A wide advertisement which will be shown on all devices. (700 x 100)

ގައުމަށް ގައްދާރުވި މީހުންގެ ތެރެއިން ނުވަވަނަ ހަސަން ރަސްގެފާނު

މާލޭގެ ކުރީގެ ފޮޓޯއެއް

ގައުމަށް ޚިޔާނާތްތެރިވި މީހުންގެ ތެރެއިން މިހާރުވެސް ދިވެހިންގެ މެދުގައި މިސާލު ބަހަކަށް ދޫމައްޗަށް އެންމެ ފަރިތަ އެއް މިސާލަކީ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ވާހަކައެވެ. ނުވަ ވަނަ ހަސަން ރަސްގެފާނުގެ ފުރިހަމަ ނަމަކީ އައްސުލްޠާން ހަސަން ސިރީ ދިރިކުސަލޯކަ މަހާރަދުން އެވެ. މިރަސްގެފާނަކީ ރާއްޖޭގައި ޚުދުމުޚްތާރު ވެރިކަމެއްކޮށް ގައުމަށް ޙިޔާނާތްތެރިވިކަމަށް ތާރީޚްގައި ލިޔެވިފައިވާ ކަޅު މުހައްމަދު ރަސްގެފާނުގެ ދަރިކަލުން އުމަރު މާފަތްކިލެގެގެ ދަރިކަލެކެވެ. އެހެންކަމުން ނުވަ ވަނަ ހަސަން ރަސްގެފާނުގެ ކާފާ ފުޅަކީ ކަޅު މުހައްމަދު ރަސްގެފާނެވެ.

ރަސްކަން ކުރެއްވުން:

ނުވަ ވަނަ ހަސަން ރަސްގެފާނު ނުވަތަ އައްސުލްޠާން ހަސަން ސިރީ ދިރިކުސަލޯކަ މަހާރަދުން ދިވެހި ރަސްކަމުގެ ހުންގާނުގައި ހިއްޕެވީ މީލާދީން 1550 ވަނަ އަހަރުގައި ކަމަށާއި އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ 19 އަހަރެވެ. އެރަސްގެފާނަކީ ގައިގެ ކުލައަކީ ޕޯޗްގީޒުން އެތެރެވަރީގެ މީހުންނާއި އިނދެގެން ލިބޭ ދަރިންގެ ހުންނަ ކަހަލަ ދޮންކުލަ އެއްކަމަށް ދިވެހިރާއްޖެ ޑޮޓް ކޮމް (2011) ގައި ލިޔެފައިވެއެވެ. އެލިޔުމުގައި އިތުރަށް ބުނެފައިވަނީ މިރަދުންގެ ރަސްކަން ދެމިއޮތީ ދެ އަހަރާއި ފަސް މަސް ދުވަހަށް ކަމަށެވެ. ނަމަވެސް ނަސީމާ މުހައްމަދު (2000) ލިޔުއްވާފައިވަނީ އެއް އަހަރާއި 10 މަސް ދުވަސް ކަމަށެވެ. އެއީ މީލާދީން 1550 އާއި 1551 އާއި ދެމެދުއެވެ. މިހެންކަމުން ނުވަ ވަނަ ހަސަން ރަސްގެފާނަށް ދިވެހި ތަޚުތުގައި ގިނަ ދުވަހަކަށް ނީދެވެއެވެ.

ގައުމަށް ޚިޔާނާތްތެރިވުން:

ކާފާފުޅު ކަޅު މުހައްމަދު ރަސްގެފާނު ފަދައިން ނުވަ ވަނަ ހަސަން ރަސްގެފާނުވެސް ގައުމަށް ޚިޔާނާތްތެރިވެފައިވަނީ އެތައް ރޮނގަކުންނެވެ. ގައުމުގެ އިސްތިޤުލާލާއި މިނިވަންކަމަށް އަރައިގަތެވެ. ގައުމުގައި އޮތް އިސްލާމީ އަޤީދާ ބަލިކަށިކޮށްލުމަށް އެތައް ރޭވުންތަކެއް ރާވައި އަދި މާތްވެގެންވާ އިސްލާމްދީނަށް ޚިޔާނާތްތެރިވެ އިސްލާމް ދީން ދޫކުރުމަށްފަހު ކްރިސްޓިއަން ދީނަށް ވަނދެ މުރުތައްދުވެފައިވާ ކަމަށް ތާރީޚް ދިރާސާކުރާ އެތައް ބައެއްގެ ލިޔުންތަކުގައި ލިޔެފައިވާކަމަށް ނަސީމާ މުހައްމަދު (2010) ލިޔެފައިވެއެވެ. ނަސީމާ މުހައްމަދު (2013) ވިދާޅުވަނީ ހަސަން ރަސްގެފާނު އިސްލާމް ދީން ދޫކޮށް ކުރިސްޓިއަން ދީން ޤަބޫލުކުރީ ކޮޗޭގައި ކަމަށެވެ. އެގޮތުން އޭނާ ކޮޗޭއަށް ގޮސްފައިވަނީ ގާތްތިމާގެ މީހުންނާއި އެއްކޮށެވެ. އަދި އެމީހުންގެ ތެރެއިން އިސްލާމްދީން ދޫކޮށް ނުލިމީހުން އަނބުރާ ރާއްޖެއަށް ފޮނުވައިލިއެވެ. އޭނާ ކްރިސްޓިއަން ދީން ޤަބޫލުކޮށް އެތަނުގައި މީހަކާއި އިނދެ އަދި ދަރިން ލިބިފައިވާ ކަމަށް (ދިވެހިރާއްޖެ. ކޮމް، 2011) ލިޔެފައިވެއެވެ. އަދި ހަމަ އެލިޔުމުގައި ބުނެފައިވަނީ ފާދަ އީ ރެޑިއާ ނަމަކަށް ކިޔުނު ނަސާރާ ފާދިރީއެއް، އެ ދީނުގެ މައުލޫމާތު ހަސަން ރަސްގެފާނަށް އަވަސް ގޮތަކަށް އެރުވުމަށް ފަހު 1 ޖެނުއަރީ 1552 ވަނަ އަހަރުގައި ނަސާރާދީނަށް އެރަސްގެފާނު ވެންނެވިކަމަށެވެ. އަދި އޭގެ ފަހުން ނަމެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޑޮމް މެނުއަލް ކަމަށެވެ. މުހައްމަދު އިސްމާޢިލް ދީދީ (1995) ލިޔުއްވާފައިވަނީ، އެދުވަސްވަރުގައި ހަސަން ރަސްގެފާނު ކޮޗޭގައި ޕޯޗްގީޒުންގެ މަދަދުވެރިކަމާއި އެކު ރާއްޖޭގެ ރަސްކަން އަތުލައިގަތުމަށް ރޭވުންތައް ރާވަމުން ގެންދިޔަކަމަށެވެ. އަދި ރާއްޖެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރި ޕޯޗްގީޒުންނަށް މިކަންތައްތައް ވެގެންދިޔައީ މުސްތަޤްބަލުގައި އެމީހުންގެ ބާރު ދިވެހިރާއްޖާގައި ހިންގުމާއި މެދު ކުރަމުން ގެންދިޔަ އުންމީދުތައް ހަގީގަތަކަށް ވާނެކަމެއް ކަމަށެވެ.
ހަސަން ރަސްގެފާނުގެ ޚިޔާނާތްތެރިވެފައިވަނީ ހަމައެކަނި ދިވެހި ގައުމަކަށް ނޫނެވެ. މާތްވެގެންވާ އިސްލާމްދީން ދިވެހިރާއްޖެ އިން ފޮހެލުމަށް ހަސަން ރަސްގެފާނު މަސައްކަތްކުރެއްވިކަން ތާރީޚުން އެގެން އެބައޮތެވެ. އެގޮތުން އެރަދުން ނަސާރާދީނަށް ވެއްދި ފާދިރީ އާއި ގާގޯ ނަމަކަށް ކިޔުނު މީހަކު ހަސަން ރަސްގެފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު އަރިހުގައި ވަޑައިގެން ނަސާރާދީނަށް މީހުން ވެއްދުމަށް އެރަދުންނަށް އެހީ ތެރިވެދިނުމަށް އެއްބަސްވެފައިވާކަމަށް އަބްދުﷲ އިމްރާން (2010) ވިދާޅުވިއެވެ. އަދި ހަމަ އެއާއި އެކު އެމަނިކުފާނުގެ ކާފާފުޅު ފަދައިން ދިވެހި ވިޔަފާރިއަށާއި އިގްތިސޯދާއި އާދަކާދަ އާއި ސަގާފަތައްވެސް ޚިޔާނާތްތެރި ވެފައިވެއެވެ. އެގޮތުން ގިނަ އަދަދެއްގެ ރޯނު ކޮންމެ އަހަރަކު ޕޯޗްގީޒް ރަސްގެފާނަށް ފޮނުވުމާއި، އަދި މިތަކެރި އަމިއްލަފުޅު ޚަރަދުގައި ކޮޗިން އަށް ފޮނުވައިދެއްވަން އެއްބަސްވެފައިވެއެވެ. އަދި ޕޯޗްގީޒް މީހުން ފްލީޓްތަކުގައި ރާއްޖެ އައިސް މީހުންގެ މުދަލާއި ތަކެތި ފޭރި ލައްކަ ނުލަފާ ކަންތައް ހިންގުމަށް ނުވަ ވަނަ ހަސަން ރަސްގެފާނު މަދަދު ދެއްވާފައިވެއެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއިން ޖިޒީ ދެއްވާގޮތަށް ހަމަޖައްސާފައިވެއެވެ. މިފަދަ އެތައް ކަންތައްތަކުން އެގި ކަށަވަރުވަނީ މާއްދީ އަދި މާލީ ގޮތުންވެސް ދިވެހި ރައްޔިތުންނަށް ހަސަން ރަސްގެފާނު ޚިޔާނާތްތެރިވިކަމެވެ.
ނުވަ ވަނަ ހަސަން ރަސްގެފާނު ގައުމަށްވެފައިވާ އެންމެ ބޮޑު ޚިޔާނާތަކީ ޕޯޗްގީޒުން ގޮވައިގެން ރާއްޖެއަރައި އޭރު ރަސްކަމުގައި ހުންނެވި އަލީ ރަސްގެފާނު (ފަހުން މަޝްހޫރު އަލި ރަސްގެފާނު) ޝަހީދުކޮށް ދިވެހި ތާރީޚްގައި ނުދެކޭފަދަ އަނދިރި ދުވަސްތަކެއް ދިވެހިންނަށް ކުރިމަތިކުރުވައި ދިވެހި ވެރިކަމުގެ ސިންގާސަނާ އާއި ޕޯޗްގީޒުންނާއި މަތިކުރުމުގެ އިސްމޭސްތިރި އަކީ ނުވަ ވަނަ ހަސަން ރަސްގެފާނު ކަމަށެވެ. (ދިވެހިރާއްޖެ .ކޮމް، 2011). އޭރު އަލި ރަސްގެފާނު ކައިވެނި ބައްލަވައިގެން އިންނެވީ ނުވަ ވަނަ ހަސަން ރަސްގެފާނު ކާފާފުޅު ކަޅު މުހައްމަދުގެ ދަރިކަލުންނާ އެވެ. އަލި ރަސްގެފާނު ޝަހީދު ކުރުމަށްފަހު ޕޯޗްގީޒުންގެ އިސްކޮމާންޑަރެއް ވެސް މިކަމަނާއާއި ކައިވެނި ބައްލަވައިގަތެވެ. އަދި ޕޯޗްގީޒުން ދިވެހި ރާއްޖެއަށް ވެރިވެ 17 އަހަރު އަނިޔާވެރި ވެރިކަމެއް ހިންގިއެވެ. މިއަނިޔާވެރި ވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމުގައި އިސްކޮށް ހުންނެވީ ނުވަ ވަނަ ހަސަން ރަސްގެފާނެވެ. އެރަސްގެފާނު އަވަހާރަވީ މީލާދީން ގާތްގަޑަކަށް 1583 ވަނަ އަހަރުއެވެ. އޭރު އުމުރުފުޅުން 50 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. (އެޗް ސީ ޕީ ބެލް، 1940).

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !