17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކުގައި ބާނާ ކައްޓެޅި މަސް

“އިބުރާހީމާ މަށަށް އެއްކައްޓެޅީގެ ލޯ”

ފާރޫޤު އަޙުމަދު  – ސަމާ

ބުނެވޭ ގޮތުން ކައްޓެޅިއަކީ އިހުޒަމާނުގައި ފުވައްމުލަކު ގޮޑުދޮށުގައި އުޅުނު މަހެކެވެ. އޭރު ދާ އެއްލާ މީހުން ދާ އެއްލައިގެން ވެސް އެމަސް ހިފައެވެ. އަދި ގޮނޑު ދޮށުގައި ތިބެގެން ދޮށީގައި ވެސް ކައްޓެޅި ބާނައެވެ.

މިގޮތުން އަލްހާފިޒު އަހުމަދު (ދޫނޑިގަމު އެދުރު ކަލޭގެފާނު) ގެ އިބްރާހިމް ވަރަށް ގިނަ ރޭރޭ ޢިޝާ ނަމާދު ކުރައްވައިގެން ކޭން ބެއްލެވުމަށްފަހު ކައްޓެޅި ބާނަން ދުރުވެއެވެ. އިބްރާހިމް ކައްޓެޅި ބާނާއިރު ކޮންމެ ކައްޓެޅިއެއް ފުރަގަހަށް އެއްލާލުމުން “އިބްރާހީމާ މަށަށް ކައްޓެޅީގެ އެއް ލޯ’ އޭ ގޮވާލާ އަޑު އިވެއެވެ. މިއަޑަށް އިބުރާހިމް އަޅާނުލައްވައެވެ. އިބުރާހިމް ކައްޓެޅި ބާނަން ދުރުވަނީ ކައްޓެޅި ގެއަށް އުފުލުމަށް ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެންނެވެ.

ކޮންމެ ރެއަކުވެސް 11 ޖަހާ އެހާކަށް ހާއިރު ކައްޓެޅި ބޭނުން ހުއްޓާލާފައި އިބުރާހީމް ގެއަށް ދުރުވާނެއެވެ. ގެއަށް ދުރުވެ ކައްޓެޅިފަތި ބަދިގޭގެ އަތަވާގައި އެލުވާލާފައި އިބުރާހިމް ނިދި ކުރައްވަނީ އެވެ. އަދި އިބުރާހީމާއެކު ދާ ކުއްޖަކު ވެސް ނިދާލާނެއެވެ.

ފަހުދުވަހު ބަދިގެއަށް ކައްކާމީހުން ވަދެ ކައްޓެޅިފަތި ނަގައިގެން މަސް ކަނޑާނެއެވެ. އަދި މަހުން ގަރުދިޔަ ހަދައި، ރިހަ ކައްކައި ހަދާނެއެވެ. ބައެއް ދުވަސް ދުވަހު ކައްޓެޅިމަސް ފިހެ، ތެލުލައި ވެސް ހަދާނެއެވެ. މިއިން އެކަކަށް ވެސް މިކައްޓެޅިތަކުގައި އެއް ލޯ ނުހުންނަ ކަން ފާހަގަ ކުރެވިފައެއް ނުވެއެވެ. އެމީހުން އެވަރަށް ނުބަލަނީއެވެ.

ކައްޓެޅި ބާނަން ދިއުމަކީ އިބުރާހިމް މަޖަލަކަށް ކުރައްވަ ކަމެކެވެ. ކޮންމެ އަކަސް އިބުރާހިމް މިގޮތަށް ކައްޓެޅި ބޭނުމުގެ މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ވެފައި ވަނިކޮށް އެއްދުވަހަކު ބަދިގެ މީހުންނަށް ކައްޓެޅިފަތި ނުނެގިގެން އުޅެނިކޮށް އަލްހާފިޒު އަޙުމަދު ( އެދުރު ކަލޭގެފާނު) ބޭރަށް ނިކުންނަވައި ފިއެވެ. އަދި ބަދިގޭގެ އަތަވާގައި އެލުވާފައި އޮތް ކައްޓެޅިފަތި ބެއްލެވި އިރު ކޮންމެ ކައްޓެޅިއެއްގައި ވެސް އެއް ލޯ ނެތެވެ. އެ ލޯ ދަމައިގެން އެތަނުގައި ހުރީ ވަޅު ހެދިފައެވެ.

އެހިސާބުން އެދުރު ކަލޭގެފަނަށް މިއީ ޖިންނި ފުރޭތައިގެ ކަމެއްކަން އެނގިލައްވައިފިއެވެ. އަދި އެދުވަހުގެ ރޭ އަތިރިމައްޗަށް ފައިބަންނަވައި ގޮޑުދޮށުން ހިންެގެވީ ވެލި މަތުރުއްވައި އެކި ދިމަދިމާއަށް ވެލިމުށް ޖައްސަވަމުންނެވެ. ކޮންމެ ވެލިމުށެއް ޖެއްސެވުމުން ވެސް އެތާގައި އުޅޭ ކައްޓެޅިތައް ބޭރުކަނޑަށް ގޮސް ކަނޑުގެ އަޑިއަށް ހިނގައިދެއެވެ.

އެދުރުކަލޭގެ ފާނު މިފަންޑިތަ ހައްދަވައި ވެލިމުށް ގޮޑުދޮށަށް ޖައްސަވަމުން ހިންގެވީ އެއްރޭ މާނޭރުން ފެށިގެން ނެރަގަނޑާއި ހަމައަށް، އަނެއްރޭ ނެރަނަޑުން އަނބުލު ފަންނަށް، އަނެއްރޭ އަނބުލު އަތިރިން ރަސްގެފަންނަށް، މިކަހަލަ ގޮތަކަށެވެ. މިގޮތަށް ހަފުތާއެއްހާ ދުވަހުން މުޅިރަށް ވަށައިގެން ހިންގަވައި ނިމުނުއިރު ރަށުގެ ވަށައިގެން އުޅުނު ކައްޓޮޅި ބޭރުކަނޑު އަޑިއަށްް ގޮސް ހުސްވީއެވެ.

މިހާރު ރަށް ބޭރު ކަނޑު އަޑިން ކައްޓެޅި ބާނަން ނިކުމެ ވާރޭ ވެހުނަސް ތެމިގެން ކައްޓެޅި ބޭނުމުގެ ބުރަ މަސައްކަތް ކުރަން މިޖެހުނީ މިސަބަބައްޓަކައި ކަމަށް ބުނެވެއެވެ. އެދުރު ކަލޭގެފާނު މިގޮތަށް ކައްޓެޅިތައް ބޭރުކަނޑަށް ފޮނުއްވާލެއްވީ އިބުރާހީމުމެންނަށް ނުރައްކަލެއް ވެދަނެތީއެވެ. އެއީ އެގޮތަށް ކައްޓެޅި ބާނަން ދަންޏާ ޖިންނި ފުރޭތައިގެ ފަރާތުން އިބުރާހީމުމެންނަށް ގޯނާއެއް ކޮށްފާނެތީއެވެ.

ކޮންމެއަކަސް އެދުވަސްވަރު ކައްޓެޅި އުޅުނުކަމަށް ވަނީ ފުވައްމުލަކުގައި އެކަންޏެވެ. އެހްނަކަމުން ކައްޓެޅި ބާނައި ހަދަނީ ފުވައްމުލަކު މީހުން އެކަންޏެވެ. މިގޮތުން އެދުވަސްވަރު ކައްޓެޅިއަކީ ފުވައްމުލަކަށް ޚާއްސަ އެއްޗެކެވެ. ނަމަވެސް މިހާރު އައްޑުއަތޮޅާއި ހުވަދުއަތޮޅު މީހުން ވެސް ކައްޓެޅި ބާނައެވެ. އަދި ރާއްޖޭގެ ބައެއް އެހެން އަތޮޅު ތަކުގެ މީހުން ވެސް ކައްޓެޅި ބާނާކަމަށް ވެއެވެ.

ފަހަކަށް އައިސް (1970-1990 ގެ އަހަރުތަކުގައި) މާލެއިން ސަރުކާރުގެ މަތީ ދަރަޖައިގެ ބޭފުޅުން އެކިއެކި ކަންކަމުގައި ފުވައްމުލަކަށް ވަޑައިގަތުމުން ވެސް ރޭގަނޑު 12 ޖަހާ އެހާކަށް ހައިރު އަތޮޅު ގޭގެ ތެރޭގައި ކައްޓެޅި ކޭން ބެއްލެވުން އޮވެއެވެ. މިގަޑީގައި ކައްޓެޅި ކޭން ބައްލަވަނީ އޮޅު އަލައާއި ކާއްޓާ އެކުގައެވެ. އަލަ ހުންނަނީ ކޮށާފައެވެ. މިޚާއްސަ ވަގުތައްޓަކައި އަތޮޅުގޭގައި އަލަ ނެތިއްޔާ ކައިރި ހިސާބުން ގެ އަވައްޓެރިންގެ ގޭގެއަށް އަތޮޅުގޭގެ ބަނޑޭރި ގޮސް އަލަ ހޯދައިގެން ގެންނާއެވެ. ފަހުދުވަހު ރަށުތެރޭގައި ދައްކާ ވަހަކައަކީ ރޭ އަތޮޅުގޭގައި ކައްޓެޅި ކާންވެގެން މިވެނި ގެއެއްގެ މީހުންގެ ހެނދުނު ނާސްތާއަށް ބަހައްޓާފައި ހުރި އަލަ ގެންގޮސްފި ވާހަކައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު