A wide advertisement which will be shown on all devices. (700 x 100)

މުޅިރާއްޖޭގެ އެންމެންގެ އަސާސީ ހައްގުތައް ހިފަހައްޓާވަރު ކަންތައްތަކެއް މިރާއްޖޭގައި ހަމަ ހިނގަނީ ބާ؟

ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރީ ކޮން މަގުސަދެއް ހާސިލުކުރަން ބާ؟

އަށާވީސް ސެޕްޓެމްބަރުގައި ހިނގި ފިނިފެންމާ ލޯންޗުގެ ހާދިސާއަށް ފަހު މަހަކަށް ވުރެ ގިނަ ދުވަސްވެ، އެހާދިސާގެ “މުއާލާތް ކެނޑި” އެތައް ދުވަހެއް ފަހުން ކުއްލިއަކަށް މުޅި ރާއްޖެއަށް ކުއްލިހާލަތު ނޮވެމްބަރު 4 ގައި އިއުލާން ކުރުމުން ގިނަބައެއްގެ ހިތުގައި ސުވާލުމާކު ޖެހިއްޖެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 200 އަށް ވުރެ ގިނަ ރަށުގެ ތެރެއިން އެހާދިސާއާއި ގުޅިގެން ތަހުގީގަށްވެސް އަދި އެނޫންވެސް ގުޅުންހުރި ހުރިހާ ކަމެއްހެން ހިނގާފައިވަނީ ވެރިރަށް މާލޭގައެވެ. އަދި އާއްމު މީހުން ދިރި ނޫޅޭ ރިސޯޓް ނުވަތަ ރިޒޯޓް ހަދަން ދޫކޮށްފައިވާ ދެފަޅު ރަށެއްގައި އެކަންޏެވެ. ނަމަވެސް ދިވެހި ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތައް ކުއްލިއަކަށް ހިފެހެއްޓިގެން މިދިޔަ ސަބަބާއި މެދު ސާފުނުވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެމްޑީޕީން ކުރަން ތައްޔަރުވަމުން އައި ބޮޑު މުޒާހަރާ ހުއްޓުވޭނެ ގޮތެއް ނެތިގެން ކަމަށާއި އަދި ތުހުމަތުގައި ވާ ނާއިބު ރައީސް އަދީބު މަގާމުން އަޒުލުކުރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ރައްޔިތުންގެ އަސާސީ ހައްގުތައް ހިފެހެއްޓުމަކީ ކުޑަކަމެއް ނޫނެވެ. ބައިނަލް އަގުވާމީ ޖަމްއިއްޔާތަކާއި ޑިމޮކްރަސީގެ ގައުމުތަކުން އެކަންކަން ހުއްޓާލުމަށް އެގޮވަނީ އެހެންވެގެން ކަމަާއި މެދު ޝައްކެއް ނެތެވެ. ނަމަވެސް ގިނަ ދިވެހިންނަށް މިކަން ރަނގަޅަށް އިހުސާސު ކުރެވެއެކޭ ނުދެންނެވޭނެއެވެ.

ދިވެހިންނަށް އަސާސީ ހައްގު ހިފެހެއްޓުމަކީ ކޮބައިކަން އިޙުސާސު ވެސް ނުވާ ކަހަލައެވެ؟ ސަރުކާރުން މިވަނީ ކުރިޔަށް އޮތް 30 ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިފަހައްޓާފައެވެ. އުސޫލެއްގެ ގޮތުން ސަރުކާރުން ބޭނުން ކޮންމެ ވަގުތަކު ބޭނުން ކޮންމެ މީހަކު ހިފާ ހައްޔަރުކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އޭނާގެ އަސާސީ ހައްގުތަކުން މަހުރޫމު ކުރުމުން ހައްގު ހޯދޭނެ ގޮތެއް ނެތެވެ. އާއްމު ރައްޔިތުމީހާގެ މުދާ ހިފެހެއްޓުމަށް ހުރަހެއް ނެތެވެ. އެއީ ކޮންމެހެން ދިމާވެގެން އުޅޭ ފިނިފެންމާ ލޯންޗާއި ގުޅުން ހުއްޓަސް ނެސްތަސް ހެވެވެ. ސަރުކާރުން ބޭނުން ވެއްޖެ ކޮންމެ ހާލަތެއްގައި ކޮންމެ ރައްޔިތެއްގެ އަންނަނިވި ހައްގުތައް ހިފެހެޓުމުގެ ބާރު “ކުއްލި ހާލަތުން” ސަރުކާރަށް ލިބިގެން ދެއެވެ.

• މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން – މާނައަކީ ގާނޫނުތަކުން ކުށެއްކަމަށް ބުނެފައި ނުވާކަންތައްތައް ކުރުން ވެސް ހިފެހެއްޓުނީއެވެ. މިސާލު މީހަކު ދިރިއުޅުމަށް މަސައްކަތު ދަނޮކޮށްވެސް އެއްވެސް ސަބަބަކާއި ނުލައި އެކަން ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެން ދިޔައީއެވެ.

• ޒާތީ ދިރިއުޅުމުގެ ހައްގު – އަމިއްލަ ޒާތީ ކަންކަން ހުއްޓުވިދާނެ – މިސާލު: މިހަކާއި ކައިވެނި ކުރުން ވެސް ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެން ދިޔައީއެވެ.

• ހަޅުތާލުކުރުމުގެ ހައްގު: މިކަން މިވަނީ ހުއްޓުވާފައި: އިދިކޮޅު އެމްޑީޕީގެ މުޒާހަރާ ހުއްޓުވާލެވިއްޖެ.

• އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު – އެއްތަނަކަށް ޖަމާވެ ނުއުޅެވޭނެ: ދެން ވޯލްޑްކަޕް ކޮލިފައިން މެޗު ބަލަން ވެސް ދަނޑަށް އެންމެން އެއްވުން ހުއްޓުވިދާނެ.

• ދަތުރުފަތުރު ކުރުމުގެ މިނިވަންކަން – އާއްމު ދިރިއުޅުމުގައި އެއްތަނުން އަނެއްތަނަށް ދިއުން ސަބަބަކާއި ނުލައި ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެން ދެއެވެ.

• ގާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި ބަންދު ނުކުރުމުގެ ހައްގުތައް އަދި އެ މާއްދާގައި ބުނެފައިވާ އެހެން ހައްގުތައް – ގާނޫނާއި ޚިލާފަށް ވެސް ހައްޔަރުކުރުމަށް ހުރަހެއް ނެތް.

• ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުމުގެ ހައްގު – ސުވާލަކާއި ނުލައި މީހެއްގެ މުދާ އަތުލެވިދާނެ: މިސާލު: ފިހާރައަކަށް ވަދެ މީހެއްގެ މުދަލުގެ މައްޗަށް ގަދަވެވިދާނެ ހާލަތެއް ގާއިމުކުރެވުނީ.

މިހާރު ދިމާވެފައިވާ ކަންކަމުގެ ހާލަތަށް ބަލާއިރު، ގައުމު މިހާރު މިއޮތް ހާލަތުން މިފަދަ ކަންކަން ހިފަހައްޓާނަމަ އެއީ އެއްވެސް މީހަކަށް ގަބޫލުކުރެވޭނެ އުސޫލެއް ނޫނެވެ. އަދި ސަރުކާރުން މިބާރުތައް ނެގި ކަމުގައި ވިޔަސް މީގެތެރެއިން މަދު ކަމެއް ނޫނީ ހިފަހައްޓާފައި ނުވާކަން ވެސް ފާހަގަ ކުރެވެއެވެ. ދަތުރުފަތުރު ކުރުން ހިފެހެއްޓިފައިވާ ތަނެއް ވެސް ނުފެނެއެވެ. އަދި އާއްމުން ހުއްޓުވާ ބާލާ ފާސްކުރުން ވެސް އާއްމުކޮށް ފެންނާކަށް ނެތެވެ.

ވީމާ މިއިން ދޭހަވާނީ ކޮންކަމެއް ބާއެވެ؟ ސަރުކާރުން އަސާސީ ހައްގުތައް ހިފެހެއްޓުމުގެ ނަން ބޭނުންކޮށްގެން ކޮންމެވެސް އެހެން މަގުސަދެއް ހާސިލުކުރަން އުޅެނީ ނޫންބާވައެވެ. ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި “އިމަޖެންސީ ގާނޫނު ހިންގާ” ހާލަތަކަށް ގައުމުގެ ކަންކަން ނުދެއެވެ. ސަރުކާރުން ބޭނުން ވާ ތަހުގީގެއް ބޭނުންވާ ސަރަހައްދެއްގައި ކުރުމަށް އެއްވެސް ހުރަހެއް އޮތްތަނެއް ނުފެނެއެވެ. އަދި ސަރުކާރުން ބޭނުންވާ ތަހުގީގާއި ދެކޮޅު ބަޔަކު ފެންނާކަށް ނެތެވެ. އަދި ފޮރިން މިނިސްޓަރު ދުންޔާ ބޭރުގެ މީޑިއާތަކަށް ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް އިމަރޖެންސީ ގާނޫނު ހިންގުން ހުއްޓާލާނެކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !