A wide advertisement which will be shown on all devices. (700 x 100)

ޗައިނާގެ މުސްލިމުންނަށް ރޯދަ ހިފުން އަނެއްކާވެސް މަނާ ކޮށްފި

ޗައިނާގެ މުސްލިމުންގެ މިއަދުގެ ޙާލަތާއި މެދު ކަންބޮޑުވާން ޖެހޭ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗައިނާގެ ހުޅަގު ބިތުގައިވާ ޒިންޖިއަން ސަރަހައްދުގެ މުސްލިމުންނަށް ރަމަޟާންމަހު ރޯދަހިފުން މަނާ ކޮށްފިއެވެ. ރޯދަހިފުން މަނާކުރެވިފައިވާ ޚާއްސަ މީހުންގެ ގޮތުގައި ފާހަނގަކޮށްފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނާއި ކިޔަވާކުދިންނާއި ޓީޗަރުންނެވެ.

ނަމވެސް ޒިންޖިއަން ސަރަހައްދުގެ މުސްލިމު އާބާދީ ނިސްބަތްވާ، އާބާދި މަދު “އުއިޣާސް” ދަރިކޮޅުގެ އެންމެންގެ މައްޗަށް ވެސް ބަރަކާތްތެރި ރަމަޟާން މަހު ރޯދަ ނުހިފުމަށް މިއަމުރު ގައި އަންގާފައި ވެއެވެ.
އުއިޣާސް ދަރިކޮޅުގެ ވެރިޔާ، ދިލްޒަޓް ރަޒިޓް ހާމަކުރައްވާ ގޮތުން މިއީ ޗައިނާ ސަރުކާރުން އެމީހުންގެ އިސްލާމީ އަޤީދާ ކޮންޓްރޯލް ކުރުމަށް ކުރާކަމެކެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އެދަރިކޮޅުގެ ރައްޔިތުން ޗައިނާ ސަރުކާރާއި ދެކޮޅު ހަދާ މިންވަރު އިތުރުވެގެން ދާނެއެވެ.
“މިފަދަ ގަވާއިދުތަކުގެ ސަބަބުން އުއިޣާސް މީހުންގެ ގަބޫލުކުރުންތައް މިވަނީ ވަރަށް ބޮޑަށް ސިޔާސީ ވެފައި. އަދި މިގޮތަށް ކޮންޓްރޯލް ކުރަން އުޅުނު ވަރަކަށް ދެކޮޅުހެދުންތައް ވަރުގަދަވެ ހަރުކަށިވެގެން ދާނެ” ރަޒިޓް އިތުރަށް ވިދާޅުވިއެވެ.
ފަހަކަށް އައިސް ޗައިނާގައި އާއްމުނަށް ދެވޭ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ ސަރުކާރުން އަޅުވަނީ އުއިޣާސް ދަރިކޮޅުގެ މުސްލިމުންގެ ބޮލުގައެއެވެ. ނަމވެސް އެކަމާ މުސްލިމުން ދެކޮޅު ހަދަމުން ގެންދެއެވެ. މުސްލިމުންގެ އިސްފަރާތްތަކުން ބުނަމުންދަނީ މިއީ ސަރުކާރުން އެމީހުންގެ ދީނީ ފިކުރު ކޮންޓްރޯލް ކުރުމަށް ހުއްޖަތެއް ދެއްކުމުގެ ގޮތުން އެމީހުންގެ ބޮލުގައި އަޅުވާ އިލްޒާމުތަކެއް ކަމަށެވެ.
ރޭޑިއޯ އޭޝިއާއަށް ރަޒިޓް ދިން އިންޓަވިއުއެއްގައި ނުރުހުމާއކު ވިދާޅުވީ، މުސްލިމު ދަރިވަރުން ރޯދަމަހު ރޯދަ ނުހިފާކަމުގެ ޔަގީންކަން ބެލެނިވެރިންގެ ފަރާތުން ޗައިނާ ސަރުކާރަށް ބޭނުންވެގެން އުޅޭ ކަމެވެ.
ރެސްޓޯރެންޓް ހޮޓާ ދުވާލު ހުޅުވާފައި ބެހެއްޓުމުގެ އަމުރު
ސަރުކާރުގެ ވެބްސައިޓްގައި ވާގޮތުން ކަޒަޚު ބޯޑަރު ކައިރީގައި ވާ ޙަލާލު ރެސްޓޯރެންޓްތައް ދުވާދު ހުޅުވާފައި ބެހެއްޓުމަށް ކާނާގެ ރައްކާތެރިކަމާ ބެހޭ އިސް އޮފިޝަލުން ހިތްވަރު ދީފައި ވެއެވެ. އަދި މުސްލިމު ފަރާތްތަކަށް ނިސްބަތްވާ ހޮޓާ، ރެސްޓޯރެންޓް ތަކަށް ސަރުކާރުން އަމުރުކޮށްފައި ވަނީ ސިނގިރެޓާއި ރާ ރޯދަމަހު ދުވާލު ވެސް ވިއްކުމަށެވެ. އެހެން ނޫނިއްޔާ އެތަންތަން އެއްކޮށް ބަންދު ކުރާނެ ކަމަށެވެ.
މިއަމަލުތައް ޗައިނާ ސަރުކާރުން ސިފަކުރަމުންދަނީ، މިއީ ހައްދުފަހަނަޅާފައިވާ މުސްލިމުން ނައްތާލުމަށް ކުރެވޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަމުން ދަނީ މިއީ ދީނީ މިނިވަންކަން ފިއްތާލާ ނެތިކޮށްލުމަށް ކުރާ ކަންކަން ކަމަށެވެ. ޗައިނާ ސަރުކާރުން އަންނަނީ މުޖުތަމައުގެ އާއްމު ހަރަކާތްތަކާއި ކަންކަމުގައި އިސްލާމް ދީނުގެ ކަންކަން ކުރުން ހުއްޓުވަމުންނެވެ.
ވެރިކަން ކުރާ ޕާޓީން ބުނަމުންދަނީ ތައުލީމާއި ދީނާއި ވަކިކުރުމަށެވެ. އަދި ކިޔަވާކުދިންނަށް ދީނުގެ ނުފޫޒުތައް ނުފޯރުވުމަށެވެ. ނަމަވެސް މިކަންކަން ހިފަހައްޓަނީ ހަމައެކަނި އިސްލާމް ދީނަށްކަން ފާހަގަކުރެވެއެވެ. ޗައިނާގެ މައިގަނޑު އެހެން ދީންތައް ކަމަށްވާ ބުޑިސްޓް، ޑޮއީސްޓް އަދި ކްރިސްޓިއަން ދީނުގެ ކަންކަމަށް މިފަދައިން އަމަލުކުރަމުންނެއް ނުދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !