A wide advertisement which will be shown on all devices. (700 x 100)

އިދިކޮޅު ޕާޓީ ޕާޓީތަކާއި ޕީޕީއެމްގެ ޑީލް 1

މިއަދު ގާނޫނު އަސާސީއަށް ގެނެވުނު ފުރަތަމަ އިސްލާޙު

ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމަކީ އެހާ އާއްމު އަދި ފަސޭހަ ކަމެއްވެސް ނޫނެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއަށް ފުރަތަމަ އިސްލާޙު ގެނައުމަށް އިދިކޮޅު ޕާޓީތަކާއި ސަރުކާރު ހިންގާ ކޯލިޝަން ގުޅިގެން ތަނަވަސް އަޣުލަބިއްޔަތަކުން އިއްޔެ ވަނީ ފާސްކޮށްފައެވެ. އަދި އެބިލްގެ ހޫނުކަންމަތީގައި ރައީސު ޔާމީނު އެއިސްލާހު މިއަދު ތަޝްދީގު ކުރުމުން ވަނީ ގާނޫނު އަސާސީގެ ބަޔަކަށް ވެފައެވެ.
މިދުވަސްވަރު ހަލަބޮލިވެފައވާ ސިޔާސީ މަސްރަޙުގައި ސަރުކާރުހިންގާ ޕީޕީއެމުން ބިލް މަޖުލީހަށް ލުމުން ވެސް އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރިއެވެ. އަދި ގާނޫނު އަސާސީއަށް ގެނައި އިސްލާޙާކީ ވަކި މީހަކަށް ފަހާފައި ވާ ކޯޓެކޭ ބުނެ އަޑުއުފުލީ ކުރިން ސްޕްރީމް ކޯޓުގެ ފަޑިޔާރުން މަދުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާޙު ހުށަހެޅިގޮތް ސިފަ ކުރަމުންނެވެ. ފަހުންވެސް އެމައްސަލަ އެމްޑީޕީއަށް ބޮޑު ކަމަކަށް ވިއެވެ. އަދި މުޒާހަރާތަކާއި ސިޔާސީ ފޯރަމްތައް އެއަޑުން ގުގުމާލިއެވެ. އާޚިރުގައި އެފަހަރުވެސް ކަންތައް ވެދިޔައީ ހަމަ ވާހަކަ ދެކެވުނު ގޮތަށް ސްޕްރީމް ކޯޓުން ވަކި ބަޔަކު ބޭރުކުރުމަށް ރޭވި ކަންތައްގަނޑަކަށެވެ.
ކޯޓްތަކުގެ ގާނޫނަށް ގެނެވުނު އިސްލާޙު އެމްޑީޕީން ދެކޮޅު ހެދިނަމަވެސް ޖޭޕީގެ އެހީތެރިކަމާއެކު ފާސްކޮށް، ސްޕްރީމް ކޯޓުން ބޭރުކުރީ އެމްޑީޕީން ދެކޭ ގޮތުގައި އެކޯޓުގައި ތިބި އެންމެ ހަރުދަނާ ވަކިއަތަކަށް ނުޖެހޭ ދެ ފަނޑިޔާރުންނެވެ.
އެފަހަރު ޖޭޕީގެ ލީޑަރު ގާސިމު އިބްރާހިމް “ހައްލުވާލީ” މިއަދު ތަޝްދީގުކުރި ބިލު އަނބުރާ މަޖުލީހުން ނަގައި ދަޅަ ދައްކައިގެންނެވެ. މިއަދު ގާނޫނު އަސާސީއަށް ގެނައި އިސްލާޙުގައިވާ، އުމުރުން 65 އަހަރުން މަތީ މީހުންނަށް ރައީސްކަމަށް ކުރިމަތި ނުލެވޭގޮތަށް ފުރަތަމަ މަޖުލީހަށް ލީ އިސްލާޙު އަނބުރާ ގެނައުމުން ގާސިމަށް ހިކުރެވުނީ ކުރީ ދެދައުރެކޭ އެއްގޮތަށް 2018 ގައިވެސް އޭނާއަށް ރިޔާސީ އިންތިޚބަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް، އެބިލް މަޖުލީހަށް ވައްދައި، އެއިސްލާޙަށް ގާސިމުގެ ތާއިދު ހޯދީ އޭނާ “ރަހީނުކޮށް، ބަނގުރޫޓްކޮށްގެން” ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. ސަރުކާރާއި އިދިކޮޅަށް އަޑުއުފުލަމުން ދިޔަ ގާސިމުގެ ވިޔަފާރިތައް އިނދަޖައްސުވާލައި، އޭނާއާއި މެދު ޓެރަރިޒަމްގެ ދައުވާ ކުރަން ރަވާފައިވާ ވާހަކަ ދެކެވެން ފެށުމުން އޭނާ ވަނީ ގައުމުން ބޭރުގައި “ފިލާ” ފައެވެ. އަދި ކުރިން ދެކޮޅު ހަދަމުން އައި އިސްލާހަށް އާނއެކޭ ބުނެ އެޕާޓީގެ އެހެން މެންބަރުންނަށް އެއިސްލާޙަށް ވޯޓުދިނުމަށް އަންގައި، އާދޭހުގެ މެސެޖުތައް ވެސް ފޮނުވީ އޭނާގެ ވިޔަފާރި ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް ގިނަބަޔަކު ސިފަކުރެއެވެ. އަދި އޭނާއަށް ޖެއްސި މިޙާލުން ސިޔާސީ މަސްރަޙުން އެކަހެރިވެގަނެ ދެން ސިޔާސީ ޙަޔާތް ނިންމާލީކަން އިޢުލާން ވެސް ކުރީއެވެ.
މިފަދަ ގޮތަކަށް ސިޔާސީ މަސްރަހުން ދުރަށް ދާން އިޢުލާންކޮށް، ހިތް ނުރުހިގެން އުޅުނު އިސްލާޙަށް ވޯޓު ހޯދުމަށް މަސައްކަތް ކުރީ ކޮންފަދަ “ޑީލަކުން” ބާއެވެ؟ ހަމަ ވިޔަފާރިއާއި ނަފުސު ހިމާޔަތްކުރަން ބާވައެވެ؟ ސަރުކާރު ހިންގާ ޕީޕީއެމްގެ ބަސް އެއްފަހަރު ގަބޫލުކޮށް ވޯޓު ދިނުމުން ވެސް މަގުސަދު ހާސިލު ނުވިކަން އެނގޭ އިރު ދެވަނަ ފަހަރު ވޯޓުދޭނެވަރުގެ ޑީލެއް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ދެން އޮތީ އެންމެ ބޮޑު އިދިކޮޅު އެމްޑީޕީގެ ވާހަކައެވެ. (ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !