20 ސެޕްޓެމްބަރ 2019 ( ހުކުރު )

ރީތި ކެމްޕޭނަކުން އިންތިޚާބު ކާމިޔާބުވާނެ: އާތިޔާ ކެމްޕެއިން ޓީމް

18 ޖެނުއަރީ 2019 ވާ ހުކުރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރުމަށްޓަކައި ޢާޠިޔާގެ ޓީމުން ވާނީ ފުވައްމުލަކު މެދު ދާއިރާ އެމްޑީޕީ މެންބަރުންގެ ތެރެއިން ފަންސާސް އިންސައްތަ (%50) މީހުންގެ ވޯޓަށް ވުރެ އިތުރު ވޯޓް ކަށަވަރުކޮށްފައި ކަމަށް ޢާޠިޔާގެ ކެމްޕޭން ޓީމުން ބުނެފިއެވެ. “މިއީ އަޅުގަނޑުމެން އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށް ވުރެ ބޮޑުތަނުން އިތުރު އަދަދެއް، މާތްﷲ ގެ ވާގިފުޅާ އެކު މި އަދަދު އަޅުގަޑުމެން ކަށަވަރުކުރީ ވޯޓް އަޙްދުކޮށްގެންނާ އޭގެ އިތުރުން އެކިއެކި ގޮތްގޮތުން  ދިރާސާކޮށް ޝައްކުކުރެވޭ ވޯޓެއްވިއްޔާ ހިސާބުން ކަނޑައި އުނިކޮށްގެން. އިރާދަ ކުރެއްވިއްޔާ ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނީ އަޅުގަނޑުމެން” ޢާޠިޔާގެ ކެމްޕެއިން ޓީމުގެ ފަރާތުން ޒަހްރާ މޫސާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ހުރިހައި ގޮތަކުން ބެލިޔަސް މި ދާއިރާއަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ރަގަޅު ހޮވުން، އެހެންވީމާ ކެންޑިޑޭޓް ޕްރޮމޯޓްކުރުމުގެ ގޮތުން އަޅުގަނޑުމެން ދައްކާނެ ކިތަންމެ ވާހަކައެއް އަދި ކުރާނެ ކިތަންމެ ކަމެއް އަދިވެސް އެބަހުރި، ވީމާ އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ތަސައްވަރާއި ބެހޭގޮތުން ދާއިރާގެ ރައްޔިތުންނަށް މައުލޫމާތު ދިނުން” ކެމްޕެއިން ޓީމުގެ ފަރާތުން ޒަހްރާ މޫސާ ވިދާޅުވިއެވެ. ޒަހުރާ މޫސާ މިހެން ވިދާޅުވިއިރު އެމްޑީޕީ ޕްރައިމަރީގައި ޢާޠިޔާ އާއި ވާދާކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމްތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދަނީ އެ ބޭފުޅުންގެ ކެންޑިޑޭޓުންގެ ތަސައްވަރު ނުވަތަ ވައުދުތަކަކީ ކޮބައިކަން ހާމަ ކުރުމުގެ ބަދަލުގައި އިންތިޚާބު ކާމިޔާބު ކުރާނީ އެބޭފުޅުން ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ބޭފުޅުންގެ ކެންޑިޑޭޓުންނާއި ބެހޭ ގޮތުން މައުލޫމާތު ދީ އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ނުފެންނަކަން ފާހަގަ ކުރެވެއެވެ.

ރީތި ކެމްޕެއިނެއް ކޮށްގެން ބޮޑު ތަނުން އިންތިޚާބު ކާމިޔާބުވާނެކަމުގެ ޝައްކެއް ނެތް ކަމަށާއި އެހެންވެ ބޭކާރު ވާހަކަތައް ފަތުރާ ދެއްކުމުގައި އެއްވެސް ވަގުތެއް ހޭދަ ކުރާކަށް އެ ބޭފުޅުން ބޭނުން ނުވާކަމަށް ޢާޠިޔާގެ ކެމްޕެއިން ޓީމުން އާމިނަތު ނާހިދާ ވިދާޅުވިއެވެ.

“2019 ގެ މަޖިލިސް އިންތިޚާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅޭ ފަރާތްތަކުގެ ތެރެއިން އެހެން ކެންޑިޑޭޓުންނާ އަޅައި ބަލާއިރު ޢާޠިޔާއަކީ ޢިލްމާއި ތަޖްރިބާ ހުރި ގާބިލް ބޭފުޅެއް. އެ ބޭފުޅާޔަކީ އެމްޑީޕީ ގެ އިސް ސަފުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް. މަޖިލީހުގައި މަސައްކަތް ކުރައްވާނޭ ގޮތުގެ އަދި ވަކާލާތު ކުރައްވާނޭ ގޮތުގެ ތަސައްވަރެއް ގެންގުޅުއްވާ އަދި އެ ތައްސައްވަރު ވައުދުތަކެއްގެ ގޮތުގައި ހާމަ ކުރަމުންދާ ހަމަ އެކަނި ކެންޑިޑޭޓް” ޢާޠިޔާގެ ކެމްޕެއިން ޓީމުގެ ފަރާތުން ނާޒިމާ އަޙްމަދު ވިދާޅުވިއެވެ.

“އިރާދަ ކުރެއްވިއްޔާ މި ޕްރައިމަރީވެސް ކާމިޔާބު ކުރާނީ އަޅުގަނޑުމެން އަދި ޕްރައިމަރީއަށް ފަހު އަޅުގަނޑުމެން އެންމެން ގުޅިގެން މާތްﷲ ގެ ވާގިފުޅާ އެކު، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނަން. ވާދަވެރި އެހެން ބޭފުޅުންނާ އަޅާކިޔާއިރު ޢާޠިޔާއަކީ ފުވައްމުލަކަށް، އެމްޑީޕީއަށް އަދި މުޅި ދިވެހިރާއްޖެއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް” ޢާޠިޔާގެ ކެމްޕެއިން ޓީމުން މަރިޔަމް ސަޢީދު ވިދާޅުވިއެވެ.

ޢާތިޔާއަކީ ތައުލީމީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވާތީ އާއި ތައުލީމީ ދާއިރާގައި ޢާޠިޔާ ދެއްވި ފުރިހަމަ ޚިދުމަތާއި ހޯދި ކުރިއެރުންތަކުގެ ތަޖްރިބާގެ އަލީގައި ފުވައްމުލަކުގެ ގިނަ ބެލެނިވެރިންނާއި ޓީޗަރުންނާއި ޢާޠިޔާގެ ދަރިވަރުން ތިބީ ޢާޠިޔާއަށް ވޯޓްދޭން ތައްޔާރަށް ކަމުގައި މިކަލް ނޫސް ގެ ދިރާސާތަކުން ހާމަވެއެވެ. ވޭތުވެ ދިޔަ ތަނުގައި ޢާޠިޔާއަކީ އޭނާގެ ހިންގުންތެރިކަމާއި ޤާބިލުކަން ސާބިތުކޮށްދީފައިވާ ކަނބަލެކެވެ. ސިޔާސީ ދާއިރާގައި ގައުމަށާއި އެމްޑީޕީއަށް އަގު ނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ އެޑިޔުކޭޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުން ނިމިގެންދިޔަ ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކަށް ފާޑުކިޔުމާއި ތައުލީމީ ދާއިރާ ޝެޑޯކޮށް އެމްޑީޕީގެ ތައުލީމީ ސިޔާސަތުތައް އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވިއެވެ. އެމްޑީޕީ އާއި ގުޅިފައިވާ ވެރިކަންކުރާ އިއްތިހާދުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ލިޔެ އެކުލަވާލުމުގައި މުހިއްމު ދައުރެއް ޢާޠިޔާ އަދާކުރެއްވިއެވެ.

“ނުހައްޤުން އަމީނިއްޔާއިން ވަކިކުރި ނަމަވެސް ގައުމަށް ޚިދުމަތްކުރުމުގެ ޝައުގަށް އަދި ހިތްވަރަށް ބަދަލެއް ނާދޭ. ޢާޠިޔާ ދިޔައީ ވަރަށް ސާބިތުކަމާ އެކު ސިޔާސީ ގޮތުންނާއި އިލްމީގޮތުން އެމްޑީޕީއަށް ޚިދުމަތްތަކެއް ކުރަމުން. ޢާޠިޔާ ދެ ގޮތެއް ނުވެ އެމްޑީޕީއަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތައްޓަކައި ވެސް އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުންނާއި އިންސާފަށް ލޯބިކުރައްވާ ގިނަ ބޭފުޅުން ބޭނުންވަނީ މެދު ދާއިރާގެ ގޮޑި މި ފަހަރު ޢާޠިޔާއަށް ކާމިޔާބު ކޮށްދެއްވުމަށް.” ޢާޠިޔާގެ ކެމްޕެއިން ޓީމުގެ ފަރާތުން ފުވައްމުލަކު މާލެގަމު ކައުންސިލްގެ ކުރީގެ ރައީސް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ތާރީޚުގައިވެސް އަންހެން ކަނބަލެއް މަޖިލީހުގެ ގޮނޑިޔަށް ހޮވިފައެއް ނެތް އަދި ފުވައްމުލަކު އަންހެނަކު ވާދަވެސް ކޮށްފައެއް ނެތް، މި ތާރީޚު ބަދަލުކޮށްލަން ކެރިގެން ކުރިމަތިލީ ޢާޠިޔާއެވެ. “އަންހެނުންގެ ކުރިއެރުމާއި ޖިންސްގެ ހަމަހަމަ ކަމަށް ޢާޠިޔާ ކުރަމުންދާ މަސައްކަތާއި ގެންގުޅޭ ސިޔާސަތުތަކާއި ވިސްނުމުގެ ސަބުބުން ފުވައްމުލަކު މެދު ދާއިރާގެ ގިނަ ކަނބަލުން ބޭނުންވަނީ ޢާޠިޔާ އިންތިޚާބު ކުރަން” ޢާޠިޔާގެ ކެމްޕެއިން ޓީމުގެ ފަރާތުން އާމިނަތު ހަފުސާ ވިދާޅުވިއެވެ.

“ޢާޠިޔާ އަކީ ފުވައްމުލަކުގެ ކުރިމަގާއި ރަށުގެ ތަރައްގީއަށް ފުރިހަމަ ސިޔާސަތުތަކެއް ހާމަކުރަމުންދާ އަދި ހިތްގައިމު ތަސައްވަރެއް ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީއަށް ލޯބިކުރާ ބޭފުޅެއް، ކަން މިހެން ހުރުމާ އެކު ފުވައްމުލަކު މެދު ދާއިރާގެ ރަށް ދެކެ ލޯބިވާ ރަށަށް ހެޔޮ އެދޭ ގިނަ ފަރާތްތަކުން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގައި ޢާޠިޔާ އެ ބޭފުޅުން ތަމްސީލު ކުރުމަށް. ޢާޠިޔާއަކީ އެމްޑީޕީއަށް އިޚްލާސްތެރި ޕާޓީއަށް ޓަކައި ގިނަގުނަ ޤުރުބާނީތަކެއް ވަމުންދާ ބޭފުޅެއް، ހޮވިގެން ޕާޓީ ބަދަލު ނުކުރާނެ ކަމީ އެމްޑީޕީގެ އެންމެހައި މެންބަރުންނަށް ކަށަވަރު ކަމެއް، މިހެންގޮސް ޢާޠިޔާ އިންތިޚާބު ކުރަންޖެހޭ ބައިވަރު ސަބަބު އެބަހުރި” ޢާޠިޔާގެ ކެމްޕެއިން ޓީމުގެ ފަރާތުން ޒާހިދާ އިބްރާހިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު