18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

911 ގެ ހަމަލާގައި ބިމާއި ހަމަވި ވޯލްޑް ޓްރޭޑް ސެންޓަރ 1 އަދި 2 ގައި ރޯވެފައި އަދި މިހާދިސާގައި ބިމާއި ހަމަވި ވޯލްޑް ޓްރޭޑް ސެންޓަރ 7

911 ހާދިސާއަކީ އެމެރިކާގެ އެތެރެކޮއިލްގެ ރޭވުމެއް ކަމަށް ބެލެވިދާނެ

އެއީ މީގެ 13 އަހަރު ކުރިއެވެ. މުޅި ދުނިޔެއަށް ސިހުމެއް ގެނުވި ދުވަހެކެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހެވެ. މުޅި ދުނިޔޭގެ ރަސްކަން ކުރަމުން އަންނަ އެމެރިކާއަށް ހެދުނުގެ ވަގުތެވެ. އެމެރިކާގެ ވިޔަފާރީގެ މައި މަރުކަޒެއް ކަމަށްވާ ވޯލްޑް ޓްރޭޑް ސެންޓަރގެ ތިން އިމާރާތެއް ބިމާއި ހަމަވި ވަގުތެވެ. އެއީ، އަފްޣާނިސްތާނުގެ ހޮހަޅަތަކުގައި ކޭމްޕްކޮށްގެން ތިބި ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީން މަހުރޫމުވެފައިވާ ކަމަށްބުނާ އަލްގައިދާ ޖަމާއަތުން، ކުރިއަރާފައިވާ ދުނިޔޭގެ ގައުމުތައް ސިއްސުވާލި ވަރުގަދަ ހަމަލާއެއް ކަމަށް ބުނެއެވެ. އަލްގައިދާއަށް ނިސްބަތްވާ ކަމަށްބުނާ 19 ހަގުރާމަވެރިއަކު ހަތަރު މަތިންދާ ބޯޓެއް ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެމެރިކާގެ ޔަހޫދީ ކުންފުންޏަކުން ޚިދުމަތް ފޯރުކޮށްދޭ އެއަރޕޯރޓުތަކަކުން ހަތަރު ފްލައިޓް ހިސާރުކޮށްގެން ދުނިޔޭގެ ސްޕަރ ޕަވަރ ކަމަށްވާ އެމެރެކާގެ ބާވެ ހަސްފަސްނެތިފައިވާ ޓްރިން ޓަވަރ، ވޯލްޑް ޓްރޭޑް ސެންޓަރ 1 އަދި 2 އަށް ގޮސް އަރުވާލި ވަގުތުކޮޅެވެ. އެއީ އެމެރިކާގެ ގަޑިން ހެނދުނު ގާތްގަޑަކަށް 8:46 އާއި 9:03 އެވެ. ފްލައިޓް ގޮސް ޖެހުނު ދެ އިމާރާތް ދާދި އެއްގޮތަކަށް ބިމާއި ހަމަވިއެވެ. އަދި ދުރުގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރ 7 ގައިވެސް އަލިފާން ހިފާ، ހަވީރުގެ ފިނިވަޔާއިއެކު، 5:20 ގައި ކުއްލިއަކަށް ޓަސް ލާފައި ސިކުންތު ކޮޅެއްގެ ތެރޭގައި ކުރީ ދެ އިމާރާތް ފަދައިން ބިމާއި ހަމަވިއެވެ. މި ޚަބަރު ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް އަރަން ފެށިއެވެ. މި ޚަބަރާއި އެކު 1980 ގެ އަހަރު ތަކުގެ ތެރޭގައި އެމެރިކާގެ މަދަދާއިއެކު ރޫސީންނާއި ދެކޮޅަށް ހަގުރާމަ ކުރި އުސާމާ ބިން ލާދިން އާއި އޭނާގެ ޖަމާއަތް އަލް ގައިދާ ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި ޕްރޮމޯޓްވިއެވެ. ސައޫދީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ސެކްރެޓްރީ ޖެނެރަލް ބަންދަރު ބިން ސުލްތާން ބިން އަބްދުލް އަޒީޒު އަރިހުގައި އެމެރިކާގެ މަދަދުވެރިކަމަށް ޝުކުރު އަދާކުރި ބިން ލާދިން އެމެރިކާގެ ވޯންޓެޑް ލިސްޓްގެ އެންމެ ކުރިއަށް އެރިއެވެ.

ބިންލާދިން އާއި އޭނާގެ ބައިވެރިން އަފްޣާނިސްތާނުގެ ހޮހަޅަތަކުގައި ފިލާ ތިބި ކަމަށް ބުނެ އެމެރިކާއިން އަފްޣާނިސްތާނަށް އަރާ އެތަން ސުންނާފަތި ކުރިއެވެ. އެތަށް ހާސް ކުށެއް ނެތް އާންމު ރައްޔިތުންނެއް މިދުނިޔެ ދޫކުރިއެވެ. އަފްޣާނިސްތާނުގެ ވެރިކަން ލިބުނު ނަމަވެސް، އެތަނުގެ މުއްސަދި ކަމުގެ ފައިދާ ނުނެގި އެމެރިކާއަށް ވަމުން ދިޔައީ މުޅިންވެސް ގެއްލުމެވެ. އެމެރިކާއަށް ލިބެމުންދިޔަ ގެއްލުންތައް ފޫނުބެދި އަހަރުތައް ދިގުލާން ފެށުމުން 2011 ވަނަ އަހަރު މެއީ 2 ވަނަ ދުވަހު އުސާމާ ބިން ލާދިން މަރާލެވިއްޖެކަމަށް ބުނެ އެ ހަގުރާމަ ނިމުމަކަށް ގެންނާން މަސައްކަތް ފެށިއެވެ.

އެހަގުރާމަ ނިމިއްޖެއެވެ. ނަމަވެސް، އުފެދުނު ސުވާލު ހައްތަހާވީ ގިނައެވެ. ޝައްކުގެ ނަޒަރުން ބަލާލުން ވީ ހައްތަހާ އިތުރެވެ. ސެޕްޓެމްބަރ 11 ގެ ހާދިސާ އަށް 13 އަހަރު ވެގެން ދިޔަ އިރުވެސް އެ މައްސަލަ ތަހުގީގު ކުރި ރިޕޯރޓްގެ ބޮޑު ބައެއް ސިއްރު ކުރެވިފައިވާ، އެ ރިޕޯރޓާއި މެދު ދުނިޔޭގެ އެތައް ބަޔަކު ސުވާލު އުފައްދައެވެ.
ވޯލްޑް ޓްރޭޑް ސެންޓަރ 1 އަދި 2 އާއި ވޯލްޑް ޓްރޭޑް ސެންޓަރ 6 ދޫކޮށް މަގުގެ އަނެއް ފަރާތުގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރ 7 ގޮވައިގެން ދިޔަ ގޮތާއި، އެ ތިން އިމާރާތުގައި ބޭނުންކޮށްފައި ހުރި ދަގަޑުތައް ވިރިފައި ހުރި މިންވަރަށް ބަލާއިރު މިއީ އަލިފާނުގެ ހާދިސާއަކުން ހިގި ކަމެއް ކަމަށް ގަބޫލު ކުރުން ދަތިކަމަށް ހުޅަނގުގެ ތަޖުރިބާކާރެއް ކަމަށްވާ ބްރިގަމް ޔަންގު ޔުނިވަރސިޓީގެ ޕްރޮފެސަރ ސްޓިވަން ޖޯންސް އިތުރުން މި ހާދިސާ ދިރާސާ ކުރި އެތަށް ބަޔަކު ވިދާޅުވިއެވެ.

ޓެރަރިސްޓުން ހައިޖެކް ކުރި ކަމަށް ބުނާ ފްލައިޓް ތަކުގެ މީހުން ތިބި އަދަދު މަދުކަމާއި، މި ހާދިސާގައި ބިމާއި ހަމަވި ބިލްޑިންގ ތަކަކީ އެ ހާދިސާގެ ދުވަސްކޮޅެއް ކުރިން ޕްރައިވެޓައިޒް ކޮށް ޔަހޫދީ މަހުޖަނަކު ގަނެފައިވާ ބިލްޑިންގ ތަކަކަށް ވުމާއި އެތަންތަނުގައި ސެކިއުރިޓީ ޔަހޫދީންގެ ބާރުގެ ދަށުގައި ވުމާއި، ޓެރަރިސްޓުން ހައިޖެކްކުރި ކަމަށް ބުނާ ފްލައިޓް ނައްޓާލި ބޮސްޓަން ލޯގަން އިންޓަރނެޝަނަލް އެއަރޕޯރޓާއި، ޑިއުލްސް އިންޓަރނެޝަނަލް އެއަރޕޯރޓާއި، ނެވާރކް އިންޓަރނެޝަނަލް އެއަރޕޯރޓަކީ އިޒްރޭލަށް ނިސްބަތްވާ ދެ ޔަހޫދީއެއްގެ ކުންފުންޏެއް ކަމަށްވާ އައިސީޓީއެސް އިން ޚިދުމަތްދީ ބަލަހައްޓާ އެއަރޕޯރޓްތަކަކަށް ވުމާއިއެކު މި ހާދިސާ އާއި ގުޅިގެން ޔަހޫދީންނަށް އިގިލި ދިއްކުރެވުން އާންމުވެސް ވިއެވެ. މީގެ އިތުރުން 911 ގެ ހާދިސާ ހިގި ދުވަހު އުފާފާޅު ކުރަން އުޅެނިކޮށް އެމެރިކާގެ ފުލުހުން އަތުލައި ގަތް ފަސް މީހުންގެ ތެރޭގައި އިޒްރޭލްގެ އިންޓެލިޖެންސް އޭޖެންސީ މޮސާޑް ގެ ބަޔަކު ހިމެނުން ވެގެން ގޮސްފައިވަނީ މިތުހުމަތު ތަކަށް އިތުރު ބާރެއް ލިބުނެ ކަމެއްގެ ގޮތުގައެވެ.

ޓްވިން ޓަވަރުގެ އިތުރުން އެދުވަހު އެއް ފްލައިޓް އެމެރިކާގެ ދިފާއީ މައިމަރުކަޒު ޕެންޓަގަން އަށް އަރުވާލިކަމަށްވެސް ބުނެއެވެ. ނަމަވެސް، ބޮއިން 757 ގެ ހަލާކުވެފައިވާ ބައިތަކާއި ދަތުރުވެރިންގެ ފޮށިތަންމަތި ނޫނީ ސީލްބެލްޓް ފަދަ ތަކެއްޗާއި ދަތުރުވެރިންގެ ހަށިތައް ފެންނަން ނެތުމާއި އެހާދިސާއިން ހެދިފައި ހުރި ބާގަޑަކީ އެފަދަ ފްލައިޓެއް ޖެހިގެން ހެދިދާނެ ފަދަ ބާގަނޑެއް ނޫންކަމަށް މި ހާދިސާ ދިރާސާ ކުރި ހުޅަނގުގެ މާހިރުންވެސް ދެކިލައްވައެވެ. އަދި ޕެންސިލްވޭނިއާއަށް އަމިއްލައަށް ވައްޓާލި ކަމަށް ބުނާ ފްލައިޓާއި މެދުވެސް ޝައްކުގެ ނަޒަރަކުން ބަލައެވެ.

މިފަދަ އެތައް އެތައް ސަބަބަކަށްޓަކައި މި ހާދިސާއަކީ އެމެރީގެ އެތެރެ ކޮއިލުގެ ރޭވުމެއް ކަމަށް ބަލަނީ ހަމައެކަނި މުސްލިމުނެއް ނޫނެވެ. ހުޅަނގުގެ މުސްލިމު ނޫން އެތައް ބަޔަކު މިކަމާއި ގުޅޭ ގޮތުން ތަފާތު ލިއުންތައްވެސް ޝާއިއުކޮށްފައިވެއެވެ.

އެގޮތުން، އިގިރޭސި ޑެއިލީ މެއިލްގައި 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 6 ވަނަ ދުވަހު ޖާޔާ ނަރައިމް ރިޕޯރޓްކޮށްފައި ވާގޮތުން ހުޅަނގުގެ 75 ޕްރޮފެސަރުންނާއި ސައިންޓިސްޓުން މި ހާދިސާއަކީ އެމެރިކާގެ ރިއާސީގަނޑުވަރު ވައިޓް ހައުސްގެ ރޭވުމެއްކަމަށް ސިފަކުރެއެވެ.

ދަ ގާޑިއަން ނޫހުގައި 2002 ގެ ޖޫން 16 ވަނަ ދުވަހުގެ ލިއުމެއްގައި ވާ ގޮތުން ސެޕްޓެމްބަރ 11 ގެ ހާދިސާ ހިގި ދުވަހު ކަލީލް ގުރޫޕުން ޚާއްސަ ކޮންފަރެންސެއް ކުރިއަށް ގެންދިޔައެވެ. މިކޮންފަރެންސްގައި ޚާއްސަ މެހުމާނުންގެ ގޮތުގައި ބިން ލާދިންގެ އަޚެއް ކަމަށްވާ ޝަފީގު ބިން ލާދިން ބައިވެރިވިއެވެ. ކަލީލް ގުރޫޕަކީ ޖޯޖް ބުޝްގެ އެކުވެރި ސީއައިއޭގެ ކުރީގެ ޑިރެކްޓަރެއް ކަމަށްވާ ފްރޭންކް ކަލޫސީގެ ކުންފުންޏެކެވެ. މިކުންފުނީގެ ފްލައިޓްތަކަށް ކާނާ ފޯރުކޮށްދޭ ސަބުސިޑިއަރީ ކުންފުންޏެއްގެ ޗެއަރމަންކަން ޖޫނިއަރ ބުޝް ވެސް ކޮށްފައިވެއެވެ. ކަލީލް ގުރޫޕާއި ބިން ލާދިން އާއިލާއާއި އޮންނަ ގުޅުމަކީ މުޅި އެމެރިކާވެސް ދަންނަ ގުޅުމެކެވެ.

ބިން ލާދިންގެ އާއިލާ މެމްބަރުން އެމެރިކާއިން ސިއްރު ގޮތެއްގައި ފުރުވާލުމުގައި ޖޯޖް ބުޝް ބައިވެރިކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. މިފަދަ އެތަށް ސަބަބު ތަކަކާއި ގުޅިގެން 911 ގެ ހާދިސާއަކީ އެމެރިކާގެ އެތެރެކޮއިލުގެ ރޭވުމަށް ކަމަށް ބެލެވިދާނެއެވެ. (ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު