24 އޭޕްރީލް 2019 ( ބުދަ )

banner

ރާއްޖެ އިސްލާމްވީ ބަރުބަރީގެ ނުވަތަ ތަބުރޭޒީގެ އަތްމައްޗަށްބާ

މިއަދު  ނުވަތަ ރަބީއުލް އާޚިރާ މަހުގެ 2 ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މިދުވަސް ރާއްޖެ އިސްލާމް ވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާއިރު އެއާއި ގުޅިގެން އިތުރު ބަހުސެއް ވެސް ކުރިއަށްދެއެވެ. އާދެ! ރާއްޖެ އިސްލާމީ ބަރުބަރީ ނުވަތަ ތަބުރޭޒީގެ އަތްޕުޅު މައްޗަށްތޯ ކުރެވޭ ބަހުސެވެ. މި ދެގޮތަށް ވެސް ތާރީޚީ ލިއުންތަކުން ފެންނަން ހުރި އިރު ވަކި ކޮޅަކަށް ބުރަވުމަކީ އުދަގޫ ކަމެކެވެ. 

ދިވެހި ދަރިވަރުންގެ ފޮތްތަކުގައި ވަނީ  ރާއްޖެ އިސްލާމް ކުރެއްވީ މަޣުރިބު ނުވަތަ މޮރޮކޯގެ ބަރުބަރަށް ނިސްބަތްވާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. މިގޮތަށް ދިވެހި ޓެކްސްޓް ފޮތްތަކަށް މިގޮތަށް އައިސްފައި ވަނީ  1377ހ ގައި އޭރު އޮތް ތާރީޚް ކޮމިޓީއިން އެގޮތަށް ނިންމުމުންނެވެ. ތާރީޚް ކޮމިޓީ އިން އަސާސީ ލިއުމެއް ކަމަށް ބަލާފައިވަނީ މަޣްރިބު ކަރައިގެ ސައްޔާހް އިބުނު ބަތޫތާގެ ލިއުމެއް ކަމަށް އިޔާޒް ނަސީމް ފާހަގަ ކުރައްވައެވެ.

މިއާއި ޚިލާފަށް އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 (1058ހ. އިން 1098ހ. އަށް) ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ވަނީ ރާއްޖެ އިސްލާމްވީ ފާރިސްކަރައިގެ(އީރާނު)ގެ ތަބްރޭޒަށް ނިސްބަތްވާ ޔޫސުފު އައްތަބުރޭޒީގެ އަތްޕުޅު މައްޗަށެވެ.  އިސްކަންދަރު ރަސްގެފާނުގެ އިތުރުން ދިވެހި ތާރީޚްގެ ބައްޕަ ކަމަށްވާ ހަސަން ތާޖުއްދީން ގެ ލިއުއްވުމުގައި ވެސް ވަނީ  ރާއްޖެ އިސްލާމް ކުރެއްވީ ތަބުރޭޒީ ކަމަށެވެ.

މިބަހުސުގައި ދެފަރާތުން ދައްކަވާ ހެކިތައް ނިމެނީ އައްސުލްޠާން އަހުމަދު ޝިހާބުއްދީން (735ހ. އިން 742ހ. އަށް) ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާ އާއި ހަމައިންނެވެ. ބަރުބަރީ ކަމަށް ވިދާޅުވާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ޝިހާބުއްދީން  ބެހެއްޓެވި ފިލާގައިވަނީ ބަރުބަރީގެ ނަމެވެ. ނަމަވެސް، އިސްކަންދަރު ރަސްގެފާނު އާކުރެއްވިއިރު އެނަން ތަބުރޭޒީއަށް ބަދަލުވީއެވެ. ނަމަވެސް ތަބުރޭޒީކަމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ ޝިހާބުއްދީން ބެހެއްޓެވި ފިލާގައި ވަނީ ތަބުރޭޒީ ކަމަށެވެ. ބަރުބަރީ ކަމަށް ވިދާޅުވީ މޮރޮކޯގެ އިބުނު ބަތޫތާ ކަމަށެވެ. 

މީގެ އިތުރުން، 1834މ. ވަނަ އަހަރު ރާއްޖެ ސަރވޭ ކުރަން އައި ޓީމުގެ ދެ އޮފިސަރުން ކަމުގައި ވާ ލެފްޓިނެންޓް ވިލްމަޓް ކްރިސްޓޮފަރ އާއި ލެފްޓިނެންޓް ޔަންގ ދިވެހިރާއްޖޭގައި 2 އަހަރެއް ހާ ދުވަހު ތިބުމަށް ފަހު އެނބުރި އިންޑިޔާގެ ބުންބާއަށް ގޮސްފައި ޝާއިއު ކުރި ލިޔުމުގައި ވަނީ ރާއްޖެ އިސްލާމް ދީނަށް ވަނީ ތަބުރޭޒުން އައި ތަބްރޭޒު ނަމަކަށް ކިޔާ މީހެއްގެ އަތްމައްޗަށް ކަމަށެވެ (އިޔާޒް ނަސީމް، 2012).

ރާއްޖެ އިސްލާމް ކުރެއްވީ ތަބުރޭޒު ކަމަށް ބުނާ ފަރާތްތަކުގެ އިތުރު ހެކިތަކަށް ބަލާލާއިރު، އިސްލާމް ދީނުގެ މައިގަނޑު ރުކުންތަކާއި އަސާސް ތަކަށް ދިވެހިން ބޭނުންކުރާ ނަމާއި ފާރިސީ ނަމާއި ހުރި އެއްގޮތް ވާއިރު މޮރޮކޯގެ ބަސް ކަމަށްވާ އަރަބި ބަހާއި ހުރި ތަފާތު ފާހަގަ ކުރެވެއެވެ. އެގޮތުން، ޝަހާދަތަށް އަރަބި ބަހުން ވެސް، ފާރިސީ ބަހުން ވެސް ދިވެހި ބަހުން ވެސް ކިޔަނީ ޝަހާދަތެވެ. ބަންގިއަށް އަރަބިން އަޛާން ކިޔާއިރު ފާރިސީ ބަހުން މިފަދަ ގޮވައިލުންތަކަށް ކިޔަނީ ބާންގްއެވެ. ދިވެހިން ކިޔަނީ ބަންގިއެވެ. ނަމާދަށް އަރަބި ބަހުން ޞަލާތު ކިޔާއިރު ފާރިސީ ބަހުންދަ ކިޔަނީ ނަމާޒު އެވެ. ދިވެހިން ކިޔަނީ ނަމާދު އެވެ. ޒަކާތަށް އަރަބި ބަހުން ވެސް ފާރިސީ ބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޒަކާތެވެ. ރޯދައަށް އަރަބި ބަހުން ޞައުމް ކިޔާއިރު ފާރިސީ ބަހުން ކިޔަނީ ރޯޒާ އެވެ. ދިވެހީން ކިޔަނީ ރޯދައެވެ. ޙައްޖަށް އަރަބި ބަހުން ވެސް ފާރިސީ ބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޙައްޖެވެ (އިޔާޒް ނަސީމް، 2012). މިފަދަ ރުކުންތަކަކީ އިސްލާމް ދީނަށް ވަނުމަށްފަހު އެންމެ ފުރަތަމަ އެގެންޖެހޭ ރުކުން ތަކަށް ވީ ހިނދު، ދިވެހިން އިސްލާމް ވުމަށްފަހު އެންމެ ފުރަތަމަ ވެސް ދަސްކުރާނީ އެނަންތައް ކަމަށް ބެލެވެއެވެ. އެހެންކަމުން، ރާއްޖެ އިސްލާމް ކުރެއްވީ އަަރަބި ބަހުން ވާހަކަ ދައްކަވާ ބޭފުޅެއްނަމަ ދަސްކޮށްދެއް ވާނީ އަރަބި ނަންތައް ކަމަށް ބެލެވެއެވެ. އަދި ފަހުން އެނަންތައް ބަދަލުވުމުގެ ފުރުސަތު ކުޑަކަމަށް ބެލެވެއެވެ. 

ނަމަވެސް، ބަރުބަރީ ކަމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ އެއީ ހުއްޖަތެއް ނޫންކަމަށާއި، ދިވެހިން އިންޑިއާ ޕާކިސްތާނުން ތައުލީމް ހާސިލު ކުރަން ފެށުމުން އެނަންތައް ބަދަލުވީ ކަމަށެވެ. ނަމަވެސް، އެހާ ފަސޭހައިން އެފަދަ ނަންތައް ބަދަލުވުމަކީ މުސްތަހީލު ކަމަކެވެ. ސަބަބަކީ ކުރީ ޒަމާނުގައި އިންޑިއާ ޕާކިސްތާނުން ތައުލީމު ހާސިލު ކުރާ ނިސްބަތް މަދުވުމާއި އެޒަމާނުގައިވެސް މަދުމަދުން ނަމަވެސް އަަރަބިކަރަ އަށް ދިވެހިން  ދަތުރުކޮށް ތައުލީމުވެސް ހާސިލުކޮށްފައި ވެސް އެބަހުއްޓެވެ. އަދި އިންޑިއާ ޕާކިސްތާނު ތައުލީމު އާންމުވުމުގެ އެތަށް ޒަމާނެއް ކުރިން ވެސް އެބަސްތައް ދިވެހިން ބޭނުން ކުރިކަން ތާރީޚުން އެގެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު