14 ނޮވެމްބަރ 2018 ( ބުދަ )

banner

އެޕަލް ކުންފުނިން އެންމެ ފުރަތަމަ ތަޢާރަފްކުރި އައިޕެޑްވަން. އެކުންފުނިން ވަނީ ޓެކްނޯލޮޖީ ދުނިޔެއަށް އިންޤިލާބެއް ގެނެސްފައި. ފައިލްފޮޓޯ

ޓެކްނޯލޮޖީ އާ ނުލައި: ސްޓީވް ޖޮބްސްގެ ދަރީން އައިޕެޑެއް ނުގެންގުޅޭ!

ސްޓީވް ޖޮބްސް 2011 ވަނައަހަރު ނިޔާވިއިރު ފުރާވަރުގެ ދެ އަންހެން ދަރިންނާއި ފިރިހެން ދަރިޔަކު ތިއްބެވެ. މިދަރިން ބޮޑުވަމުން އައީ، ދުނިޔޭގެ އެންމެ ނަން މަޝްހޫރު ޓެކް ކުންފުނީގެ ބާނީ އަދި ޓެކްނޯލޮޖީގެ ދުރުވިސްނުން ހުރި ބައްޕައެއްގެ ބެލުމުގެ ދަށުންނެވެ. ޖޮބްސް އަކީ ޑިޖިޓަލް ދުނިޔެއަށް އިންޤިލާބެއް ގެނައި މީހެކެވެ. އެއީ، އަހަރެމެން މިޔުޒިކް އަޑުއަހައި، ފިލުމު ބަލައި، މުވާޞަލާތުކޮށް ހަދާ ގޮތް ބަދަލުކޮށް އަދި އަހަރެމެންގެ މުޅި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުގެނައި އާލާތްތައް އުފެއްދި މީހާއެވެ.
ވީމާ، އެފަދަ މީހެއްގެ ދަރިންގެ ކޮޓަރިތައް ފުރޭވަރަށް އައިޕޮޑާއި، އައި ފޯނާއި އައިޕެޑު ހުންނާނެތާއެވެ!
އެކަމަކު ކަންއޮތީ އެހެނެއް ނޫނެވެ.
ކޮންމެ މީހެއްގެ އަތުގައި އައިޕެޑެއް އޮންނަން ސްޓީވް ޖޮބްސް ބޭނުންވިޔަސް، އޭނާގެ ދަރިން އަތުގައި އައިޕެޑް އޮންނާކަށް އޭނާ ނޭދުނެވެ.
އައިޕެޑް ފުރަތަމަ ނެރެގެން އުޅުނު ދުވަސްވަރު، އޭނާގެ ދަރިން އައިޕެޑަށް ވަރަށް ވަރުހުރޭތޯ ސްޓީވް ޖޮބްސް ކުރެން އެހުމުން އޭނާ ޖަވާބު ދިނެވެ.
“އެކުދިން އަދި އޭތި ބޭނުމެއް ނުކުރޭ. އަހަރެމެން އޮންނާނީ ދަރިން ގޭގައި ޓެކްނޯލޮޖީ ބޭނުންކުރާ މިންވަރު ލިމިޓްކޮށްފަ”
ސްޓީވް ޖޮބްސްގެ މި ނިންމުމަކީ ކެލިފޯނިޔާގެ ސިލިކަން ވެލީގެ ޓެކް މާހިރުންގެ މެދުގައި މިހާރު މަޤްބޫލު ޓްރެންޑެކެވެ. މިކަމާ ބެހޭގޮތުން ދަ ޓައިމްސް އިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ސޯޝަލް މީޑިޔާ އެޕްތަކާއި ގެޖެޓްތަކާއި ގޭމްތައް ހަދާ މީހުން އެމީހުންގެ ދަރީން ގޭމު ކުޅުމާއި ޗެޓުކުރުމުގައި ގިނަ ވަގުތު ހޭދަކޮށް ސިކުނޑި އެކަމަށް ދުއްވާލާކަށް ނޭދެއެވެ. އެމީހުންގެ ދަރިންގެ މުޅި ހަފްތާ ބަންދު، އައިޕެޑުން މައިންކްރާފްޓް ކުޅުމުގައި މަޝްޣޫލުވެ ތިބޭކަށް ބޭނުންނުވެއެވެ.
ފަސް ދަރިންގެ ބައްޕަ ކަމަށްވާ، 3ޑީ ރޮބޮޓިކްސްގެ ޗީފް އެކްޒެކެޓިވް ކްރިސް އެންޑަރސަން، އޭނާގެ ދަރިން ގޭގައި ޓެކްނޯލޮޖީ ބޭނުންކުރާ މިންވަރު ޙުދޫދުކުރަން ބޭނުންވަނީ ކީއްވެކަން ވަރަށް ރީއްޗަށް ބުނެދީފައިވެއެވެ.
“އަހަރެމެންގެ ދަރިން އަހަރެމެންގެ ދެމަރިފިންނާ މެދު ދެކެނީ ޚުދުމުޚްތާރު ނާޒީންގެ ގޮތުގައި. ގޭގައި ޓެކްނޯލޮޖީ ބޭނުންކުރާ މިންވަރު ލިމިޓްކުރީތީ. އެކުދިން ބުނަނީ އެކުދިންގެ ރައްޓެހިން ދަންނަ ޤަވާޢިދެއް ނޫންކަމަށް އެއީ. އެކަމަކު އަހަރެން އެޤަވާޢިދު ހެދީ އަހަރެމެންނަކީ މިހުރިހާ އެއްޗެއް އެންމެ ފުރަތަމަ ފެނި ތަޖުރިބާކުރާ މީހުން. މިކަމުން ކުރާ އަސަރު އެނގޭ މީހުން. އަހަރެންގެ ދަރިންނަށް އެހެން ވާކަށް ނޭދެން.”
“ޓެކްނޯލޮޖީ އާ ނުލައި” މި ޓްރެންޑް މައްޗަށް އަރަމުން ގޮސް، ސިލިކަން ވެލީގެ ބައެއް ޓެކްނީޝަނުންނާއި އެކްޒެކެޓިވުން އެމީހުންގެ ދަރިން ކޮމްޕިޔުޓަރު ނުހުންނަ ސްކޫލްތަކަށް ފޮނުވާ ހިސާބަށްވެސް ގޮސްފިއެވެ.
2011 ވަނައަހަރު ޓައިމްސް އިން ނެރުނު ރިޕޯޓެއް ބުނާގޮތުގައި އެޕަލް، ގޫގުލް، އެޗްޕީ އަދި ޔާހޫގެ އިންޖިނޭރުންނާއި އެކްޒެކެޓިވުން އެބައިމީހުންގެ ދަރިން ކިޔަވަން ފޮނުވަނީ ކެލިފޯނިޔާގެ ލޮސް އެންޖަލިސްގައި ހުންނަ ވޮލްޑޯފް އެލިމެންޓްރީ ސްކޫލަށެވެ. މި ސްކޫލްގައި އެންމެ ކޮމްޕިޔުޓަރެއްވެސް ނުހުރެއެވެ. އަދި ކިއެއްތަ އެއްވެސް ބާވަތެއްގެ މޮނިޓަރެއް ސްކްރީނެއްވެސް ނުހުރެއެވެ. މިވަރުން ނިމުނީކީ ނޫނެވެ. ގޭގައިވެސް ފިލުމު ބެލުމާއި ނެޓަށް ވަނުމަކީވެސް ނޭދެވޭކަމެއްގެ ގޮތުގައި ސްކޫލުން ވަނީ އަންގާފައެވެ.
ގޫގުލްގެ އެކްޒެކެޓިވް ކޮމިޔުނިކޭޝަންގައި މަސައްކަތް ކުރާ އެލަން އީގަލް އަކީ ކޮމްޕިޔުޓަރ އިލްމުން ޑިގްރީ އޮތް މަންމައެކެވެ. އޭނާ ބުނި ގޮތުގައި، ވޮލްޑޯސް ސްކޫލުގެ ފަސްވަނަ ގްރޭޑް ގައި ކިޔަވާ އޭނާގެ ދަރިޔަށް ގޫގުލް ބޭނުންކުރާކަށް ނޭގެއެވެ.
“ޓެކްނޯލޮޖީ އާ ނުލައި” މި ފަލްސަފާ ޤަބޫލުކުރާ ގޮތުގައި ޓެކްނޯލޮޖީ އަކީ އީޖާދީވަންތަކަން (ކްރިއޭޓިވިޓީ) އާ ފުށުއަރާ އަދި އެކަން، ޅަ ސިކުނޑިތަކުން އުނިކުރާ ކަމެކެވެ. މި ފަލްސަފާ ބުނާގޮތުން ދަރިން ބަލައި ބޮޑުކުރަން އެންމެ ރަނގަޅީ، ޙަރަކާތްތެރިވުމުންނާއި، ހައްޓަށް އެނގުންވާ ފަދަ މަސައްކަތްތަކުންނާއި ދޭދޭ މީހުން އެއްތަނަކުން ފެނިދެނިވެ މުޢާމަލާތުކޮށްގެން ކަންތައް ދަސްކުރެވޭ ފަދަ މާޙައުލެއްގައެވެ. ކުދިންގެ ކިބައިގައި އީޖާދީވަންތަކަމާއި ފަންނުވެރިކަން އަށަގަންނާނީ އޭރުންނެވެ.
ވޮލްޑޯސް ސްކޫލުގައި ކިޔަވާ ދަރިވަރުން ހިސާބު ޢިލްމާއި، ފަރުމާކުރުމާއި، މައްސަލަ ޙައްލުކުރުމުގެ ހުނަރު ދަސްކުރަނީ އިސްޓާކީނު ވިޔުމުގެ ތެރެއިންނެވެ. އެކުދިން ކަސްރު ހަދަނީ ކޮމްޕިޔުޓަރު ޕްރޮގްރާމަކުން ނޫނެވެ. ދެބައިހަމަ ކުރުމާއި، ހަތަރުބައިކުޅަބައި ކުރުން ދަސްކުރަނީ ކާތަކެތި ބައިބައި ކޮށްގެންނެވެ.
ޓެކްނޯލޮޖީ ޖަޔަންޓެއްގެ ބާނީއަކަށް ވެ ހުރެ، ސްޓީވް ޖޮބް އެޅި ފިޔަވަޅަކީ ފަހަރެއްގައި އަހަރެމެން ޙައިރާންވެ، ޤަބޫލުކުރަން ދަތި ވާހަކައަކަށް ވެދާނެއެވެ. އެކަމަކު ކަމުގެ އަޞްލަށް ބަލާއިރު އެ ފިޔަވަޅު ޤަބޫލުކުރެވެއެވެ.
ފަހުގެ ސްމާޓް ފޯނުތަކާއި ޓެބްލެޓް ތަކަކީ ދެވިހިފާ އެއްޗެތިތަކެކެވެ. އަހަރެމެން ބޮޑެތި މީހުންވެސް މެއެވެ. ޓްރެފިކް ލައިޓަށް މަޑުކޮށްލާ ކޮންމެ ފަހަރަކު ސްމާޓް ފޯން ޗެކްކޮށް ޓްވީޓެއް ނުކިޔަނީ މަދު މީހެކެވެ. އަހަރެމެންގެ ކަންތައް މިހެން ހުރިއިރު ކުރިޔަށް އޮތް ޖީލާ މެދު ވިސްނާލުން ހުއްޓެވެ.

banner

ކިޔުންތެރިންގެ ޚިޔާލު