A wide advertisement which will be shown on all devices. (700 x 100)

މިއަދު ހުކުރު ނަމާދުގެ އިންތިޒާތައް ހަމަނުޖައްސާ ވާހަކައަކީ “މީޑީއާ ސްޓަންޓެއް” ބާ؟

ފުވައްމުލަކު ހުކުރު މިސްކިތް. މިއަދު ހުރިހާ މިސްކިތެއްގައި ވެސް ހުކުރު ކުރި

ލޯކަލް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ރަށްތަކާއި އަތޮޅުތައް ހިންގާން ގާނޫނީ ގޮތުން ހަމަޖެހިގެން ދިއުމުން އަތޮޅުތަކުގެ މިސްކިތްތަކުގެ އެންމެހާ ކަންތައްތަކެއް ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ދިޔައެވެ. އެގޮތުން މިސްކިތު މަސައްކަތު މީހުންނާއި އިމާމުން އަދި ހުކުރު ކުރާ މިސްކިތްތަކުގެ ހުކުރު ކުރާނެ އިމާމުންނާއި ބަދަލުގައި މީހަކު ހަމަޖެއްސުމުގެ އިތުރުން މަރާމާތާއި ގުޅޭ އެންމެހާ ކަންތައްތަކެއް ހަމަޖެއްސުން ހިމެނެއެވެ.

ނަމަވެސް ގާނޫނަށް ގެނެވުނު ބަދަލާއެކު ރާއްޖޭގެ މިސްކިތްތަކުގެ ބެލެނިވެރި ފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ކަމުގައި ހަމަޖެހިގެން ދިޔައީ ނިމުނު 2015 ވަނަ އަހަރު ޑިސެމްބަރު މަހު 1 ވަނަ ދުވަހުން ފެށިެގންނެނެވެ. މިބަދަލާއެކު އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރީ މިސްކަތްތައް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް ކައުންސިލް ތަކުން ކުރުވުމަށެވެ. އެގޮތުން ކުރިން މިސްކިތްތައް ބަލަހައްޓަމުން އައި ރަށު ކައުންސިލްތަކާއި އެކު އެއްބަސް ވުމެއް ގާއިމުކުރި ކަމަށް މީޑީއާގައި އެމިނިސްޓްރީން ހާމަކުރިއެވެ.

ފުވައްމުލަކުގައި ހިމެނޭ 8 ރަށު/އަވަށު ކައުންސިލަށް ފެނުނީ އެ އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާއިއެކު އެއްބަސްވުމުގައި ސޮއިކުރެވޭނީ އެކަންކަމާއި މެދު ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްފައި ކަމަށް ކައުންސިލްތަކުން މައުލޫމާތު ދީފައި ވެއެވެ. އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އަށް އެކައުންސިލްތަކުން ފާއިތުވި ޑިސެމްބަރު އަދި މި ޖެނުއަރީ މަހު ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއްލިބިފައި ނުވާކަމަށް ކައުންސިލްތަކުން މައުލޫމާތު ދީފައި ވެއެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ އެއްބަސްވުމުގައި ވާގޮތުން މިސްކިތު މުވައްޒަފުންގެ މުސާރައާއި މަރާމާތުތައް އަދި ހުކުރު ކުރާ މީހުންގެ އެލަވަންސް ދޭން ޖެހެނީ ކައުންސިލްގެ ބަޖެޓުންނެވެ. ޚަރަދުތައް ކުރުމަށްފަހު އެކަމުގެ ރިޕޯރޓް އެމިނިސްޓްރީއަށް ފޮނުވުމުން އެޚަރަދެއް ފަހުން ލިބޭނެ ގޮތަށެވެ. ހުކުރު ޚުތުބާ ޕްރިންޓްކޮށް އިމާމުންނާއި ބަދަލުގައި ތިބޭ މީހުންނަށް ހަވާލުކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި މިސްކިތު މުވައްޒަފުންގެ މުސާރަ އެގޮތުން ކައުންސިލުގެ ބަޖެޓުން ހަމަޖައްސަން ޖެހެއެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން ކަނޑައެޅިފައިވާ ކަމަކަށް ނޫނީ ޚަރަދު ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. އަދި ކައުންސިލްތަކުގެ ބަޖެޓުގައި އެޚަރަދުތައް ހިމެނިފައި ނުވާއިރު ކައުންސިލްތަކަށް ގާނޫނުތަކާއި އެއްގޮތަށް އެކަން ކުރެވޭނެ ބާއެވެ؟

ދޫނޑިގަމު ކައުންސިލުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުއާއި މިކަމާއި ގުޅޭ ގޮތުން ދާދި ފަހުން މަޝްވަރާ ކުރުމުން އެޚަރަދުތައް އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އެކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވަނީ މީޑީއާއަށް ވިދާޅުވެފައެވެ. އަދި އެކަމުގައި އިސްލާމިކް މިނިސްޓްރީއާއި ވާހަކަ ދައްކައިގެން ގޮތެއް ހަމަޖެއްސުމަށް ލަފާދެއްވާފައި ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީއާއެކު ބައްދަލުވުމެއް ވެސް ބާއްވާފައެވެ. ނަމަވެސް މިކަން ވަކިގޮތަކަށް ހަމަޖެހުނު ކަމެއް އެނގޭކަށް ނެތެވެ.

މިސްކިތްތައް ބެލެހެއްޓުމާއި މިސްކިތާ ގުޅޭ އެންމެހާ ކަންކަމެއް ހަމަޖެއްސުމަކީ އިސްލާމިކް މިނިސްޓްރީގެ ކަމަކަށް ވާއިރު މިނިސްޓްރީގެ އެޒިންމާ ފުވައްމުލަކުގެ އެއްވެސް ކައުންސިލަކާއި އަދި ހަވާލުވެފައި ނުވާކަން ވަރަށް ސާފެވެ. އެގޮތުން ހުކުރު ހަމަޖެއްސުމާއި ޚުތުބާ ހަވާލުކުރުމަކީ ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީޑިއާގައި ތަފާތު ގޮތްގޮތަށް މިއަދުގެ ހުރުކު ނަމާދު ކުރުމުގެ އިންތިޒާމުތައް ފުވައްމުލަކުގެ ކައުންސިލްތަކުން ހަމަޖައްސާފައި ނުވާކަމަށް ވާހަކަ ދެކެވުނު ކަމުގައި ވިޔަސް އެއީ އިސްލާމިކް މިނިސްޓްރީން ހަމަޖައްސަން ޖެހޭ އިންތިޒާމެކެވެ. ކައުންސިލްތަކުން އެވާހަކަ މީޑިއާއަށް ގެނައުމަކީ އެކަމަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަން ގެނުވަން ކުރި ކަމެއްކަމުގައި ވިޔަސް އަދި ނުވިޔަސް އެސަމާލުކަން މިހާރު ވަނީ މައްސަލައަށް ލިބިފައެވެ.

ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ސަމާލުކަމަށް ވެސް އައިސްފައިވާކަން މީޑިއާ ރިޕޯރޓްތަކުން ހާމެވެއެވެ. މިޚަބަރާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް އަވަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އެގޮތުން ފުވައްމުލަކުގެ އެކި ކައުންސިލްތަކަށް އެމިނިސްޓްރީގެ އިސްފަރާތްތަކުން ގުޅައިގެން ކަންތައް ހަމަޔަކަށް އެޅުމަށް މަސައްކަތް ކުރިއެވެ. ހުކުރު ނަމާދުގެ އިންތިޒާމުތައް ހަމަޖައްސަން އުޅުނެވެ. އޭރު ކައުންސިލްތަކުން ވަނީ ކޮންމެވެސް ގޮތަކުން ހުކުރުކުރުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސާފައިކަން ފަހުން އެނގުނެވެ.

މިހާރަކަށް އައިސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ދައުލަތުގެ ނުވަތަ ސަރުކާރުގެ އިސްފަރާތްތަކުން ކަމަކަށް އަޅާނުލައި ދޫކޮށްލައިފިނަމަ އެކަމަކަށް ސަމާލުކަމަށް ގެނުވުމަށް އެންމެ ފަސޭހަ ގޮތަކީ ‘މީޑިއާ ސްޓަންޓެއް’ ޖެއްސުމެވެ. ނުވަތަ މުޒާހަރާ ކޮށް މީޑިއާގެ ސަމާލުކަމަށް ގެނައުމެވެ. ކޮންމެއަކަށް މިފަހަރު މިވީ ގޮތަކީ މީޑިއާ ރިޕޯރޓަކުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !