23 މެއި 2019 ( ބުރާސްފަތި )

banner

ކުނި ކޮށިން އަރަމުންދާ ދުމުން ކޮށި އަރަނީ

-ހުސެއިން ފަރަހު-

ފުވައްމުލަކުގެ ނައިބު ތުއްތު މަގުން ހަވީރު ފިނި އަށް ބުރު ޖަހާލަން ނުކުންނަ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފުވައްމުލަކު ކުނި ކޮށިން އަރާ ދުމުގެ ޝަކުވާ އެވެ. ހެދުނު ސްކޫލަށް ކުދިން ގެންދާ ބެލެނިވެރިން ޝަކުވާ އަކީ ވެސް ހަމަ މިއީ އެވެ. މި ކަމަށް ހައްލެއް ލިބޭނެ ކަމުގެ އިންތިޒާރުގާ ތިބި މީހުން މަދެއް ނޫނެވެ. ނަމަވެސް ހިތާމަޔަކީ މިކަމަށް އަދިވެސް އަވަސް ހައްލެއް ލިބިފައި ނުވާ ކަމެވެ.

ކުނި އަންދާ ސަރަހައްދު ގައި ކުނި އެންދުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަމުން ދަނީ ހާފިޒް އަހުމަދު ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާއި ކިޔަވާ ދެއްވާ މުދައްރިސުންނަށެވެ.

މިބޭފުޅުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކިޔަވާދެމުންދާ ގަޑީގައި ކުނި އެންދުމުން، އަރަމުންދާ ދުމުން ކުދިން އަބުރާ ގަތުމެވެ. މި ގޮތަށް އަބުރާގަތުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫއަރަމުންދާ ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.

މި އަހަރުގައި މިމައްސަލަ އެހާ ބޮޑު ނުވި ނަމަވެސް މިދިޔަ އަހަރު މި މައްސަލަ ވަރަށް ބޮޑުވެފައި ވެއެވެ. މި ގޮތުން މިދިޔަ އަހަރު ހަފްތާއެއްގެ މައްޗަށް ދެ ކުދިން އަބުރާ ގަނެގެން ހޮސްޕިޓަލަށް ގެންދެވޭ ކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.

ފުނާޑު ކައުންސިލަށް ދުވަހަކު ދެތިން ފަހަރު މި މައްސަލަ ހުށަހެޅޭ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. މި މައްސަލަ އެންމެ ބޮޑަށް ހުށައަޅާފައި ވަނީ ހާފިޒް އަހުމަދު ސްކޫލުން ކަމަށް އެބޭފުޅުން މައުލޫމާތު ދެއްވައެވެ. އަދި ހަމަ އެހެންމެ މަގުން ދުއްވާ މީހުންނަށް އުދަގޫވާތީ ހުށައެޅޭ މައްސަލަތައް ވެސް މަދު ނޫން ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ކުނި މެނޭޖު ކުރުން ވިޔަފާރި އުސޫލުން ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލު ކޮށްފައެވެ. އަތޮޅު ކައުންސިލް، ހާފިޒް އަހުމަދު ސްކޫލް، ފުނާޑު ކައުންސިލުން މިކަން ހައްލު ކުރުމަށް ޓަކައި ވަނީ މި ބޭފުޅުންނާއި ވާހަކަ ދައްކާ އަދި ބައްދަލުވުންތައް ވެސް ބާއްވައިފައެވެ. އަދި އަތޮޅު ކައުންސިލުން މި މައްސަލަ އީ.ޕީ.އޭ ( އެންވައިރޮމެންޓު ޕުރޮޓެކްޝަން އޭޖެންސީ ) އަށް ވަނީ ހުށައަޅާފަ އެވެ.

މި މައްސަލަ އަށް ހައްލެއް ލިބުމަކީ ފުވައްމުލަކު ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް މިއީ އަބަދުވެސް ހުވަފެނެއްގެ ގޮތުގައި އޮންނާނީ ބާވައެވެ. ނުވަތަ ހަޤީގަތަކަށް ވާނެބާއެވެ؟؟

banner

ކިޔުންތެރިންގެ ޚިޔާލު