ރޭގެ ޖަލްސާގައި ފާރޫގު ބޭބެގެ ނަމެއް ނުގަނޭ
ރޭ ޕީޕީއެމުން ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ނިންމާލުމުގެ ޖަލްސާގައި އެޕާޓީއަށް ނިސްބަތްވާ އަދި އެޕާޓީއަށް ތާއިދު ކުރާ ރަށާއި ރަށުން ބޭރުގައި ތިބި އެންމެންހެން ހާޒިރުވެ ތިއްބެވެ. އަދި ޖަލްސާގައި މުހިންމު މީހުންގަ ނަންތައް އިރުއިރުކޮޅާ އަޑު އިވިގެން ދިޔައެވެ. ނަމަވެސް ފާހަގަ ކުރެވުނީ ޕީޕީއެމަށް އެންމެ ބޮޑު ގުރުބާނީއެއް ވާ އެންމެ ދުވަސްވީ އެއްފަރާތް ކަމުގައިވާ ދަޑިމަގު ރިހިވިލާގެ ފާރޫގު ހަސަން(ފާރޫގެ ބޭބޭ)ގެ ނަން އެއިގެ ތެރޭގައި ހިމެނިގެން ނުދިޔަކަމަވެ.
މައުމޫނުގެ ދުވަސް ސުރެން އެޕާޓީއާއެކު އުޅެ މަޖުލީހުގެ މެންބަރުކަން އެތައް ދައުރެއްގައި އަދާކޮށްފައިވާ ފުވައްމުލަކުގެ އުތުރު ދާއިރާގެ ބޮޑު ތާއިދެއް އޮން ބޭފުޅެކެވެ. ދުވަހަކު ވެސް ޕާޓީގެ ކަންކަމާއި ދުރުނުވެ ހުންނެވި ޕީޕީއެމްގެ ފުވައްމުލަކުގެ ވަރުގަދަ އެއް ތަނބެވެ. މިހާރު އުމުރުން ދުވެސްވެފައި ވީ ކަމުގައި ވިޔަސް ރޭގެ ޖަލްސާއަށް މާލެއިން ދަތުރުކޮށް ބައިވެރިވިއެވެ.
ފާރޫގެ ބެބޭގެ މުޅި އާއިލާއަކީ ވެސް ޕީޕީއެމްގެ މީހުންނެވެ. ސިޔާސީގޮތުން ޕާޓީއަށް ތާއިދު ހޯއްދަވައި ދެއްވުމަށް، އަމިއްލަ ބަލިހާލުގައި ހުރެމެވެސް ދޭތެރެދޭތެރެއިން ފުވައްމުލަކަށް ދަތުރުކުރައްވައި ދޮރުން ދޮރަށް ހިންގަވާ އުޅުއްވައެވެ.
ފާރުގުބޭބެގެ މެންބަރުކަމުގެ ދުވަސްވަރު މުޅި ފުވައްމުލަކުގެ އެންމެ ނުފޫޒު ގަދަ ބޭފުޅާއެވެ. ރައްޔިތުންގެ މަޖުލިހުގެ ރައީސް މަސީޙުއަށް މިހާރު ފުވައްމުލަކުގައި ނުފޫޒު އޮންނަ މިންވަރަށް ވުރެވެސް ބޮޑަށް އެދުވަސްވަރު ފާރޫގުބޭބެ އަށް ފުވައްމުލަކުގެ ނުފޫޒު އޮންނަ ކަމަށް ކަމުގެ މައުލޫމާތު އެނގޭ ފާރޫގުބޭބެގެ ކުރީގެ އަރިސް މީހަކު ކިޔައިދިނެވެ.
ނަމަވެސް އެކަން ފޮހެވިގެން ދަނީހެއްޔެވެ؟ މިހާރު ފުވައްމުލަކުގެ ވަޒީފާތައް ލިބިގެން ގޮސްފައިވާ ގޮތަށް ބަލާއިރުވެސް ކުރީގެ ބާރުގަދަ، ގިނަ ވަޒީފާތަކެއް ހިއްސާ ކުރި ދަޑިމަގު އަވަށުގެ ބާރު ދަށްވެ ރަށުގެ އަނެއް ކޮޅުން ފުނާޑު (މަސީހު ނިސްބަތްވާ) ކޮޅުގެ ބާރު ގަދަވާކަން ހާމަވެއެވެ.
ރޭގެ ޖަލްސާއިން ފާރޫގު ބޭބެއަށް ހައްޤު މިންވަރު ލިބުނު ކަމާމެދު ސުވާލު އުފެދޭވަރު ވޭ ހެއްޔެވެ؟
އެހެނީ ކުރީގެ އިސްލާމިކު މިނިސްޓަރ އަދި ފުވައްމުލަކުގެ ދީނީ އިލްމު ވެރިޔާ މުހައްމަދު ރަޝީދު އިބުރާހިމް (ރަޝީދު ބޭބޭ)ގެ ނަން ދޭތެރެދޭތެރެއިން ތަކުރާރުވަމުން ދިޔައެވެ. އަދި ރޭގެ ޖަލްސާގައި ރައީސްގެ އެންމެ އަރިއަހުން ޖާގަ ލިބިވަޑައިގަތެވެ. މިއިން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟ ރޭގެ ޖަލްސާ ހުށަހަޅާދެއްވީ ރަޝީދުބޭބެގެ އަންހެންންގެ އާއިލީ (ތޯރިޤު – ޗެޓޫ) ކުއްޖެކެވެ.
މިއީ ފުވައްމުލަކު އުތުރު ދާއިރާގެ ސިޔާސީ މަސްރަހު ކުރެހިގެންދާ ގޮތް ބަދަލުވާކަމުގެ ހެއްކެއް ބާއެވެ؟ އުތުރު ދާއިރާގެ ޕާޓީތެރޭގެ ސިޔާސީ މަސްރަޙު ކުރހިގެންދާގޮތް މިފަދަ ކަންކަމުން ހާމަކުރެވިދާނެއެވެ.
މި ދެ ފާރަތުގެ އާއިލާއަކީ ވެސް ފުވައްމުލަކުގެ ޕީޕީމަށް ތާއީދު ކުރާ ދެ އާއިލާއެވެ. ބުނެވޭ ގޮތުގައި ދެފަރާތުން ވެސް ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕީއެމް ޓިކެޓަށް އުއްމީދު ކުރެއެވެ. ސިޔާސީ މަސްރަޙުން ދައްކާ މަންޒަރުތަކުން މިފަދަ ކަންކަން ފަހުމު ކުރެވިދާނެ ހެއްޔެވެ؟