15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

އުފަންދުވަހުގެ ޙަފުލާގެ ކޭކު

އުފަންދުވަހުގެ ކޭކާއި އުއްބައްތި ދިއްލުމުގެ ފެށުން

މިޒަމާނުގައި ބާތްޑޭ ޕާޓީއެއް ކޭކަކާއި ނުލައި ފުރިހަމަ ވާނެ ބާވައެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ ކުދިން އުފާ ވަނީ ކޭކެއް ފަޅާލެވުމުން ކަމަށް ވުން ހެއްޔެވެ؟ ނުވަތަ ގިނަ ބަޔަކަށް ކޭކު މީރު ވީމަ ހެއްޔެވެ؟ މިޒަމާނުގައި ބާތްޑޭ ޕާޓީތަކުގައި ކޭކާއި، ކޭކުގައި ދިއްލާ އުއްބައްތީގެ އިތުރުން ބާތުޑޭ ލަވައެއް ހިމެނުމުގެ އާދަ ފެށިގެން އައިގޮތާއި މެދު ބަލާލުން އެން މެ ރަނގަޅު ކަމަށް ދެކެމެވެ.
ކޭކުގައި އުއްބައްތި ދިއްލުމާއި މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ކޭކުގައި އުއްބައްތި ޖަހައި ދިއްލުމުގެ ތާރީޚު ފެށިގެން އައީ ގަދީމީ ގްރީކުން ކަމަށް ތާރީޚި ގޮތުން ބެލެވެއެވެ.
ގަދީމީ ގްރީކު މީހުން ވަށްކޮށް އެޅި ކޭކު ރަމްޒުކޮށް ދިނީ ހަނދެވެ. ނުވަތަ އެމީހުންގެ ހަނދުގެ ކަލާނގެ “އަރުތެމީސް” އެވެ. އަދި މެދުގައި ދިއްލާ އުއްބައްތި ރަމުޒުކޮށް ދިނީ ހަނދުގައިވާ ރަތް އަލިކަމެވެ. ރީތި ކަމެވެ.
މިޑްލްއޭޖެސް އިން ފެށިގެން ޖަރުމަނުން ކުޑަކުދިންގެ އުފަންދުވަސް ފާހަނގަކުރުމުގެ ގޮތުން ކޭކު އަޅަން ފެށި ކަމަށް ވެއެވެ. އެމީހުންގެ އެރަސްމިއްޔާތަށް ކިޔައި އުޅުނީ “ކިންޑަރފެސްޓް” އެވެ. އެމުނާސަބަތުގައި ބޭނުންކުރި ކޭކުގެ މެދުގައި ބޮޑު އުއްބައްތިއެއް ދިއްލައި އެއިން އެމީހުން ރަމްޒުކޮށް ދިނީ އުޖާލާ ހަޔާތެއް ނުވަތަ “ހަޔާތުގެ އަލި”ކަމެއް ގެ ގޮތުގައެވެ.
އެންމެ ފުރަތަމަ ޖަރުމަނުންގެ ކޭކުތައް ބޮޑަށް ވައްތަރީ، ދިވެހި ކުޅި ބޯކިބަލާއެވެ. އެގޮތަށް ރާޅުފުށުގައި ފިހެފައިވާ ބޯކިބަލެއް ގޮތަށެވެ. ނަމަވެސް 17 ވަނަ ގަރުނާއި 18 ވަނަ ގަރުނުގައި އެ “ކޭކު” ބަދަލުވެގެން ދިޔައީ އޮމާން ފޮނި ކޭކަކަށެވެ. އެއަށް އެމީހުން ކިޔާ އުޅުނީ “ގެބާރޓްސްޓެގާޓަން” އެވެ. އެކޭކު ރީތިކުރުމުގެ ގޮތުން އައިސިން ޖެހުމާއި ޑިޒައިންތައް ލުން އަދި މާޖެހުން ހިމެނި އިތުރަށް ތަރައްގީވެގެން ދިޔައެވެ.
މިޒަމާނުގެ ބާތުޑޭ ކޭކުގައި އުއްބަތި ޖެހުމާއި ގުޅެ ގޮތުން އައިސްފައިވާ ތަފާތު އެހެން ވާހަކަތައް ވެސް ހުރިކަން ހަނދާން ކުރަން ޖެހެއެވެ.
ބައެއް ދީންތަކުގެ މީހުން ގަބޫލުކުރާ ގޮތުގައި އުފަންދުވަހުގެ ކޭކުގައި ދިއްލާ އުއްބަތި އެއް ނޭވާއިން ފުމެ ނިއްވާލުމުން އަރައިގެންދާ ދުމުން އެމީހުންގެ އެދުންތައް (ވިޝް) ސުވަރުގެއާއި ހަމަޔަށް ގެންގޮސް ދެއެވެ. އަދި އެމީހުންގެ އެދުން (ބޭނުން) ސިއްރުކޮށްފިނަމަ އެއަހަރުގެ ތެރޭގައި އެކަމެއް ހާސިލު ވެއެވެ. އެސިއްރު ހާމަވެއްޖެ ނަމަ އެކަމެއް ހާސިލުނުވެ ދެއެވެ. އަދި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެމީހަކަށް ކުރެވިފައިވާ އެންމެހައި ނުބައި ކަންތައްތައް އުއްބައްތީގެ ދުމާއެކު އެމީހެއްގެ ކިބައި ފިލައިގެން ދެއެވެ. ނުވަތަ އެންމެހާ ނުބައި ކަމަކުން އެމީހަކު ސަލާމަތްކޮށް ދެއެވެ.
ރާއްޖޭގެ މީހުން ބާތުޑޭ ކޭކާއި ކޭކުގައި ޖަހާ އުއްބައްތި ނިންވާލުމާއި ބާތުޑޭ ލަވަ ޖެހުން އަދި އުފަންދުވަސް ފާހނަގަކުރުން މާނަކުރަނީ ކޮން ގޮތަކަށް ހެއްޔެވެ ނުވަތަ ކޮން ކަމެއް ޙާސިލުކުރަން ބާއެވެ؟ ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ކޮށްލާ އިޖުތިމާޢީ ކަމެއްގެ ގޮތުގައި ހެއްޔެވެ؟ އަހަރުތެރޭގައި އާއިލީ މީހުންނާއި އެކުވެރިންނާއި އެއްކޮށް ބައްދަލުކޮށްލުމަށް ރަނގަޅު އުފާވެރި ވަގުތު ކޮޅެއް ހޯދުމުގެ ގޮތުން ކުރާ ކަމެއް ހެއްޔެވެ؟ ނުވަތަ ބަޔަކު ކުރާތީ ހަމަ ކުރާ ކަމަކީ ހެއްޔެވެ؟ ނޫނީ އާއިލާގެ އެންމެން އެދުވަސް ފާހަނގަ ކޮށްދޭތީ ޝުކުރުވެރިވުމުގެ ގޮތުން ކުރާ ކަމެއް ހެއްޔެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު