15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

މޮޑަން ސިޓީ ހެދޭނީ ކޮންދުވަހަކުން؟

ފުވައްމުލައް އެއީ ސިޓީ އެއްގެ ގޮތުގައި އުފެދިފައިވާ އަތޮޅެއް ނުވަތަ ރަށެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ގިނަ ބަޔަކު ގަބޫލު ކުރަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ޒަމާނުއްސުރެ ފުވައްމުލައް އަށް އަވަށްގެ ގޮތުގައި ބެހިފައިވާއިރު އެއަވަށްތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓަމުން ގެންގޮސްފައިވަނީ އަށް ރަށުގެ ގޮތުގައެވެ. އެގޮތުން ރައީސް މައުމޫންގެ ދައުރުގައި ކޮންމެ ރަށެއްގައި ކަތީބެއްގެ މަގާމަށް ބޭފުޅުން އައްޔަން ކުރިއިރުވެސް ފުވައްމުލަކު ކޮންމެ އަވަށަކަށް ކަތީބަކު އައްޔަން ކުރެއްވިއެވެ. އޭގެ ފަހުން ފަހުގެ ތާރީހުގައި ރައީސް ނަޝީދު ކޮންމެ ރަށަކަށް ކައުންސިލަރުން އަށްޔަން ކުރި ކުރުމުގައިވެސް ފުވައްމުލަކު ކޮންމެ އަވަށަކަށް ކައުންސިލަރެއް އައްޔަންކޮށްފައިވެއެވެ. އަދި އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަމުގައި ފުވައްމުލަކުގައި އުފެދިފައިއޮތް އަށް ރަށު ކައުންސިލްތައް ވަކި އިދާރާތަކެއްގެ ގޮތުގައި ބަދަލުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ހުރިހާ ވެރިކަމެއްގައިވެސް ފުވައްމުލައް މިވަނީ އަށް ރަށެއްގެ ގޮތުގައި އިދާރީ އަށް ރަށުގެ ގޮތުގައި ވާނުވާނޭގޭ ހިސާބަށް ގޮސްފައެވެ.
ފުވައްމުލަކަކީ އެއްފަސްގަނޑަށް އުފެދިފައި އޮތް ބޮޑު ރަށަކަށްވެފައި އާބާދީގެ ގޮތުން މިރަށަކީ ސިޓީއެއްގެ ދަރަޖަ ހައްގުވާ ރަށެއްކަމަށް މިރަށުގެ ގިނަ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން އިއްތިފާގުވެއެވެ. އެގޮތުން މިރަށް ސިޓީއެއްގެ ދަރަޖަ އަށް ބަދަލުކުރުމަށް ޒުވާނުވަނީ މީގެ ކުރިން ވަރުގަދަ ކެމްޕެއިންތަކެއް ކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކުރެވުނު ކެމްޕެއިންތައް ފާހަނގަކުރެވެއެވެ.
ފުވައްމުލައް ސިޓީއެއްގެ ދަރަޖަ ނުލިބި ބާކީވެގެންދިޔައީ 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ އާބާދީ އަކީ 10000 މީހުންކަމަށް ގާނޫން އިސްލާހުކުރަން އޭރުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުން އެންމެ ވޯޓެއް މަދުވެގެން ފާސްނުވުމުންނެވެ. އޭރު އެއިސްލާހަށް އޭރުގެ އިދިކޮޅު ޕާޓީކަމަށްވާ ޑީއާރުޕީ އިން ވޯޓެއް ނުދެއްވައެއެވެ. އަދި ފުވައްމުލަކަށް ނިސްބަތްވާ އެޕާޓީގެ ދެ މެމްބަރުންކަމަށްވާ ރަފީގް އާއި މަސީހްވެސް ވޯޓްދެއްވީ ފުވައްމުލައް ސިޓީއަކަށް ނެހެދޭ ގޮތަށެވެ. އެދުވަސްވަރު އެދެބޭފުޅުންނަށް ގިނަގުނަ ފާޑުކިޔުންތައްވެސް އަމާޒުވެގެން ދިޔައެވެ.
ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެންމެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގައާއި އެހެނިހެން މައިދާންތަކުގައި ވަކާލާތުކުރާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝީފާގް މުފީދު (ހިސްޓޯ) ވިދާޅުވީ 2010 ވަނަ އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ފުވައްމުލައް ސިޓީއެއްގެ ދަރަޖަ ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށާއި އެބިލުގައި ފުވައްމުލަކުގެ އިސްތިސްނާ ހާލަތު ބަޔާންކޮށް ސިޓީއެއްގެ ދަރަަޖަ ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަަށެވެ. އެގޮތުން ސިޓީއެއްގެ ދަރަޖަ 10000 މީހުންނަށް ދަށްކޮށް މަޖިލީހުގައި އެބިލް ބަލައިގަތުމަށް ކުރެވުނު ބަހުސުގައި ހުރިހާ މެމްބަރުންވެސް އިއްތިފާގުވެފައިވަނީ ފުވައްމުލަކަށް ސިޓީއެއްގެ ދަަރަޖަ ދޭން ޖެހޭނެކަމަށެވެ. އަދި ހަމަ އެދުވަހު ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް އެބިލް ފޮނުވައި އެބިލްގެ މަސައްކަތް އެކޮމެޓީންވެސް ނިމިފައިވާ ކަމަށެވެ.
“9 ޑިސެމްބަރ 2010 ގައި ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް އެބިލްފޮނުވައި އެކޮމެޓީގެ ސަބްކޮމެޓީއިން އެބިލް ދިރާސާކޮށްވަނީ ނިމިފައި، އަދި ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ހުށަހެޅި އިތުރު ހިޔާލެއް އެއްވެސް މެމްބަރަކު ހުށަނޭޅުމުން މިހާރު އެއޮތީ މަޖިލީހަށް ހުށަހަޅަން ޖެހިފައި، އެންމެ އަވަހަށްވެސް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފިނަމަ އެބިލް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނަން” ޝިފާގް ވިދާޅުވިއެވެ.
ޝިފާގް އިތުރަށް ވިދާޅުވީ މަޖިލީހުގެ ހުރިހާ ޕާޓީއެއްގެވެސް ވިސްނުންހުރީ ކައުންސިލްތަކުގެ މެމްބަރުން މަދުކުރުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރަންކަމަށެވެ. އެގޮތުން ފުވައްމުލަކަކީ އިސްތިސްނާ ހާލަތުގައި އޮތް އަތޮޅަކަށްވެފައި މިރަށުގައި ކޮންމެ އިންތިހާބީ ދާއިރާއަކުން ދެ މެމްބަރުންގެ ސިޓީ ކައުންސިލެއް ހެދުމަށް ވަނީ ހުށަހެޅިފައެވެ. އަދި ހަމަ އެއާއި އެކު އެކައުންސިލާއި އެކު އުފެދޭ އަވަށު ބޯޑުން މިހާރު ރަށު ކައުންސިލްގައި ކުރެވޭ ކަންތައްތައް ކުރެވޭނެ. މިހާރު މިއިންނަ ގޮތުން އަތޮޅު ކައުންސިލާއި ރަށުކައުންސިލުގައި ގާތްގަޑަކަށް ކުރަން މިޖެހެނީ އެއްކަންތައްތަކެއް އެހެންކަމުން ކައުންސިލްތަކުގެ މެދުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.
“ވޭތުވެދިޔަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ހަތަރު ކެންޑިޑޭޓުންވެސް ވިދާޅުވީ ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ރަށެއްކަމަށް، އެހެންކަމުން މަޖިލީހުގެ ތެރެއިންވެސް މިކަންތައްތައް ހަމަޖެހިގެންދާނެކަމަށް ބެލެވޭ” ޝީފާގް ވިދާޅުވިއެވެ.
އަަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ސިޓީކައުންސިލެއް އުފެއްދިދާނެކަމަށް އުންމީދުކުރަންތޯ ސުވާލު ކުރުމުން ޝިފާގް ވިދާޅުވީ ، މިހާރު ވަގުތުވެސް ވަރަށް ކުޑަކަމަށާއި ނަމަވެސް މަޖިލީހުގެ މެމްބަރުންގެ އިހްލާސްތެރިކަމާއި އެކު މިކަން ކުރެވިއްޖެނަމަ އުފެއްދިދާނެކަމަށެވެ.
“ނުވަ ކައުންސިލްގެ ބަދަލުގައި އުފައްދަން އޭރުންޖެހޭނީ އެންމެ ކައުންސިލެއް،އެކައުންސިލަކީ މިހާރުގެ އަތޮޅު ކައުންސިލް އުފައްދާ ގޮތަށް އުފެދެންޖެހޭ ކަައުންސިލެއް، އެހެންކަމުން އިލެކްޝަން ކޮމިޝަނަށްވެސް އެއީ އުދަގޫ ބުރަ ބޮޑު ކަމަކަށް ނުވާނެ” ޝިފާގް ވިދާޅުވިއެވެ.
ޝިފާގް ވަނީ ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު ފުވައްމުލައް އަށް ބަޔަށް ފޮތިފޮތި ކޮށްގެން ނުވާނެކަމަށް ބުނެ އެމްޑީޕީގެ މެމްބަރުންތަކަކާއި އެކު މުޒާހަރާއެެއްވެސް ބާއްވާފައެއެވެ. އަދި އޭގެ ފަހުން ޕީޕީއެމްއަށް ބަދަލުވުމަށް ފަހު އެޕާޓީ ބަދަލުކުރުމަށްފަހު ވިދާޅުވީ ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕީޕީއެމް އިންވެސް އެއްބާރުލުން ނުދޭކަމަށް ބުނެފައެވެ.
ޝިފާގްގެ ވިސްނުން މިގޮތަށް ހުރިއިރު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގް ހަސަން، 2010 ވަނަ އަހަރު ވިދާޅުވެފައިވަނީ ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ތަރައްގީ ނުކުރެވެންވީ ސަބަބައް ނެތް ކަމަށާއި ނަމަވެސް ވަސީލަތްތައް ގާއިމްކުރުމަށްފަހު ސިޓީއެއްގެ ދަރަޖަ ދިނުން އެންމެ ރަނގަޅު ކަމަށެވެ. އަދި މިވަގުތަށް (2010) އެއީ މާއަވަސް ވަގުތެއް ކަމަށެވެ. ނަމަވެސް މިހާރު އޭގެ ފަހުން ހަތަރު އަަހަރު ވޭތުވެގެން ދިޔުމުން މިއީ އެންމެ ރަނގަޅު ވަގުުތުކަމަށް ރަފީގްވެސް ގަބޫލްކުރައްވާނެ ކަމަށް ބެލެވެއެެވެ.
އެއް ރަށަކަށް ނިސްބަތްވާ ހަމައެކަނި އަތޮޅުގައި ނުވަ ކައުންސިލާއި 30 ކައުންސިލަރުން އޮންނަ އޮތުން ނިމުމަކަށް ގެނެސް ސިޓީކައުންސިލަކުން އަތޮޅުގެ އިދާރީ ކަންތައްތައް ބެލެހެއްޓުން ވެގެންދާނީ އިދާރީ ގޮތުންނާއި އެހެނިހެންގޮތްގޮތުންވެސް މަސައްކަތް ހަލުވިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިހާރު އިދާރީ ގޮތުންނާއި ކައުންސިލްތަކަށް ކުރަންޖެހޭ ހަރަދުތައް ކުޑަވެ އެފައިސާ ރައްޔިތުންނާއި ރަށުގެ ތަރައްގީ އަށް ކުރެވޭ ހޭދައަކަށް ވެގެންދާނެކަމެއްކަމަށެވެ.
ފުވައްމުލަކުގެ ގިނަ ޒުވާނުން ގަބޫލުކުރަނީ މިދަނޑިވަޅަކީ ފުވައްމުލައް ސިޓީއަކަށް ބަަދަލުކުރަންޖެހޭ ދަނޑިވަޅުކަމަށެވެ. އެގޮތުން އާސަރުކާރުގެ ހަރަދުތައް އެތައް ގުނައެއް ކުޑަވެ، ރައްޔިތުންނަށް ގާތުން ހިދުމަތްދިނުމަށް އަވަސްތަކެއް ވެގެންދާނެކަމަށެވެ. ފުވައްމުލަކުގެ ގިނަ ބައެއްގެ އުންމީދުގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް ވަކާލާތު ކުރަމުންދަނީ ފުވައްމުލަކަކީ ސިޓީއެެއްގެ ގޮތުގައި ތަރައްގީ ކުރަންޖެހޭ ތަނެއްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމަށް ހައްލެއް ބޭނުންއެބަ ބޭނުންވެއެވެ.
ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް މެދު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ފަޒާދުގެ ކެމްޕެއިން ވައުދުގައި ވިދާޅުވިއެވެ. އަދި ހަމަ އެސިޓީ އެއީ މޮޑަން ސިޓީއެއް ކަމަށް ހައްދަވާދެއްވާނެކަމަށް މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ ކެމްޕެއިންގެ އެންމެ ބޮޑު އެއް ވައުދެވެ. މިހެންކަމުން ޕީޕީ އެމްގެ މެޖޯރިޓީ މަޖިލީހެއްގައި، އަދި މަޖިލީހުގެ ރައީސްގެ މިވައުދު ފުއްދުމުގައި ގިނަ ދުވަސްތަކެއް ވަމުންދާތީވެ، މޮޑަން ސިޓީއެއް ލިބޭނެ ދުވަހަކަށް ރައްޔިތުން ތިބީ ކެއްތެރިކަން ކޮޅުންލާހިސާބުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު