14 ނޮވެމްބަރ 2018 ( ބުދަ )

banner

ޖަޕާނުގައި އުފައްދާފައިވާ ސުޕަރ ކޮމްޕިއުޓަރުތަކެއް

އޮބާމާ ބޭނުންވަނީ ދުނިޔޭގެ އެންމެ ހަލުއި ކޮމްޕިއުޓަރު އުފައްދަން

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބޭނުންފުޅުވަނީ ދުނިޔޭގެ އެންމެ ހަލުއި ކޮމްޕިއުޓަރު އެމެރިކާގައި އުފެއްދުމަށެވެ. އެގޮތުން އެމެރިކާގެ ތަފާތު މުއައްސަސާތައް އެކުވެގެން އެކަމަށް ޚާއްސަ މަސައްކަތެއް ފެށުމުގެ ރަސްމީ ހުއްދަ މިހާރު ވަނީ ދެއްވާފައެވެ.

އެމެރިކާއިން އުފައްދަން ބޭނުންވަނީ “އެގްޒަފްލޮޕް” ސުޕަރ ކޮމްޕިއުޓަރެކެވެ. މިކޮމްޕިއުޓަރު ވެގެންދާނީ މިހާރު ދުނިޔޭގައިވާ އެންމެ ހަލުއި ކޮމްޕިއުޓަރަށް ވުރެ 30 ގުނަ ހަލުވި ކޮމްޕިއުޓަރަށެވެ.

“ސުޕަރ ކޮމްޕިއުޓަރު” ތަކަކީ ސައިންސްގެ ދިރާސާތަކާއި ދިފާޢީ ކަންކަމުގެ ހިތް ކަމުގައި މިއަދު އަންނަނީ ބެލެވެމުންނެވެ. ސުޕަރ ކޮމްޕިއުޓަރު ބޭނުންކުރާ ކަންކަމުގެ ތެރޭގައި މަތިންދާބޯޓާއި ހަތިޔާރު ޑިޒައިންކުރުމާއި، މޫސުން ދެނެގަންނަ މޮޑެލް ހަދާ ދިރާސާކުރުން ހިމެނެއެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ޚާއްސަ ޕްރޮޖެކްޓެއް ކަމަށްވާ “ޕްރެސިޝަން މެޑިސިން” (ސީދާ ބައްޔަށާއި އަމާޒުކުރެވޭ ވަކިމީހަކަށް ތައްޔާރުކުރެވޭ ބޭސް) އުފެއްދުމަށް ދިރާސާކުރާ ފަންނުވެރިން ދެކޭ ގޮތުގައި އެގްޒަފްލޮޕް ކޮމްޕިއުޓަރު އުފެއްދުމުން ކޮންމެ މީހަކަށް ވެސް ބޭނުންވާ ބޭސް ވަކިން އޭނާއަށް ތައްޔާރުކުރުމުގެ ކުޅަދާނަކަން އެމީހުންނަށް ލިބިގެން މުޖައްރިބު ބޭސް އުފެއްދިދާނެއެވެ. މިއާއެކު ޔޫރަޕިއަން ޔުނިއަނުން މަސައްކަތް ކުރަމުންދާ އިންސާނާގެ ސިކުނޑި ދެނެގަތުމުގެ ބޮޑު ޕްރޮޖެކްޓަށް ވެސް މީގެ ސަބަބުން، އިތުރު ކުރިއެރުންތަކެއް ލިއްބައިދީ، ސިކުޑީގެ ކަންކަމުގެ އަސްލު އެނގިގެން ދާނެއެވެ.

ނަމަވެސް އެމެރިކާގެ މިނިންމުމަކީ ސުޕަރ ކޮމްޕިއުޓަރު އުފެއްދުމުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުމަށް ގޮން ޖަހައި، އިތުރު ކުރިއެރުން ހޯދުންކަން، ހާމަވަނީ ދާދި ފަހުން ނެރުނު ސްޕަރކޮމްޕިއުޓަރުގެ ހަލުއިކަމާބެހޭ ހަގީގީ މައުލޫމާތުގެ ޝީޓަކަށް ބަލާލުމުންނެވެ. ދުނިޔޭގެ އެންމެ ހަލުއި 500 ކޮމްޕިްއުޓަރުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާގެ 33.86 “ޕީޓަފްލޮޕް” ޓިއަންހޭ-2 ކޮމްޕިއުޓަރެެވެ. މިލިސްޓު ނެރުނީ ދުނިޔޭގެ ސުޕަރ ކޮމްޕިއުޓަރުގެ ފެންވަރު ވަޒަންކުރާ މަގުބޫލު ކުންފުންޏަކުން ކަމަށްވެ މިތަންބަލަން އެމެރިކާ އޮނާކަށް ބޭނުމެއް ނުވެއެވެ.

“ޓޮޕް 500” ލިސްޓުގައި އަދިވެސް އެންމެ ގިނައީ އެމެރިކާގެ ސުޕަރ ކޮމްޕިއުޓަރުތައް ކަމުގައި ވީނަމަވެސް ޗައިނާއިން ހޯދަމުންދާ ކުރިއެރުންތައް ބަލަން މަދުކޮށްފިނަމަ، އެމެރިކާއަށް މިރޭސް ގެއްލިގެންދާނެ ކަމުގެ ބިރު ޚުދު އެމެރިކާއަށް ވެސް ގަބޫލުކުރެވެއެވެ.

އެމެރިކާއިން މިހާރު އަމާޒު ހިފާފައިވާ އެގްޒާފްލޮޕް ސްޕަރ ކޮމްޕިއުޓަރުގެ ސްޕީޑަކީ ޕީޓަފްލޮޕަށް ވުރެ 1000 ގުނަ ހަލުއި މިނެކެވެ. ޗައިނާއަށް ވުރެ ކުރިން އެމެރިކާއަށް އެގްޒަރފްލޮޕް ކާމީޔާބު ކުރެވިއްޖެނަމަ ކޮމްޕިއުޓަރުގެ ދުނިޔޭގައި އެތައް ގުނައެއްގެ އުސްމިން ތަކަކަށް އެމެރިކާ އަނެއްކާވެސް އުފުލިގެން ދާނެކަމަށް ބެލެވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު