18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ޔަހުޔާ ޖަމޭހް ދެކަނބަލުން އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާގެ ދެކަބަލުންނާއިއެކު

ގެމްބިއާގެ ވާހަކަ: އިންތިޚާބުން ބަލިވި ޔަހުޔާއަށް ގަދަބާރުންވެސް ވެރިކަން ނުދެމެހެއްޓުނު

މީގެ ގާތްގަޑަކަށް 2 އަހަރުކުރިން 2016 ވަނަ އަހަރު ޑިސެމްބަރ 1 ވަނަ ދުވަހު ގެމްބިޔާގައި ބޭއްވުނު ތާރީޚީ ރިއާސީ އިންތިޚާބުން އޭރުގެ ރައީސް ޔަހުޔާ ޖަމޭހް ހިތިގޮތަކަށް ބަލިވިއެވެ. ބަލި ގަބޫލުކުރެއްވުމަށްފަހު އޭގެ ހަފުތާއެއްހާ ދުވަސްފަހުން ޑިސެމްބަރ މަހު 9 ވަނަ ދުވަހު ބަލި ގަބޫލު ކުރެއްވުމާއި ދެކޮޅު ހެއްދެވިއެވެ. އަދި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ. ޑިސެމްބަރު 23 ވަނަ ދުވަހު އެފްރިކާ ބައްރުގެ އިގްތިސާދީ ޖަމާއަތްކަމަށްވާ “އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް” (އިކޯވާސް) އިން ރައްޔިތުންގެ ނިންމުން ނުވަތަ އިލެކްޝަން ނަތީޖާ ދެމެހެއްޓުމަށްޓަކައި ދިފާއީ ބާރުތަކުގެ ބޭނުން ހިފަންޖެހިދާނެކަމުގެ އިންޒާރު ދިންނަމަވެސް އެއިންޒާރަށް ބޯލެބުމެއްނެތި ޔަހުޔާ އޭރުގެ ސުޕްރީމް ކޯޓްގެ ބެންޗަށް ބަދަލުތަކެއް ގެނައެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި އެމައްސަލަ ކޯޓަށް ހުށަހެޅުއްވި ޔަހުޔާއަށް އެގައުމުގެ ސިފައިންގެ ތާއީދު ލިބުމާއިއެކު ޑިސެމްބަރު މަސްތެރޭ އެގައުމުގެ ސިފައިން އިލެކްޝަން ކޮމިޝަނުގެ މައި އޮފީސް ހިސާރުކުރިކަމުގެ ޚަބަރުތައް ފެތުރުނެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އެގައުމު ދޫކޮށް ފިއްލެވިއެވެ.  އަދި ރިއާސީ އިންތިޚާބުން ކާމިޔާބު ހޯއްދެވި އަޑަމާ ބަރޯ އާއި ގައުމު ހިންގުން ހަވާލުކުރުން ހުއްޓުވިއެވެ. އެއާއިއެކު ޖެނުއަރީ 17 ވަނަ ދުވަހު އެގައުމުގައި 90 ދުވަހުގެ ކުއްލި ހާލަތު އިއުލާންކުރެއްވިއެވެ. އެއާއިއެކު ޔަހުޔާގެ ކެބިނެޓްގެ އެތައް މިނިސްޓަރުންނެއް އިސްތިއުފާދިނެވެ. އަދި 46 ހާހެއްހާ ރައްޔިތުން އެގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރިއެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިންނެވެ. އަދި 19 ޖެނުއަރީ ގެ ފަހުން ޔަހުޔާގެ ވެރިކަން ގަބޫލުނުކުރާނެ ކަމަށް އެފްރިކަން ޔުނިއަން އިންނިންމައި ޔަހުޔާއަށް ވެރިކަމުން ފޭބުމަށް ސުންގަޑި ދިނެވެ. އަދި އެފުރިކާގެ ބައްރުން ޔަހުޔާގެ ވެރިކަން ނިންމެވުމަށް ލީޑުކުރުމަށް ކަނޑައެޅި ސެނެގާލުން ގެމްބިއާގެ ބޯޑަރަށް ކައިރިއަށް އަސްކަރީ ފައުޖުތައް ރުކުރުވާލިއެވެ. ޔަހުޔާއަށް ވެރިކަން ހަވާލުކުރުމަށް ދިން މުހުލަތު 18 ޖެނުއަރީ 2017 ގެ ދަންވަރު 12:00 އަށް ހަމަވިއިރުވެސް ޔަހުޔާ ވެރިކަމުން ފައިބާވަޑައިގަންނަވާކަށް ޚިޔާލުފުޅެއް ނުކުރެއްވިއެވެ.

ޔަހުޔާގެ ވެރިކަމުގެ މުއްދަތު ހަމަވާ ދުވަސްކަމަށްވާ ޖެނުއަރީ 18 ވަނަ ދުވަހު އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްބާއްވާ އިތުރު 3 މަސްދުވަހަށް ޔަހުޔާގެ ވެރިކަން ދެމެހެއްޓުމަށް ނިންމިއެވެ. ބައިނަލް އަގްވާމީ ނިންމުންތަކާއި އަވަށްޓެރި ގައުމުގެ ތަކުގެ އިންޒާރަށް ބޯލެބުމެއްނެތި ކުރިއަށް ވަޑައިގަންނަވަން ފެއްޓުމާއިއެކު ޖެނުއަރީ 19 ވަނަ ދުވަހު ސެނަގާލުން ރުކުރުވާލި ދިފާއީ ފައުޖުތައް ގެމްބިއާއަށް ވަނެވެ. އަދި އެކުވެރި ދައުލަތުގެ ސުކިއުރިޓީ ކައުންސިލުން ގެމްބިއާގެ ވެރިއަކީ ރިއާސީ އިންތިޚާބު ކާމިޔާބުކުރި އަޑަމާ ބަރޯ ކަމަށް ނިންމާ ޔަހުޔާ ވެރިކަމުން ފޭބުމަށް އިންޒާރުކުރިއެވެ.

އެކުވެރި ދައުލަތުގެ ސެކިއުރިޓީ ކައުންސިލްގެ ނިންމުމާއިއެކު އެފުރިކާ ބައްރުގެ އިކޯވާސް އިން 2016 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވުނު އިންތިޚާބަށް ހުރުމަތްތެރިކޮށް ހިތައި ވެރިކަމުން ފޭބުމަށް ޔަހުޔާއަށް ނަސޭހަތްތެރިވިއެވެ. އަދި ވާހަކަ ދައްކައިގެން ސިޔާސީ ހައްލެއް ލިބޭތީ ބޭނުންކުރެވިދާނެ ސަބަބުތައް ބޭނުންކުރިއެވެ. ނަމަވެސް، މިހުރިހާ ވާހަކަދެއްކުމެއް ނާކާމިޔާބުވިއެވެ. އެއާއިއެކު ސެނެގާލުން އެކުވާލި ފައުޖުން ޔަހުޔާއަށް އަނެއްކާވެސް ވެރިކަން ހަވާލުކުރުމަށް ދެވަނަ ފުރުސަތެއް ދިނެވެ. މިފުރުސަތު ޖެނުއަރީ 20 ވަނަ ދުވަހުގެ އިރުމެދުން ފިލުމާއި ހަމައަށް ދިން ނަމަވެސް އެފުރުސަތުގެ ބޭނުންވެސް ނުހިއްޕަވާ ޔަހުޔާ އިސްކުރެއްވީ ގަދަބާރުން ވެރިކަން ކުރުމެވެ. އެއާއިއެކު ޖެނުއަރީ 20 ވަނަ ދުވަހު އަނެއްކާވެސް އެފުރިކާ ބައްރުތަކުގެ އިސްވެރިން ވެރިކަމުން ފައިބާވަޑައިގަތުމަށް ޔަހުޔާއަށް ނަސޭހަތްތެރިވެވަޑައިގަތެެވެ.

ޔަހުޔާ އަށް ހުރިހާ ގޮތެއް ހުސްވެ ޖެނުއަރީ 21 ވަނަ ދުވަހު ގައުމީ ޓީވީއިން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވެރިކަމުން ފައިބާ ވަޑައިގަންނަވަން ނިންމެވި ވާހަކަ އިއުލާންކުރެއްވިއެވެ. ވެރިކަން ދޫކުރައްވާ ފުރަތަމަ ވަޑައިގަތީ ގިނީއަށެވެ. އެއަށްފަހު އިކުއެޓޯރިއަލް ގިނީއަށް ވަޑައިގަތެވެ.

ޔަހުޔާ ޖަމޭހް ގައުމު ދޫކުރައްވާ ވަޑައިގަތް ފަހުން ދައުލަތުގެ ހަޒާނާއިން 11 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް އެގައުމުގެ އާ ރައީސްގެ މުޝީރަކު ވިދާޅުވިކަމަށް މީޑިއާތަކުން ރިޕޯޓްކުރިއެވެ. “ދައުލަތުގެ ހަޒާނާ ވަނީ ގާތްގަނޑަކަށް ހުސްވެފައި. ގެމްބިއާގެ މިނިސްޓްރީ އޮފް ފިނޭންސް އާއި މަރުކަޒީ ބޭންކުގެ ޓެކްނީޝަނުން ވަނީ އެކަން ޔަގީންކޮށްދީފައި،” ގެމްބިއާގެ އޮފިޝަލަކާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރިއެވެ.

1994 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން ވެރިކަމުގެ ބާރު ހޯއްދެވުމަށްފަހު ރިއާސީ އިންތިޚާބެއް ބާއްވާ ވެރިކަމާއި ހަވާލުވެ ވަޑައިގަތް ޔަހުޔާ ގެ 22 އަހަރުގެ ވެރިކަން ދަމަހައްޓަވާފައިވަނީ ގަދަބާރުންކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ގެމްބިއާގެ އިދިކޮޅު ފަރާތްތަކުން އޭރު ބުނަމުންދިޔައީ ސަރުކާރުގެ މަގާމުތައް ވެސް ދެނީ ރައީސް ޖައްމާހުގެ ވަރަށް އަރިސް ބޭފުޅުންނަށް ކަަމަށެވެ. 2013 ވަނައަހަރު، ކޮމަންވެލްތަކީ އިސްތިއުމާރީ ސިފަ ޖެހިފައިވާ އަދި އިސްތިއުމާރީ ސިޔާސަތުތަކަށް އަމަލު ކުރަމުން އަންނަ ޖަމާއަތެއްކަމަށް ބުނެ ގެމްބިއާއިން ކޮމަންވެލްތު އިން ވަކިވިއިރު އެގައުމަށް ތަފާތު ޕްރެޝާތަކާއި ދިޔައީ ކުރިމަތިވަމުންނެވެ. އެއަށްފަހު 2016 ވަނަ އަހަރުތެރޭ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާންވެސް ގެމްބިއާއިން ނިންމިއެވެ. އަދި 2015 ވަނަ އަހަރު މަހު ގެމްބިއާގެ ރަސްމީ ބަހަކީ އިނގިރޭސި ބަސް ކަމަށް އޮތް އޮތުން ބަދަލު ކުރައްވާ އެއަހަރު ޑިސެމްބަރު މަސްތެރޭ 95.3 އިންސައްތަ މުސްލިމު ގެމްބިއަކީ އިސްލާމީ ޖުމްހޫރިއްޔާއެއްކަމަށް ކަނޑައެޅުއްވިއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު