ދެހާސް ތިރީސް އަންނަންވާ އިރަށް ފުވައްމުލައް ތައުލީމީ ހަބަކަށް ހެދުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް، ފުވައްމުލަކުގެ ޓީޗަރުންތަކެއް ދިރާސާކުރަން ފަށައިފިއެވެ. އެގޮތުން ކުރެވުނު ފުރަތަމަ ދިރާސާ މިހާރު މާލޭގައި ކުރިޔަށްދާ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ހުށަހަޅައިފިއެވެ.
ފުވައްމުލަކުގެ ޓީޗަރުން ތަކެއް ގުޅިގެން ކުރި މިދިރާސާގައި އެރަށުގެ އެކިލެވެލްގެ ޓީޗަރުންނާއި، ޕްރިންސިލުން އަދި ބެލެނިވެރިންގެ ފަރާތުން ވެސް މައުލޫމާތު ހޯދާފައި ވެއެވެ. މިދިރާސާގައި ފުވައްމުލައް “އެޑިއުކެޝަން ހަބަކަށް’ ހެދުމަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާނެ ކަމަށް ބެލެވޭ ގޮންޖެހުން ތައް ފާހަނގަކޮށް ހުށަހެޅުން ތަކެއް ވެސް ހާމަކުރިއެވެ.
މިދިރާސާގައި ފުވައްމުލަކަށް ގުދުރަތީގޮތުން ލިބިގެންވާ ޚާއްސަކަމަށް އަލިއަޅުވާލުމުގެ އިތުރުން ފުވައްމުލަކަކީ ކުރިން ވެސް ކައިރި އަތޮޅުތަކުން ގިނައަދަދެއްގެ ރަށުން ބޭރު ކުދިންތަކެއް ޕްރައިމަރީ ތައުލީމުން ފެށިގެން އެއިރު ފުވައްމުލަކުން ލިބެން ހުރި އެންމެ މަތީ ތައުލީމު ކަމަށްވާ އޯލެވެލްއާއި ހަމަޔަށް ވެސް ކިޔަވަން އައި ރަށަކަށް ވުމުން އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މަތީތައުލީމަށް ޝައުގުވެރިވާ ފަރާތްތައް ވެސް ފުވައްމުލަކަށް ގެނުވިދާނެ ކަމަށެވެ.
އެގޮތުން އެފަދަ ކުދިންނާއި އާއިލާތަކަށް ފުވައްމުލަކުގެ މާހައުލު ހުޅުވާލުމާއި، މިހާރު ހުރި 7 ޕްރީސްކޫލްގެ އިތުރުން 3 ޕްރައިމަރީ ސްކޫލާއި ސެކަންޑްރީ ސްކޫލް އިތުރަށް ތައާރަފުކޮށްދީ އެސްކޫލުތަކުގެ ޓީޗަރުންގެ ޤާބިލުކަމާއި ހޯދާމަތީ ނަތީޖާ ހާމަކޮށްދިނުން ފާހަނގަކޮށްފައި ވެއެވެ. އެގޮތުން ސްކޫލުތަކުގެ ޓީޗަރުންނަކީ އިލްމާއި ތަމްރީނުގެ ގޮތުން މަތީފެންވަރުގެ ބައެއް ކަމާއި އެފަދަ ދެވަނަ ސްކޫލްތަކެއް ރާއްޖޭގައި މަދުވާނެކަމަށް ފާހަނގަކޮށްފައި ވެއެވެ.
ޚާއްސަކޮށް މާސްޓަރސް ލެވެލްގެ އެންމެ ގިނަ ޓީޗަރުން ވަޒީފާގައި ތިބި ރަށަކަށް ފުވައްމުލައް ވާނެ ކަމަށް ވެއެވެ. މީގެ އިތުރުން މާލެ ފިޔަވައި އެއްރަށަކުން މަތީތައުލީމުގެ އެންމެ ގިނަ އިންސްޓިޓިއުޝަންތައް ގާއިމުވެފައިވާ އަދި ފުރުސަތުތައް މިހާރު ވެސް އެންމެ ގިނައިން ހުރި ރަށަކަށް ފުވައްމުލައް ވެގެން ދާނެކަމަށް ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ރަށުން ބޭރުން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު އުޅޭވޭނެ ތަން ހޯދައި ދިނުމުގެ ގޮތުން ދަނާލު ފަދަ ތަންތަން ބިނާކުރުމަށް ހުށަހަޅާފައި ވެއެވެ.
މިދިރާސާގައި އެންމެ އިސްކަމެއްގެ ގޮތުން ކުރުމަށް ހުށަހަޅާފައި ވަނީ މިކަމާއި ގުޅޭ އުސޫލުތަކެއް ނުވަތަ ގަވާއިދުތަކެއް ކަމާބެހޭ އިސް ފަރާތްތކުން ކުރުމަށެވެ.
މިދިރާސާ ހަދާފައި ވަނީ ފުވައްމުލަކު ޓީޗަރސް ރިސޯސް ސެންޓަރުގެ ހެޑް އަލީޖަވާދު އިސްވެ ހުންނަވައި، ޝަޒުމީނާ ޝާކިރު، ޝިއުނާ ޝިހާބު، އަނީލާ އަދި ޒިދުނާ ވަޙީދު ގުޅިގެންނެވެ.
މިއަދު މެންދުރު ފަހުގެ ދަންފަޅީގައި ގައުމީ ޔުނިވަރސިޓީގައި، މިދިރާސާ އިނގިރޭސި ބަހުން ހުށަހަޅާ ދެއްވީ ބައިވެރިންގެ ފަރާތުން ޒިދުނާ ވަޙީދެވެ.
ޚިޔާލުތައް