16 ނޮވެމްބަރ 2018 ( ހުކުރު )

banner

ރިއާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ކާމިޔާބު ކުރައްވައިފި

އިއްޔެ ހެދުނު 0800 ގައި ފެށިގެން ކުރިއަށް ދިޔަ ފޯރިގަދަ ރިއާސީ އިންތިޚާބު ބޮޑު ތަފާތަކުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ކާމިޔާބު ކުރައްވައިފިއެވެ. މިފަހަރު ބޭއްވުނު ރިއާސީ އިންތިޚާބަކީ، މަލްޓިޕާޓީ ސިސްޓަމް 2008 ގައި ތައާރަފު ކުރިފަހުން އެންމެ ފަރަގު ބޮޑުކޮށް  ކެންޑިޑޭޓަކު ރިއާސީ އިންތިޚާބު ކާމިޔާބު ކުރި ފަހަރެވެ. މީޑިއާތަކުން އާންމުކުރި މައުލޫމާތުތަކާއިއެކު 58 އިންސައްތައިން ކުރި ހޯދާފައިވަނީ އިދިކޮޅު ކެންޑިޑޭޓެވެ.

މިފަހަރުގެ ރިއާސީ އިންތިޚާބުގެ ފޯރި ފުވައްމުލަކުގައިވެސް ވަނީ އާދަޔާ ޚިލާފަށް ގަދަވެފައެވެ. ރިއާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލުކުރާ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރަކު ޕީޕީއެމް ދޫކޮށް އިދިކޮޅާއި ގުޅިވަޑައިގަތުމާއި ގުޅިގެން ރިއާސީ އިންތިޚާބު އިތުރަށް ފޯރިގަދަވިއެވެ. މިފަހަރުގެ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމް ލީޑުކުރަމުންދާ އުތުރު ދާއިރާ ވަނީ ފުރަތަމަ ފަހަރަށް އިދިކޮޅަށް މެޖޯރިޓީ ލިބިފައެވެ.

އިދިކޮޅު އިއްތިހާދުން ފުވައްމުލަކު އުތުރު ދާއިރާގެ މެޖޯރިޓީ ހޯދުނު ނަމަވެސް ދަޑިމަގު އަވަށުން މިފަހަރުވެސް މެޖޯރިޓީ ލިބިފައިވަނީ ޕީޕީއެމް އަށެވެ.

ފުވައްމުލަކު އުތުރު ދާއިރާ ފިޔަވާ އަނެއް ދެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހައްޓާފައިވަނީ އެންމެ ވޯޓު ފޮށްޓެއްކަމުން އެދެދާއިރާ ވަކިން ނަތީޖާއެއް ނުލިބެއެވެ. އެދެދާއިރާ އެއްކޮށް ބަލާއިރު 633 ވޯޓުން ކުރީގައި އުޅެނީ އިދިކޮޅު ކެންޑިޑޭޓެވެ.

މުޅި ފުވައްމުލަކުގެ ނަތީޖާއަށް ބަލާލާއިރު ސަރުކާރު ހިންގާ ޕީޕީއެމް އަށް ކުރި ލިބިފައިވަނީ ރަށުގެ ދެކޮޅު ކަމަށްވާ ދަޑިމަގާއި ދޫޑިގަމުގެ އަވަށުން އެކަންޏެވެ. ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ބެހެއްޓުނު 12 ވޯޓު ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު 866 ވޯޓުން ކުރި ހޯދާފައިވަނީ އިދިކޮޅު ކެންޑިޑޭޓެވެ.

banner


ކިޔުންތެރިންގެ ޚިޔާލު