A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ އާބާދީ އިތުރުވޭ ހެއްޔެވެ؟

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީއަށް ފާއިތުވި އަހަރު އައި ބަދަލު

ފުވައްމުލައް ސިޓީގެ އާބާދީ ސިޓީ ކައުންސިލުން އިއްޔެ އާއްމުކޮށްފިއެވެ. އިއްޔެ ޢާއްމުކުރި އަދަދުތަަކަށް ބަލާއިރު ފާއިތުވި 2018 ވަނަ އަހަރުގެ މާރޗު މަހުގެ އާބާދީއަށް ވުރެ ޖުމްލަ އާބާދީ އިތުރުވެފައި ވަނީ ވަރަށް ކުޑަމިންވަރަކަށެވެ. ސިޓީ ކައުންސިލުން އާއްމުކުރެވި އަދަދުތައް ދައްކާގޮތުން ފުވައްމުލައް ސިޓީގެ އާބާދީ އަކީ 13002 އެވެ. ފާއިތުވި 2018ވަނަ އަހަރު މާރޗު މަހު 31 ގައި ފުވައްމުލަކުގެ އާބާދީ އަކީ 12895 އެވެ. ވުމާއެކު ގާތްގަޑަކަށް އެއް އަހަރު ތެރޭގައި 12000ގެ އާބާދީ އަކަށް އިތުރު ވެފައި މިވަނީ 107 މީހުންނެވެ.

ފުވައްމުލަކު ބައެއް އަވަށްތަކުގެ އާބާދީ ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެބޮޑު އަވަށް ދޫނޑިގަމާއި ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ މާދަޑުގެ އާބާދީ ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް މުޅި ފުވައްމުލަކުގެ އާބާދާއަށް ވަނީ %0.83 ގެ ކުރިއެރުމެއް އައިސްފައެވެ. މިއީ ނިސްބަތުން ވަރަށް ދަށް މިންވަރެކެވެ. ފުވައްމުލަކުގެ އާބާދީއަށް ބަދަލެއް ނާދެއޭ ބުނެވޭ ވަރު ވެއެވެ.

2018 ވަނަ އަހަރު ފުވައްމުލަކުގެ އަވަށް ތަކުގެ އާބާދީއަށް އައި ބަދަލުތަކަށް ބަލާއިރު އެންމެ ބޮޑަށް އިތުރު ވެފައިވަނީ މިހާރުވެސް އެންމެ ބޮޑު، އުތުރު ދާއިރާގެ އާބާދީއެވެ. އެ ދާއިރާގެ ދަޑިމަގުން 52 މީހުން އިތުރު ވިއިރު ހޯދަޑުން 44 މީހުން އިތުރު ވެފައިވެއެވެ. އަދި ދިގުވާނޑުން އިތުރުވެފައި ވަނީ 3 މީހުންނެވެ.

މެދު ދާއިރާއިން މާދަޑުން 6 މީހުން މަދުވިއިރު މާލެގަމުން އެކަކު މަދުވެއެވެ. އެކަމަކު މިސްކިތްމަގުން 14 މީހުން އިތުރުވެފައި ވެއެވެ. މިދާއިރާގެ އާބާދީގެ ޖުމްލައިން ކުރީ އަހަރަށް ވުރެ މިއަހަރު އިތުރުވީ އެންމެ 7 މީހުންނެއެވެ.

އެންމެ މީހުން މަދު ދެކުނު ދާއިރާގެ އާބާދީއަށް ފުނާޑު އަވަށުން 18 މީހުން އިތުރު ވިއިރު ދޫނޑިގަމުން 17 މީހުން މަދު ވެއެވެ. ވީމާ މި ދާއިރާގެ އާބާދީ ޖުމްލަކޮށް ކުރިއަށް ޖެހެނީ އެއްމެ މީހެކެވެ.

އެކި އަވަށްތަކުގެ އާބާދީއަށް މިއައި ބަދަލަކީ އެތެރޭގެ (އަވަށްތަކުގެ މަދުގައި) އިންތިޚާބާއި ދިމާކޮށް އެއް އަވަށުން އަނެއް އަވަށަށް ބަދަލުވުމުން އައި ތަފާތެއް ކަމަށް ވެސް ވެދާނެއެވެ.

އާބާދީ ކުރިޔަށް މިދާ ނިސްބަތުން ބަލާއިރު ކުރިޔަށް އޮތް 5 އަހަރުތެރޭގައި ވެސް ފުވައްމުލައް ސިޓީގެ އާބާދީ 15000 (ފަނަރަ ހާސް) އަށް ނާރާނެއެވެ. އާބާދީ 15 ހާއަށް ވުރެ މައްޗަށް ދިއުމުން ރައްޔިތުންގެ މަޖުލީހުގެ އިތުރު ގޮނޑިއެއް ފުވައްމުލަކަށް ލިބޭނެއެވެ.

2018 ވަނަ އަހަރު ފުވައްމުލަކުގެ 3 ދާއިރާގެ އާބާދީއަށް ބަދަލު (ތަފާތު)

ފުވައްމުލަކުގެ އިގުތިސާދު ވަރުގަދަ ކުރުމަށް، ރަށުގެ ވިޔަފާރިތައް ކުރިއަރާ ދިއުމަށް ވެސް ފުވައްމުލަކަށް އިތުރު މީހުން ބޭނުންވެއެވެ. ދާދި ފަހުން ފުވައްމުލައް ސިޓީގެ މޭޔަރ ވަނީ ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރާ ދިވެހި ރައްޔިތުންނަށް މަރުޙަބާ ކިޔާނެ ކަމަށް މީީޑއާގައި ވިދާޅުވެފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުން މޭޔަރގެ ވާހަކަތަކަށް އެވަނީ އަމާޒުވެފައެވެ. އެގޮތުން ފުވައްމުލަކުގެ މިހާރުގެ ރަށްވެހިންނަށް ވެސް ރަށުން ބޯހިޔާވަހިކަމެއް ލިބެން ނެތް އިރު އިތުރު ބަޔަކަށް ދައުވަތު ދެނީ ކޮން ވިސްނުމަކުން ކަން ނޭގޭ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައި ވެއެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ތަރައްގީގައި ކުރިޔަށްދާން އެދޭނަމަ އެތަނެއްގައި ވިޔަފާރިއަށް އެކަށޭނަ ހެޔޮ އާބާދީއެއް އޮންނަން ޖެހެއެވެ. ތަރައްގީގައި ކުރިޔަށް ދާން އެދޭ މީހުން އެހެން މީހުން އެދިމާލަކަށް ޝައުގުވެރި ކުރުވައިގެން ގެންނަން ތަފާތު މަސައްކަތްތައް އެކި ލެވެލްގައި ކުރެވެއެވެ. އެކަން ހދ.ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި އައްޑޫ ހިތަދޫން އިން ހާމަކޮށްދެއެވެ.

ފުވައްމުލަކުގެ މިހާރުގެ އާބާދީ ކުޑަވެފައި އާބާދީގައި ކުރިއެރުން ހުރި މިންވަރު ދަށް ކަމުން މީހުން އިތުރު ކުރެވެން އޮތީ ފުވައްމުލަކަށް ހިޖުރަކުރުމަށް ފުރުސަތު ދެވިގެންނެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި އަލަށް އެޅި ފްލެޓްތަކުން ރަށުން ބޭރުގެ 20 އައިލާއަކަަށް ސަރުކަރުން ވަނީ ޖާގަ ޚާއްސަ ކޮށްފައެވެ. އަދި އެކަމަށް ކުރިމަތިލި 20 ފަރާތަށް ފްލެޓް ދިނުމަށް ހޮވިފައިވާ ކަމަށް ވެއެވެ. މިއި ފުވައްމުލަކުގެ އާބާދީ އަށް ހިޖުރަކުުރުމުގެ ގޮތުން އިތުރު ވެގެން ދާނެ އާބާދީއެއް ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !