A wide advertisement which will be shown on all devices. (700 x 100)

މަޖުލިސް ޕްރައިމަރީގައި ވޯޓު ދޭނީ ކޮން ވިސްނުމަކުން؟

މަޖުލިސް ޕްރަމަރީގައި މެންބަރުން ޖަވާބުރާދީ ކުރުވުމަށް ބާރުަލާ!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހަށް ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް، އެޕާޓީއެއްގެ ކެންޑިޑޭޓުންގެ މެދުގައި މަޖުލިސް ޕްރަމަރީއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފުވައްމުލަކުގެ އިންތިޚާބީ ތިން ދާއިރާގައި ވެސް ޕްރައިމަރީއެއް އޮންނާނެކަމަށް ބެލެވެއެވެ.

ފުވައްމުލަކުގެ އުތުރު ދާއިރާގައި ޕީޕީއެމްގެ ޕްރައިމަރީއެއް ބާއްވާނެ ކަމަށް ބެލެވޭއިރު އަނެއް ދެ ދާއިރާގައި އެމްޑީޕީން ޕްރައިމަރީ އެއް ބާއްވާނެކަން އެޕާޓީއިން އިއުލާންކޮށްފައިވެއެވެ.

އުތުރު ދާއިރާގައި އެމްޑީޕީން ވާދަކުރުމަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުގައި ވުމުން ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާފައިވެއެވެ. އެމްޑީޕީ އުތުރު ދާއިރާގެ ޓިކެޓް ކަށަަވަރުކޮށްފައިވަނީ މުހައްމަދު ރަޝީދު (ދޮންބެ) ހަރުމަލުގޭ ހޯދަޑު އެވެ. އުތުރު ދާއިރާއިން ޕީޕީއެމް ޕްރައިމަރީ އަކަށް ދާންޖެހޭ ކަމަށް ބުނެ އެޕާޓީގެ އުތުރު ދާއިރާގެ މަޖުލިސް ޓިކެޓް ހޯދުމަށް ފަސް ފަރާތަކުން ތައްޔާރުވަމުން އެބަދެއެވެ.

މެދު ދާއިރާއިން އެމްޑީޕީ ޕްރަމަރީ ގައި ވާދަކުރުމަށް 3 ކެންޑިޑޭޓަކުން ވަނީ ކުރިމަތިލާފައެވެ. އެއީ މިދާއިރާ ނިސްބަތްވާ 3 އަވަށުން، ކޮންމެ އަވަށަކުން ކެންޑިޑޭޓެކެވެ. މިދާއިރާގެ ޕީޕީއެމް ޓިކެޓް މިސްކިތްމަގު، މަންޒަރުގ،ެ ހަސަން ޚާލިދު އަށް ޕްރަމަރީއަކާއި ނުލައި ވަނީ ދީފައެވެ.

ދެކުނު ދާއިރާގެ އެމްޑީޕީ މަޖުލިސް ޓިކެޓް ހޯދުމަށް 4 ކެންޑިޑެޓަކު ވާދަކުރެއެވެ. އެއީ އެދާއިރާ ނިސްބަތްވާ ފުނާޑުން 2 ކެންޑިޑޭޓުންނާއި ދޫނޑިގަމުން 2 ކެންޑިޑޭޓުން ނެވެ. މިދާއިރާގެ ޕީޕީއެމް މަޖުލިސް ޓިކެޓްް، މިހާރުވެސް އެދާއިރާގެ މަޖުލިސް މެންބަރު މަސީހުއަށް، ޕްރަމަރީ އަކާއި ނުލައި ވަނީ ދީފައެވެ. މިދާއިރާއަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓެއްވެސް ނުކުންނާނެ ކަން އެޕާޓީން ވަނީ އިއުލާން ކޮށްފައެވެ. އެއީ  ފުނާޑު އަވަށު ކުޑަފަރީ، ހަސަން އަލީ ދީދީ އެވެ.

ޖޭޕީން މަޖުލީހުގެ 87 ދާއިރާއށް ކުރިމަތިލާނެކަމަށް އިއުލާން ކޮށްފައި ވިޔަސް ފުވައްމުލަކުގެ އެއްވެސް ދާއިރާއަކަށް ކުރިމަތި ލާނެކަން ނުވަތަ ނޫންކަން އަދި ޕްރައިމަރީއަކަށް ހުޅުވާލިކަން ވެސް ހާމަކޮށްފައެއް ނުވެއެވެ. އަލަށް އުފެދޭ ޕާޓީތަކުން ވެސް މަޖުލިސް އިންތިޚާބުގައި ކެންޑިޑޭޓުންތަކެއް ފުވައްމުލަކުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެޕާޓީ ތަކުން ޕްރައިމަރީއެއް ބޭއްވުން ދުރުކަމަށް ބެލެވެއެވެ.

ޕްރައިމަރީގައި ވޯޓު ދޭނީ ކޮން ވިސްނުމަކުން ބާ؟

މަޖުލީހުގެ ޕްރައިމަރީތަކެއް ބާއްވައި ޕާޓީގެ ކެންޑިޑޭޓުން ކަނޑައެޅުމުގައި ވިސްނަން ވީ ކޮން ގޮތަކަށްތޯ އުފެދޭ ސުވާލެވެ. ބައެއް ފަރާތްތަކުން ވިސްނާ ކަންކަން ހިމަނާލާނަމެވެ.

  • ޕާޓީއަށް ވަފާތެރި، ޕާޓީ ޕްރޮމޯޓު ކުރާ މެންބަރަކަށް ވުން
  • ޕާޓީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މެންބަރެއް ކަމުގައި ވުން
  • ޕާޓީ ބަދަލު ނުކުރާނެ ކަމުގެ އިތުބާރު ލިބިފައިވުން/ ނުވިކޭނެ މީހަކަށް ވުން
  • މަޖުލީހުގައި ގާނޫނާއި ގަވާއިދުތައް ހެދުމަށް އެކަށީގެންވާ ގާބިލިއްޔަތާއި އިލްމު ހުރި މީހަކަށްވުން.
  • ދާއިރާ ގޮނޑި އެންމެ ފަސޭހައިން ކާމިޔާބު ކުރެވޭނެ މެންބަރަކަށް
  • ރައްޔިތުމީހާގެ އަޑު އަހާ އަޑު އިއްވޭ މީހަކަށް ވުން
  • ދާއިރާގެ ކަންކަމަށާއި އިންތިޚާބުގެ ކަންކަމަށް ޚަރަދުކުރެވޭ މާލީ ތަނަވަސްކަމެއް ހުރި މީހަކަ ވުން

ޕާޓީތަކުގެ އަސާސީ ގަވާއިދާއި އިންތިޚާބީ ގަވާއިދުތަކުން ކެންޑިޑޭޓުންގެ މާބޮޑު ޝަރުތުތަކެއް ކަނޑައެޅިފައި ނެތުމުން ޕާޓީއަށް ދާދި ފަހުން ވަންނަ މެންބަރަކަށް ވެސް އިންތިޚާބުގައި ވާދަކޮށް އަދި ވޯޓުވެސް ދެވިދާނެއެވެ. ވުމާއެކު ބެލެވެނީ ޕާޓީތަކުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުތަކުން އެކަން ދޫކުރެވިފައި އެވަނީ ޕާޓީގެ މެންބަރުންގެ ވިސްނުމަށެވެ. އެއާއެކު ޕާޓީގެ މެންބަރުން ފުރިހަމައަށް ވިސްނައި އެ ޕާޓީއެއްގެ ޓިކެޓް ދޭނީ ކަމަށް އެންމެ ގާބިލު މީހާއަށް ތޯ ވިސްނައި ފިކުރު ކުރުން މުހިންމެވެ. ގޮތް ނޭގޭ، އަލަށް ޕާޓީއަށް ވަންނަ މީހާއަށްތޯ ރަނގަޅީ ނުވަތަ ޕާޓީގައި އިތުބާރާއެކު ގިނަ ދުވަހު ދެމި ހުރި މީހާތޯ ކަނޑައަޅަން ޖެހެއެވެ.

އެހެނީ ޕާޓީ ޓިކެޓަށްފަހު މަޖުލިސް ޓިކެޓް ލިބިއްޖެނަމަ ރައްޔިތުންނަށް ފައިދާހުރި ދާއިރާގެ ނުވަތަ އާއްމުކޮށް ރައްޔިތު މީހާގެެ މަސްލަހަތު މަޖުލީހުގައި ނެގެހެއްޓޭ ވަރުގެ ގާބިލް މީހަކަށް ވާން ޖެހެއެވެ. އެހެން ނޫންނަމަ މަޖުލީހުގައި ހަމައެކަނި ބަޓަނަކަށް ފިއްތާލާ ފެންނަ ނުފެންނަ ވޯޓު ދޭ އުސޫލުން ހުންނަ މީހަކަށް ވެއްޖެނަމަ ރައްޔިތުމީހާއަށް އެކަމުގެ ޖުމްލަ މަންފައެއް ނުލިބޭނެއެވެ.

ރައްޔިތުން ހަގީގަތުގައި ބޭނުންވަނީ މަޖުލީހުގައި އެމީހުން ތަމްސީލު ކުރަނީ ގާބިލު މަޝްވަރާތަކުގައި ނުފޫޒު ފޯރުވޭވަރުގެ ނަޒާހަތްތެރި މެންބަރަކަށެވެ. މަޖުލިސް ދައުރު ނިމޭއިރު އެ މެންބަރު، ނުވަތަ އޭނާގެ އާއިލާ މީހާ ނުވަތަ ގާތް ރައްޓެހި މީހާ މުއްސަނދި މަހުޖަނަކަށް ވާކަށް ރައްޔިތު މީހާ ނޭދެއެވެ.

ވިޔަފާރިވެރިންގެ ވިިޔަފާރިތައް މަޖުލިސް މެދުވެރިކޮށް ފުޅާކުރާކަށް ރައްޔިތުމީހާ ނޭދޭނެއެވެ. މަޖުލީހުގެ މެންބަރުންނަށް 82500 ރުފިޔާގެ ބޮޑު މުސާރައެއް ދީގެން ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ޚިދުމަތް ކުރުމަށް ހުވާކޮށްގެން ހުރި މެންބަރަކު ‘އެހެން ގޮތްގޮތުން’ ހޯދާ ފައިދާއަކީ ކޮރަޕްޝަނުގެ ފައިސާއަށް ބެލިގެންދާނެތީއެވެ. ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ވަކި ޕާޓީއެއްގެ ނުވަތަ ވަކި މީހެއްގެ މަސްލަހަތު އިސްކުރެވިގެން ދާނެތީ އެވެ.

މިކަންކަމަށް ވިސްނަައި ފިޔަވަޅު އަޅަން ޖެހެނީ މިއަދު އެވެ. ކެންޑިޑޭޓުގެ ނިއްކުރީގައި ރައްޔިތުމީހާ އެދޭ ސިފަތައް ފެނާނާކަށް ލިޔެފައެއް ނޯންނާނެއެވެ. ނަމަވެސް ރައްޔިތުމީހާއަށް ކެންޑިޑޭޓުގެ އިގުރާރު ބަސްތައް ކެމްޕޭނު ތެރެއިން ހޯދިދާނެއެވެ.

އެގޮތުން މާލީބަޔާން ހާމަކުރުމަށް އެއްބަސް ކުރެވިދާނެއެވެ. އަދި ކޮންމެ އަހަރެއްގެ މަލީ ބަޔާން ރައްޔިތުންނަށް ހާމަނުކުރާނަމަ އެކަމާއި ސުވާލު ކުރެވިދާނެއެވެ.

މަޖުލީހަށް ނުކުތުމަށްފަހު އިތުރު ވިޔަފާރިއެއް ނުކުރުމަށް އެދެވިދާނެއެވެ. ނުވަތަ ވިޔަފާރިއެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރި ނުވުމަށް އެދެވިދާނެއެވެ.

މަޖުލީހުގެއި ވޯޓުދޭގޮތާއި މަޖުލީހުގެ ކޮމެޓީތަކުގައި މަސައްކަތް ކުރިގޮތް މަޖުލީހުގެ ކޮންމެ ދައުރަކު (އަހަރަކު އޮންނަ މަޖުލީހުގެ 3 ދައުރުގައި) މަދުވެގެން އެއްފަހަރު ރައްޔިތުންނާއި ހިއްސާ ކުރުމަށް ދާއިރާގައި ބައްދަލުވުމެއް ބޭއްވުން ނުވަތަ ޓީވީ ރޭޑިއޯ އިން ލައިވުކޮށް މަޖުލީހުގެ ދައުރުގައި އެ މެންބަރެއްގެ ހަރަކާތްތައް ހުރިގޮތުގެ ރިޕޯޓެއް ހާމަކުރުމަށް އެދެވިދާނެއެވެ.

ރައްޔިތުންނަށް މަޖުލިސް މެންބަރު ޖަވާބުދާރީ ކުރެވޭނީ އެމެންބަރު ޖަވާބުދާރީ ކުރެވޭ ގޮތަށް ރައްޔިތުމީހާގެ އަމަލުތައް ވެސް ހުރެގެންނެވެ. ރައްޔިތުމީހާއަކީ ފައިސާއަށް ވޯޓު ވިއްކާ މީހެއް ކަމުގައި ވެ މަޖުލިސް މެންބަރަކީ ދާއިރާގެ ތަރައްގީއަށް ޚަރަދުކުރާ މީހާ ކަމުގައި ވެއްޖެ ނަމަ މަޖުލީހުން ރައްޔިތުން އެދޭ ގާނޫނުތައް ފާސްވުމުގެ ބަދަލުގައި ފާސްވާނީ މަހުޖަނުން ބޭނުންވާ ގާނޫނުތައް އެކަންޏެވެ. ރައްޔިތު މީހާގެ ހައްގެއް ނޯންނާނެއެވެ.

މިއީ މަޖުލިސް ޕްރަމަރީގައި ވެސް ވޯޓު ދޭއިރު ވިސްނަން ޖެހޭ ކަންކަމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !