެ. މަޑަކަސްރައިން ފެށިދަތުރުގައި ތަފާތު ގިނަ ކަނޑުމަތީ ހާދިސާތަކަކަށްފަހު ދުނިޔޭގެ ދެބައިހަމައިގެ ދެކުނުން ހިކިފަސްތަނެއްފެނުނެވެ.
މިރަށް ފެނުމުންއެއީ ދިވެހިރާއްޖޭގެ ބައެއްކަމަށް އެމީހުންނަކަށް ގަބޫލެއްނުކުރެވުނެވެ. ސަބަބަކީ އޭރު ދިވެހިރާއްޖެއާއި ބެހޭގޮތުން ލިބިފައި މައުލޫމާތު މަދުކަމެވެ. އޭގެ ދުވަސްކޮޅެއްކުރިން ޕޯރޗްގީޒުން ރާއްޖެ ދަތެއްކަމަކު އެމީހުންނަށްވެސް ގަބޫލުކުރެވިފައިވަނީ ރާއްޖެ ފެތުރިފައިވަނީ ދުނިޔޭގެ ދެބައިހަމައިން އުތުރަށެވެ. އެއްވެސް ހާލެއްގައި ދުނިޔޭގެ ދެބައިހަމައިން ދެކުނަށް ނުވަތަ ދެބައިހަމައާއި ހަމައަށް ދިވެހިރާއްޖޭގެ ރަށްތައްވާކަމަށް އެމީހުން އޭރަކު ގަބޫލެއްނުކުރެއެވެ.
އެހެންކަމުން، އެއީ ކޮންގައުމެއްކަމާއިމެދު ދަތުރުވެރިންގެ މެދުގައި ބަހުސް ވެސްކުރެވުނެވެ. އެންމެފަހުން، އެއޮޑިން ދަތުރުކުރި ޕޯރޗްގީޒު ފަޅުވެރިއެއް ދަތުރުކުރުމުގެ ފުންނާބުއުސް މިދެބެންނަށް ގޮންޖަހާލުމަށްފަހު މިއީ ދިވެހިރާއްޖޭގެ ރަށެއްކަމަށް ނިންމިއެވެ. އެމީހުން އެރަށަށް ކިޔާފައިވާ ނަމަކީ މަލުކޫ އެވެ. އެއީ އެމީހުންނަށް ކިއުނުގޮތްކަމަށް ވުމީ ދުރުގޮތެއްނޫނެވެ. އާދެ! އެރަށަކީ ދުނިޔޭގެ ދެބަބައިހަމައިގެ ދެކުނުގައިވާ ފުވައްމުލަކެވެ.
ފުވައްމުލަކަށް ފޭބުމާއިއެކު އެމީހުންނަށް ފުވައްމުލަކު ރައްޔިތުން ވަރަށް ހޫނުމަރުހަބާއެއްކިޔެއެވެ. ކުރުބާފެނާއި އެފަދަ ކާބޯތަކެތިން ބަނޑުހައިހޫނުކަންމަތީގައި ތިބި ދަތުރުވެރިންނަށް ވެދުންސަލާމް ކުރިއެވެ.
ފަރަންސޭސި ދެބެންނާއި ބައްދަލުކުރި މުދިންބެގެ ވާހަކަތަކުން އެދެބެންނަށް ސިހުންލިބުނެވެ. ސަބަބަކީ ޖިސްމާނީގޮތުން ބަލިކަށި ތަރައްގީއާއި ތަހުޒީބުގެގޮތުން އެމީހުންނަށްވުރެ އެތަށްގުނައެއް ފަހަތުގައި ތިބި ބަޔަކު ވިލާތުގެ ދަތުރުވެރިކަމުގައި އަރާތިބި ބަޔަކަށް ގޮންޖަހާލާ އިންޑިޔާކަނޑުގެ އެތަށް ހިސާބަކަށް ދަތުރުކުރާނެގޮތް އެމީހުންނަށް ކިޔާދިނުމުންނެވެ. މުދިންބެގެ ވާހަކަތަކުން އޭނާއަކީ މިސަރަހައްދުގައި ދަތުރުކޮށްފައިވާ، ނެވިކަމުގައި ކުޅަދާނަ މައުލޫމާތު މުއްސަދި މީހެއްކަން ސާބިތުވިއެވެ. އިންޑިއާގެ ކަލްކަޓަށާއި ޔަމަނަށާއި ފާރިސްކަރައަށާއި ސިލޯނުގެ އިތުރުން އަސޭކަރައަށްދާނެ މަގު އެމީހުންނަށް މުދިންބެ ކިޔައިދިނެވެ. އެމީހުން ސިފަކުރާގޮތުގައި މުދިންބެއަކީ ނެވިކަމުގައި އަރާހުރި މާހިރަކަށްވުމުގެ އިތުރުން ދީންވެރި މެހެމާނުންނަށް ކަމޭހިތާ ޚުލްގުހެޔޮ ގާތްގަޑަކަށް އުމުރުން 45 އަހަރާއި 50 އަހަރާއި ދޭތެރޭ ބޭކަލެކެވެ.
ދަތުރުވެރިން މިސްކިތްވެސް ބަލާލަން ބޭނުންވިއެވެ. އެހެންކަމުން މިސްކިތް ހުޅުވާލުމަށްފަހު މުދިންބެ އެމިސްކިތް އެމީހުންނަށް ދައްކާލިއެވެ. އެމިސްކިތަކީ ޒަމާންވީ މިސްކިތެކެވެ. ބިނާކޮށްފައިވަނީ ގަލުންނެވެ. މިސްކިތުގެ ވަޑާންގަނޑުފެނިފައި އެއޮޑީގެ ވަޑިން އާޝޯޚްވިއެވެ. މަސައްކަތުގެ މޮޅުކަމުންނެވެ. ފުރިހަމަކަމުންނެވެ. އޭގެކުރިން ފެނިފައިނުވާފަދަ މޮޅު ރީތި މަސައްކަތްތަކެކެވެ. އޮޑީގެ ކެޕްޓަން މިސްކިތްތެރެ ހޯދިއެވެ. ބުދެއްކަހަލަ އެއްޗެއް ފެނޭތޯއެވެ. ނަމަވެސް އޭނާއަށް ފެނުނީ ކާށިން ހަދާފައިވާ ބައްތިއެއް އެކަންޏެވެ. އެއަށްފަހު ވުލޫކުރާ ފެންގަނޑު (ވެޔޮ) ބަލާލުމަށް ދަތުރުވެރިން ބޭނުންވިއެވެ. ވަރަށް ރީތިކޮށް ފުރިހަމައަށް ހަދާފައިވާ ވެވެކެވެ. ބޭނުންކޮށްފައިވާ ހިލަ ނުވަތަ ގަލުގެ ކަޅުކަމުން މާބުލް ފަދައެވެ. މިތަނުންވެސް ފެނުނީ މަސައްކަތްތެރިކަމުން ފުރިފައިވާ މަސައްކަތެކެވެ. މިސްކިތް ގޯތިތެރޭ ހަތަރެސްކަން ވަޅެއްހުއްޓެވެ. މިއީ ހައެއް ނުވަތަ އަށްފޫޓުގެ ފުންވަޅެކެވެ. ވަޅުގައި ދާނިތަކެއް ބަހައްޓާފައިހުއްޓެވެ. ކުރިން ބަޔާންކުރި ފަދަ މިސްކިތްތައް މިރަށުން ބައިވަރު ފެނުނުކަމަށް ދަތުރުވެރިން ފާހަގަކޮށްފައިވެއެވެ.
ބޮޑު ބުރަވެވޭގޮތުގައި ސިފަކޮށްދީފައިއެވަނީ ގެންމިސްކިތެވެ. ގެންމިސްކިތަކީ ފުވައްމުލަކުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތްކަމަށް ތާރީޚް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މިދެބެން ފުވައްމުލަކުން ފުރައިގެން ދަތުރު ފަށައިފައިވަނީ އަސޭކަރަ ނުވަތަ ސުމަޓްރާއަށެވެ. އެމީހުންނަށް ސުމަޓްރާއަށް ދެވުނުކަމަށްވަނީ 1529 ވަނަ އަހަރު އޮކްޓޫބަރ ތެރޭގައެވެ. ސުމަޓްރާގައި އުޅެނިކޮށް ޖީން އަށް ގަދަ ހުމެއްޖެހި އެއަހަރު ޑިސެމްބަރ މަސްތެރޭ މިދުނިޔެ ދޫކުރިއެވެ. އަދި ރައޮލްއަށްވެސް އެބުރި ގައުމަށް ނުދެވި އުޅެނިކޮށް ހުމެއްއައިސް މިދުނިޔެ ދޫކުރިއެވެ.

މައުލޫމާތުނެގީ؛
ދަ ވޮޔޭޖް އޮފް ފްރާންކޮއިސް ޕިރާޑް ޑި ލަވަލް
ނަސީމާ މުހައްމަދު، (2005) މޯލްޑިވިއަން ސީފެއަރިން އިންދަ ޕްރީ ޕޯރޗްގީޒް ޕީރިއަޑް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !