A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން ހުޅުދެއްޔަށް – ލޯތްބާއެކު ޝުކުރުގެ ޖިޒީއެއް

ހުޅުދެލީ ރައްޔިތުންނަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މެސެޖެއް

މާ ސިންގާ ކަނޑުގެ މެދެވެ.  ރޭގަނޑުގެ ކަނު އަނދިރިކަމެވެ. ދަތުރުކުރަމުން ދިޔަ ބޯޓުގައި އަލިފާން ރޯވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. ހިކިފަސްތަނެއް އަތުވާކަށް ނެތެވެ. ބޯޓުގައި ރޯވެފައި ހުރި އަލިފާންގަނޑު ބޮޑުވަމުން، ދުންތައް ބޯވަމުން ގޮސް ކެތްނުވާ ދަރަޖައަށް ހިނގައްޖެއެވެ. އޮތީ ދެ ގޮތެކެވެ. އެހެންޏާ ގަދަ އަލިފާނެވެ. ނޫނީ ފުން ކަނޑެވެ. އެވެސް މަރެވެ. މިވެސް މަރެވެ.

މި ފިކުރުގައި ތިބެ ބޯޓުގައި ތިބި އެންމެން ކަނޑަށް ފުންމާލިއެވެ.

ވަގުތަކީ ފަތިހުގެ ވަގުތެވެ. ކަނޑުގައި މާބޮޑު ބާނިތަކެއް ނެތެއްކަމަކު، އިރުވައިގެ ވަޔާއި، ފަތިހުގެ ފިނިކަމާއެކުވުމުން ކެތްވާވަރެއް ނޫނެވެ. ލައިފް ޖެކެޓް އަޅައިގެން ތިއްބެއްކަމަކު، ގަދަ ފިންޏާއި އަތްފައި ވާޅުވުމާއެކު ގިނަ ބަޔަކު ތިބީ ލޮޑުވާން ކައިރިވެފައެވެ. އިރުގަނޑެއް ފަހުން، އެކަކު ޚަބަރު ހުސްވާން ކައިރިވެއްޖެއެވެ.

މާކަނޑުގެ މެދުގައި، ދަތުރުކުރަމުން ދިޔަ ސަވާރީގައި ހުޅުރޯވެ ދެއްޔަށްވަމުންދާތަން ބަލަން މާޔޫސްކަމާއެކު ތިއްބައި، ލެއްވި ރަޙްމަތެއް ފަދައިން، ދުރުން ދޯންޏެއް އަންނަ އަޑު އިވިއްޖެއެވެ.

ދޯނީގެ އަޑުގަދަވަމުން އައިސް، އިސާހިތަކު ކަނޑުވެފައި ތިބި މީހުންތަކާ ހަމައަށް ފޯރައި އެންމެންތައް ދޯންޏަށް ނަގައިފިއެވެ. ﷲ ގެ ރަޙްމަތްފުޅުން، ބޯޓުން ދަތުރުކުރި 16 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެން ސަލާމަތްކުރެވިއްޖެއެވެ.

އިންސާނިއްޔަތު ކަމުގެ ނަމޫނާ އެވެ. އުޚުއްވަތްތެރިކަމުގެ އިންތިހާއެވެ. މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ފުވައްމުލަކު ރަވާނާ ބޯޓަށް ދިމާވި މިޙާދިސާގައި، ދ. ހުޅުދެލީ ދަންޑެހެލު ދޯނީގެ ފަޅުވެރިންނާއި އެ ދޯނީގައި ތިބި ދަތުރުވެރިންގެ އަގުނުކުރެވޭ މަދަދަށްޓަކައި މުޅި ފުވައްމުލަކުން ލޯތްބާއި ޝުކުރުގެ ޖަޒުބާތުތައް އޮހެނީއެވެ. ސޯޝަލް މީޑިޔާގެ ޛަރީޢާއިންނެވެ. އަދި ވަރަށް ގިނަ ބަޔަކު ސީދާ ފޯނުން ގުޅައިގެންނެވެ.

ޝުކުރުވެރިކަމާއެކު ފާހަގަކުރަމުން ދަނީ ހުޅުދެލީ ރައްޔިތުން ނަމޫނާ ދައްކައިދީފިކަމެވެ. މުޅި ޤައުމަށް ނަމޫނާއެއް ކަމެވެ.

ވޮށްމުލި ރިސޯޓަށް ސަޕްލައި ދަތުރުކޮށްދޭ ދަންޑެހެލު ދޯނިން ދަތުރުކުރި އަޙްމަދު ރަޝީދު، ދެރަހަ، ދ. ހުޅުދެލި ބުނިގޮތުގައި، ހޯމަދުވަހު ފަތިހު 4:30 އެހާކަށްހާއިރު އޭނާ ނިދާފައި އޮތްވާ، ކުއްޖަކު ގޮވާފައި ބުނަނީ ދުރުން އަލިފާންގަނޑެއް ފެންނަ ކަމަށެވެ. ދޯނި ވަގުތުން އެދިމާއަށް މިސްރާބު ޖެހިއެވެ. އެދިމާއަށް ދަތުރުކުރާތާ އިރުގަނޑެއް ފަހުން ހުދުކުލައިގެ އައްޔެއް ފެންނާތީ ދޯނީގެ މިސްރާބު ބެހެއްޓީ އެދިމާއަށެވެ. ކަންދިމާކުރިގޮތުން، އެއީ ކަނޑުވެފައިތިބި މީހުންގެ ތެރެއިން މީހެއްގެ ފޯނުގެ ބައްތީގެ އައްޔެވެ.

އަލިފާން ރޯވިއިރު، ރަވާނާ ބޯޓު އޮތީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދިޔުމުގެ ކުރިން ދ. ވާނީއާ ދިމާއަށް މިސްރާބު ޖަހާފައެވެ. އޭރު އެންމެ ކައިރީގައި އޮތީ ހުޅަނގުއުތުރުން 6 މޭލު ދުރުގައި އޮތް ފީއައްޔެވެ. އިރުއުތުރުގައި އޮތް މީދޫ އޮތީ 12 މޭލު ދުރުގައެވެ.  ހުޅުދެލި އޮތީ އެއަށް ވުރެ ދުރުން 22 މޭލު ބޭރުގައެވެ.

އަޙްމަދު ބުނިގޮތުގައި، އަލިފާންގަނޑު ފެނިގެން ދޯނި އެދިމާއަށް މިސްރާބު ޖެހިތާ ވިއްސަކަށް މިނެޓްތެރޭގައި ކަނޑުވެފައި ތިބި މީހުންނާ ހަމައަށް ދެވިއްޖެއެވެ. އެމީހުން ތިބީ ލައިފް ޖެކެޓް އަޅައިގެންނެވެ. އަޙްމަދު ބުނިގޮތުގައި އެމީހުން ތިބީ ނަފްސާނީ ގޮތުން ވަރަށް ތައްޔާރު ވެގެންކަމަށް ފެނުނެވެ. ޑަބިޔާތަކެއް ބަނދެގެން ކަނދުފައްޗެއް ހަދާފައިވެސް އޮތެވެ.

އިސާހިތަކު އެންމެން ދޯންޏަށް ނަގައިފިއެވެ. އޭރު، ރަވާނާ ބޯޓުން ދަތުރުކުރި ފުވައްމުލަކު ކިނބިދޫގޭ މުޙައްމަދު އަހްމަދު 62 ވަނީ މަރުވެފައެވެ.

މީހުންތައް ދޯންޏަށް ނެގުމަށްފަހު ހުޅުދެއްޔާ ދިމާއަށް ދަތުރު ފެށިއެވެ. އޭރު ހުޅުދެއްޔަށް އޮތީ ޙާދިސާގެ ޚަބަރު ލިބިފައެވެ. އަޙްމަދު ބުނިގޮތުގައި ރަވާނާ ބޯޓު މީހުން ގޮވައިގެން ހުޅުދެއްޔަށް ކައިރިކުރިއިރު، މުޅި ހުޅުދެލީ ރައްޔިތުންހެން ކަހަލަ ގޮތަކަށް ބަނދަރުމަތީ ތިއްބެވެ. ރަށުގެ ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ އިސްނެގުމުގެ މަތިން، ރަވާނާ ދަތުރުވެރިންނަށް ބޭނުންވާ ކަންތައް ހުޅުދެލީގައި އޮތީ އިންތިޒާމުކޮށްފައެވެ. ކައިބޮއެ ފެންވެރޭނޭ ގޮތުގެ އިތުރުން އަންނައުނާއި އަރާނޭ ފައިވާނަށް ދާންދެން އޮތީ ހަމަޖައްސާފައެވެ. ހުޅުދެލީ ރައްޔިތުން އަމިއްލައަށެވެ.

އެހެންނަމަވެސް، އެމްއެންޑީއެފްގެ އުޞޫލުތައް އޮންނަގޮތުން، ޙާލުގައި ޖެހުނު މީހުން ބައިތިއްބަން ޖެހުނީ އެފަރާތުގެ ބެލުމުގެ ދަށުގައެވެ. މިކަމުގެ ސަބަބުން، އިންސާނީ ޚިދުމަތްކުރުމަށް، މެހެމާންދާރީ އަށް ފުރިހަމައަށް ތައްޔާރުވެފައި ތިބި ހުޅުދެލީ ރައްޔިތުންނަށް ހިސާބަކަށް މާޔޫސްކަން ލިބުނެވެ. އެހެންނަމަވެސް އެމީހުނަށް ހިތްހަމަޖެހުމެއް ލިބުނީ ރަވާނާ ދަތުރުވެރިން އަދި އެނބުރި އަންނާނެ ކަމުގެ ޔަޤީންކަން ދިނުމުންނެވެ.

އަޙްމަދު ބުނިގޮތުގައި ދަންޑެހެލު ދޯނީގެ ފަޅުވެރިންނަށާއި އޭނާއަށް ފުވައްމުލަކުންވެސް ކެނޑިނޭޅި ދަޢުވަތު އާދެއެވެ.

ރަވާނާ ބޯޓުގައި އަލިފާން ރޯވެފައި ހުރިތަން ފެނުމުން ހުޅުދެލީ ދަންޑެހެލުން ދުށީ އެއީ އެމީހުންގެ އިންސާނީ ވާޖިބެއް ކަމުގައެވެ. އެމީހުންގެ ލިޔާޤަތާއި ޤާބިލިއްޔަތުކަން ހުރި މިންވަރަކުން އެހީވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ.

ހިނގާ ދިޔަ ޙާދިސާއިން ދެފަރާތަށްވެސް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. ހާދިސާގެ ހިތާމަވެރިކަން އުއްމީދަކަށް ބަދަލުކުރުވީ ދެފަރާތުގެ ކުލުނާއި އޯގާތެރިކަމާއި އުޚުއްވަތްތެރިކަމެވެ. އިންސާނިއްޔަތުކަން ދިރިއޮތްކަމުގެ އުއްމީދެވެ.

މީ ހުޅުދެލީ ލޮބުވެތި ރައްޔިތުންނަށް ޝުކުރުގެ ޖިޒީއެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ފާތުން

    ވަރަހަ ފުރިހަމަ ލިޔުމެއް. ހަމަ ގޮއީގެ

  • ނާޡިމް

    ماشاءالله، ވަރަށް ރިވެތި ނަމޫނާއެއް ފެނިގެން ތި ދިޔައީ ، ހުޅުދެލި ރައްޔިތުން ތި ދެއްކެވި ނަމޫނާ އިން ޢިބްރަތް ލިބިގަންނަ ބައެއް ކަމުގަ އަޅަމެން ލައްވާށި އާމީން.