22 ޖުލައި 2019 ( ހޯމަ )

ކޮން ބައެއްކަން ނޭގުނު 6 މީހުންގެ ތެރެއިން ބައެއް މީހުން. ފޮޓޯ: ގާފަރު ސީހޯސް ދޯނި މީހުން

ފުވައްމުލަކު ބަހުން ވާހަކަ ދެއްކި ގޮތް ނޭގުނު މީހުން ކޮބައި ބާ؟ 2

(8 ސެޕްޓެމްބަރުގެ ބަޔާއި ގުޅޭ)

އެމީހުންގެ ވާހަކައިގައި ސިއްރުކަމެއް ހުރިކަން އެނގުނީ އެމީހުން އެމީހުނާ ދެއްކި ވާހަކައިގައި އެމީހުން ކޮށްފައިވާ ކަމެއްގެ ސަބަބުން 1 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ބުނި އަޑު އިވުމުން ކަމަށް އެމީހުން ސަލާމަތްކުރި ގާފަރު ސީހޯސް މަސްދޯނި މީހަކު މީޑިއާއަށް ކިޔައިދިނެވެ. ޖަލުގައި އެއް އަހަރު އޮންނަން ޖެހުނަސް ފަރުވާލެއް ނެތްކަމަށް އެމީހުން ބުނިކަމަށް ވެއެވެ. އަދި ކޯސްޓްގާޑަށް ނުގުޅަން އެމީހުން އެދުނު އެދުމުން ވެސް މިކަމަށް ބާރު ލިބެއެވެ.

ދޯންޏަށް ނެގި އިރު ބައެއް މީހުންގެ ހާލު ދެރަން ނަމަވެސް އަނެއް ބަޔަކު ތިބީ ހެޔޮޙާލުގައެވެ. އެމީހުން ސަލާމަތްވުމަށް ގާފަރު ސީހޯސް ދޯނި މެދުވެރިވީ، އެދުވަހު ހަވީރު މާލެ އަންނަމުން، ދިރޭ އެންކޮޅެއް ހުރީމަ ކަނދަށް ގޮސްފައި މާލެ ދާން މިސްރާބު ޖެހުމުންނެވެ. މަސްކަނދާއި ކައިރިޔަށް ދިޔައިރު ބަޔަކު ކަނދުކައިރީގައި ކަޑުވެފައި ތިބުމުން އަވަހަށް އެމީހުން ދޯނޏަށް ނެގީއެވެ. އެއީ ގާތްތަޑަކަށް ހަވީރު 5.30 އެހާކަށް ހާއިރު ކަމަށް ދޯނީގެ މީހުން ބުނެއެވެ. އެހިސާބު މީހުން މަސްކަނދަށް ގޮސް އުޅެނީ ފަތިހު ކަމަށާއި، ސީހޯސް ދޯންޏަށް އެގަޑިގައި އެހިސާބަށް ނުދެވުނު ނަމަ އެމީހުން ފަސޭހަ ގޮތަކަށް ސަލާމަތް ނުވީސްކަމަށެވެ. ސީހޯސް ދޯންޏަށް އެމީހުން ނެގުމާއެކު އަވަހަށް އައީ މާލެ އެވެ.

ސީހޯސް ދޯނީގެ މީހަކު އެހާދިސާ ކިޔާދެމުން ބުނީ، އެމީހުން ބުނި ގޮތުގައި އެމީހުން ދަތުރު ކުރަމުން ދިޔަ ލޯންޗް ބިޔަރާޅަކާއި ޖަހައި ފަޅިވެ އަޑިއަށް ދިއުމަށް ނެގީ ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. އެމީހުން ދަތުރުކުރީ ކޮންތަނަކުން ކޮންތަނަކަށް ކަމެއް، ކީއްކުރަން ކަމެއް އަހާނުލެވުނީ އެމީހުންނަށް ދިމާވެފައިވާ ނިކަމެތިކމެއްގެ ސަބަބުންކަމަށް ބެލެވުނެވެ.

ސީހޯސް ދޯނީގެ މީހުން ބުނަނީ “އެމީހުން” އެމީހުނާއި (ކަނޑުވި މީހުން) ވާހަކަދެއްކީ ފުވައްމުލަކު ބަހުންކަން ރަނގަޅަށް އެނގޭ ކަމަށެވެ. ނަމަވެސް މިކަމަށް އިތުރު ހެއްކެއް ލިބޭގޮތް ނުވީ ދޯނި މީހުންނަށް އެމީހުންގެ ތެރެއިން އެކަކު ދީފައިވާ ފޯނު ނަންބަރަށް ގުޅުމުން ވެސް ވާހަކަދައްކަން ބޭނުން ނުވުމުންނެވެ. އަދި އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުން ނުމުންނެވެ. ގާފަރު މީހުންނަށް ފުވައްމުލަކު ބަހުން ވާހަކަ ދައްކާ އަޑު އިވުމުން އޮޅުމެއް ނެތި ވަކިކުރަން އެނގޭނެ ކަމަށް ބެލެވެއެވެ. އެހެނީ ގާފަރުގައި ދިރިއުޅޭ ފުވައްމުލަކު މީހުން ތިބުމާއި، ފުވައްމުލަކުގެ މީހުންނާއި ގުޅުން އޮންނަ ގާފަރު މީހުން ތިބުމާއި، ފުވައްމުލަކު ގްރޫޕުތައް ގާފަރަށް ގިނަގިނައިން މިހާރު ދަތުރުކުރާތީ ވެސްމެއެވެ. 

ކަނޑުވެފައި ސަލާމަތްވި މީހުން އެކަމާއި ގޮޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާކަށް ބޭނުން ނުވީ ކޮންމެވެސް އަޑިނޭގޭ ކަމެއް އޭގައި އެކުލެވޭތީ ކަމަށް ބެލެވެއެވެ. ކިރިޔާވެސް ލިބުނު މައުލޫމާތެއް ލިބުނީ އެމީހުން ސަލާމަތްކުރި ދޯނި މީހުންގެ ފަރާތުންނެވެ. ދޯނި އައިސް މާލޭފަޅަށް ވަނުމާއެކު އެމީހުން އަވަހަށް ފިލީއެވެ. އެއިގެފަހުން، އެއްދުވަހަކު އެތަނުން އެކަކު ދޯނި މީހަކަށް ފެނުނު ނަމަވެސް އޭނާ ވެސް ވަތަށް އިސްޖަހައިގެން ނޭގޭގަމަށް ހަދާފައި އަވަހަށް ފިލީކަމަށް ދޯނި މީހަކު ބުންޏެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވަނީ އެމީހުންނާއި ގުޅޭ އެއްވެސް މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅިފައި ނުވާކަމަށެވެ. އެމީހުން ވީ ގޮތް ނޭގުނު ބަޔަކަށް ތާއެވެ!

ސެޕްޓެމްބަރު 8 ގެ ލިޔުން: ފުވައްމުލަކު ބަހުން ވާހަކަ ދެއްކި ގޮތް ނޭގުނު މީހުން ކޮބައި ބާ؟


ކިޔުންތެރިންގެ ޚިޔާލު