A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އަތޮޅުވެރިން

1952 އިން ފެށިގެން ފުވައްމުލަކު ވެރިކަން ހިންގަވާފައިވާ ބައެއް ބޭފުޅުން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ރަސްކަމުގެ ޒަމާނުން ފެށިގެން ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ދައުރާ ހަމައަށް، ދެކުނުގެ ތިން އަތޮޅު (ހުވަދޫ، މުލައް އަދި އައްޑޫ) އަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ ގުޅުންކުޑަކޮށް، އެކަހެރިކޮށް އޮތް އަތޮޅުތަކެކެވެ. މީގެ ތެރެއިންވެސް ފުވައްމުލަކަކީ މާބޮޑަށް އެކަހެރިކޮށް އޮތް އަތޮޅެކެވެ. އައްޑުއާ ހުވަދޫ އާ ދޭތެރޭ، ދެ އަތޮޅުން ކުރެ އަތޮޅަކަށް ލައްވާނުލައި، އެކަނިމާ އެކަނި، އެކަހެރިކޮށް އޮތްނަމަވެސް ބިޔަ ރަށެކެވެ.
ޖޯގްރަފީގެ ގޮތުން ރަށް އޮތް ހިސާބާއި، ލަފާފުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ފުވައްމުލައް ވެފައި އޮތީ، ވެރިކަމާ ތޮޅެން އުޅުއްވާ ގަނޑުވަރުތެރޭ ދެބެންގެ ދެދަރި ބޭފުޅުންނާއި ޅިޔަން ފަހަރިން އަރުވާލާ ރަށެއްގެ ގޮތުގައެވެ. ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ރަށުގެ ޤުދުރަތީ މުއްސަނދިކަން ހުރިގޮތުން، އެހެން އަރުވާލާ ބޭފުޅުންނަށް ގަނޑުވަރުގެ ފަރާތުން ކުރަންޖެހޭ ޚަރަދުވެސް ކުޑަވުމާހެދި، ފުވައްމުލައް ވެފައި އޮތީ “އަރުވާލެވޭ އަމީރުން”ގެ ރަށުގެ ގޮތުގައެވެ.
ފުވައްމުލައް އޮތް އެކަހެރިކަމާއި، ފުރަމާލެ އާ ހުރި ގުޅުން ކުޑަކަމާއި، ސިޔާސީ ކުށްވެރިން އަރުވާލަން ޖެހޭ ރަށަކަށް ވުމުން، މިރަށުގެ ހިންގަން ޢައްޔަން ކުރެވުނު ބޭފުޅުންނަކީ ދައުލަތަށް ނުހަނު ވަފާތެރި ބޭފުޅުންނެވެ.
މިލިޔުމުގައި، 1950 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންގެ ކުރު ތަޢާރަފެއް ގެނެސްދެވޭތޯ ބަލާފައިވާނެއެވެ.
1. އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠްފީ (1952 ން 1953ށް)
ތާރީޚް ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ، އައްޑޫ ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ) ގެ ދަރިކަލެކެވެ. އައްޑޫ ތުއްތީދީ އަކީ ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ.
އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވީ 1952 ން 1953 އަށެވެ. އަތޮޅުވެރިޔަކަށް އިސްކުރެއްވީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ކަމަށްވާ ޣާޒީމަގާއި، ބަހާރުމަގާއި އޯކިޑްމަގު ހަދާފައިވަނީ ލުޠުފީ އިސްކޮށް ހުންނަވައިގެންނެވެ.
2. ނ.ތ މުޙައްމަދު ދީދީ، މއ. ރާވީގެ (1954 ން 1954ށް)
ނ.ތ މުޙައްމަދު ދީދީ އަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4 ވަނަ) ގެ އަލްއަމީރު ނޫމަރާގަނޑުވަރު އިބްރާހީމް ތުއްތުމަނިއްޕުޅުގެ ދަރިކަލެކެވެ. ނ.ތ (ނޫމަރާގަނޑުވަރު ތުއްތުމަނިއްޕުޅު) އަކީ ޝާހީ ޢިއްޒަތްތެރިއެކެވެ. އަދި އެންމެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.
ނ.ތ މުޙައްމަދު ދީދީ ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވީ 1954 ގައެވެ. ހަމަ އެދުވަސްވަރު ހުވަދު އަތޮޅު އަތޮޅުވެރިކަށް ހުންނެވީ އޭނާގެ ކޮއްކޮ އަލްއުސްތާޛު ނތ. ޙަސަންދީދީއެވެ.
ނތ. މުޙައްމަދު ދީދީ އަށްވެސް އަތޮޅުވެރިކަމުގެ ފަތްކޮޅު ދެއްވީ ރައީސް މުޙައްމަދު އަމީނެވެ.
3. އަޙްމަދު ޢަބްދުﷲ ދީދީ (ފެންސިރު އަހައްމައިދީ)، ގ. މާވާގެ (1954ން 1957ށް)
އަޙްމަދު ޢަބްދުﷲ ދީދީ އަކީ މާލޭ އެއްގަމުގޭ ފާމުދޭރިކިލެގެފާނުގެ ޢަބްދުﷲ ދީދީގެ ދަރިކަލެކެވެ. އަޙްމަދު ދީދީ އަށް ފެންސިރު އަހައްމައިދީ ކިޔުނީ އޭނާގެ މަންމާފުޅުގެ ގެ ފެންސިރުގެ (މިހާރު ޖަވާހިރުމާގެ) އަށް ނިސްބަތްކޮށެވެ.
އަޙްމަދު ޢަބްދުﷲ ދީދީ ފުވައްމުލަކު އަތޮޅުވެރިކަމަށް އިސްކުރެއްވީ، ޖުމްހޫރީ ވެރިކަން ނިމުމަށްފަހު ރަސްކަމަށް އިސްކުރެވުނު އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް، 1954 ވަނައަހަރު އެވެ. އޭނާ 1957 އާ ހަމައަށް ފުވައްމުލަކު އަތޮޅުވެރިކަން ކުރެއްވިއެވެ.
މިހާރު ޢުމުރުން 60 ގެ އަހަރުތަކުގައި އުޅޭ މިރަށު ގިނަ މީހުން އެމީހުންގެ ޢުމުރު އަންދާޒާކުރާ މަޝްހޫރު ބޮޑުފެންގަނޑު ގެ ޙާދިސާ ހިނގީ އަޙްމަދު ދީދީގެ އަތޮޅުވެރިކަމުގައެވެ. އެ ޙާދިސާއިން އަރައިގަތުމަށާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އަޙްމަދު ދީދީ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !