A wide advertisement which will be shown on all devices. (700 x 100)

ބަންޑާރ ކިޅި ލޮޓަސް އިން ފުރެނީ- ދެން…؟

ބަންޑާރަ ކިޅީގައި ލޮޓަސް ގިނަވެ ކަންބޮޑުވުން އިތުރުވަނީ

ފުވައްމުލައް ސިޓީ “ބަންޑާރަ ކިޅި” ލޮޓަސް ގަހުން ފުރޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ފުވައްމުލަކުގައި އޮންނަ ދެކުޅީގެ ތެރެއިން ބަނޑާރަ ކިޅިއަކީ ރަށުގެ ގިނަ ދިމާތަކުން މީހުންނަށް ކުޅިއާއި ކައިރިއަށް ދެވޭ ގޮތަށް، ބޮޑަށް ދިގު ބައްޓަމަކަށް އޮންނަ ކުޅިއެކެވެ.

ކުރިން ބަނޑާރަ ކިޅީގައި ލޮޓަސް ގަހެއް ނުހުރެއެވެ. ނަމަވެސް ފަހުން ބަނޑާރަ ކިޅީން ލޮޓަސް ގަސް ފެންނަން ފެށީ، ޣާޒީމަގާއި (ރަށުގެ ހުރަސް މަގު) ވީ ކޮޅުން ހެދި ރެސްޓޯރެންޓް ހިންގި ދުވަސްވަރު އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ރެސްޓޯރެންޓް ހިންގި މީހުން އެސަރަހައްދު ރީތިކުރުމުގެ ބޭނުމުގައި އިންދައިގެން ހެއްދި ލޮޓަސް ގަސްތަކެއް ކަމަށެވެ. ފަހުން ރެސްޓޯރެންޓް ހިންގުން ހުއްޓުމުން އެލޮޓަސް ގަސްތައް ގަދަޔަށް ހެދި މުޅި ކުޅިއަށް ފެތުރިގެން ދަނީ ކަމަށެވެ.

މީގެ ސަބަބުން ކުޅީގެ ރީތިކަން ގެއްލި އަދި ކުޅީގައި އުޅޭ އެހެނިހެން ދިރުންތައް ވެސް ނުރައްކަލަކަށް ހުށަޅިގެން ދާނެކަމަށް ވެއެވެ. ގުދުރަތުގެ ދިރުންތަކުގެ “ބެލެންސް” ނުވަތަ “އިކުއިލިބްރިއަމް” ގެއްލިއްޖެ ނަމަ އެތަނެއްގެ ބައިއޯޑައިވަރސިޓީއަށް ގެއްލުން ލިބިގެންދާކަމީ މިއަދު ދެބަސްވުން އޮތް ކަމެއް ނޫނެވެ. މިފަދަ ސަބަބުތަކާހެދި ދުނިޔޭގެ އެކި ހިސާބުތަކުގައި ބައެއް ބާވަތުގެ ގަސްގާހާގެއްސާއި ޖަނަވާރު ވެސް ކޮންޓްރޯލް ކުރުމުގެ ގޮތުން މަދުކުރެއެވެ. އަދި ނައްތާލާ ވެސް ހަދައެވެ.

އެގޮތުން ފުވައްމުލަކުގެ ގިނަ ބަޔަކު ބޭނުންވަނީ ބަންޑާރަ ކިޅީގައި ހެދިފައިވާ ލޮޓަސްތައް އެއްކޮށް ހުސްކޮށްލުމަށެވެ. އެއީ އެތަނުގެ އަސްލު ދިރުމަކަށް ނުވާހިނދު އެއީ ބޭރުން އައިސް އެތަނުގައި ބާރުގަދަކޮށްލައިގެން އުޅޭ ގަހަކަށް ވާތީއެވެ. އަދި އެގަސް ކޮންޓްރޯލް މިނެއްގައި ގެންގުޅެން ހުރި ގޮންޖެހުންތައް ބޮޑު ކަމުންނެވެ.

ކުޅީގައި ހެދިފައިވާ ލޮޓަސް ގަސްތައް ނަގައި ސާފުކުރުމުގެ މަސައްކަތްތަކެއް މީހެ ކުރިން ފުވައްމުލަކުގެ އާއްމު ބައެއް މީހުންނާއި އެންޖީއޯތައް ގުޅިގެން ކޮށްފައިވެއެވެ. އެފަހަރު ސާފުކުރިތާ މާ ގިނަ ދުވަހެއްނުވެ އަނެއްކާ ވެސް މިހާރު ލޮޓަސް ގަސްތައް ވަނީ ކަންބޮޑުވާ މިންވަރަކަށް ގިނަވާން ފަށާފައެވެ.

ބައެއް މީހުން މިކަމުގެ ޒިންމާ ސިޓީ ކައުންސިލުގެ ބޮލުގައި އަޅުވާއިރު މިފަދަ ކަމެއް ދާއިމީކޮށް ބެލެހެއްޓުމަކީ މިހާތަނަށް ސިޓީ ކައުންސިލް ހިނގަމުން އައިގޮތަށް ބަލާއިރު ފަސޭހަ އަކުން ކުރެވޭގޮތަށް އޮތް ކަމެއް ވެސް ނޫނެވެ.

މިކަމަށް އޮތް ދާއިމީ ހައްލަކީ ބަނޑާރަ ކިޅިން ލޮޓަސް ގަސްތައް އެއްކޮށް ނައްތާލުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަވެސް އެކަން ކުރާނީ ކިހިނެތް ކަމެއް ބުނެދޭނެ މީހަކު ނެތެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑީއާގައި ފާޅުކުރާ ޝުއޫރުތައް މަދެއްނުވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރަށުގައި ތިބި އާއްމުން، ޒުވާނުންް ނިކުމެ އަނެއްކާވެސް ކުޅި ސާފުކުރަން ވީއެވެ. އެއީ ވެސް ދާއިމީ ހައްލެއް ނޫނެވެ.

ލޮޓަސް ގަސް މަދުކުރާނީ/ނައްތާލާނީ ކިހިނެއް؟

އެމެރިކާގެ ފްލޮރިޑާ ޔުނިވަރސިޓީގެ އެކްއޭޓިކް އިންޖިންއަރުން ހާމަކުރާ ގޮތުގައި ލޮޓަސް ގަސް ކޮންޓްރޯލް ކުރުމަށް އޮތީ ފެނުގައި ހެދޭ އެހެނިހެން ގިނަ ގަސްތައް ވެސް ކޮންޓްރޯލް ކުރުމަށް ގެންގުޅޭ މައިގަނޑު 3 ގޮތެވެ. އެއީ:

1. ފިޒިކަލް މެނޭޖްމެންޓް ނުވަތަ އަތުން ގަސްތައް ކޮށައި ނަގައި ހުސްކުރުން

މިއީ ލޮޓަސް ގަހަށް ބަލާއިރު ފަސޭހަ ކަމެއް ނޫނެވެ. އެއީ ލޮޓަސް ގަސް ކޮށައި ނެގިކަމުގައި ވިޔަސް އެގަހުގެ، ތަނޑިކޮޅުތަކާއި (ރައިޒޯމްސް) މުލާއި އޮށްތައް އެތަނަކުން ހުސްކުރުމަކީ ނުވާނެފަދަ ކަމެކެވެ. އަދި ޚާއްސަކޮށް ފެނުގެ އަޑީގައި އޮންނަ މަޑުގަނޑެއްގެ ތެރެއިން، ތަނޑިކޮޅުތަކާއި މުލާއި އޮށްތައް ހޯދައިގެން ނަގައި ހުސްކުރުމަކީ ވާނެކަމެއް ކަމަށް ނުބެލެވެއެވެ.

އެއާއެކު ކޮށައި ނަގައި ހުސްކުރިޔަސް ދުވަސްކޮޅަކުން އަނެއްކާ ވެސް ގަސްތައް އާލާވެގެންދާނެއެވެ. އެގޮތުން ބަންޑާރަ ކިޅީގައި ވެސް އެއްފަހަރު ނެގުމުން އަނެއްކާ އަލުން އެ އާލާވެ ގިނަވަނީއެވެ.

2. ބައިލޮޖިކަލް މެނޭޖުމެންޓް ނުވަތަ ގުދުރަތީ އެހެން ދިރުމެއް މެދުވެރިކޮށްގެން އެގަސްތައް މަދުކުރުން

ލޮޓަސް ގަސް މަދުކުރުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ގުދުރަތީ އެހެން ބާވަތެއް އަދި އެނގިފައި ނުވާކަށް އެމެރިކާގެ ފެނުގެ ގަސްތަކާއި ބެހޭ އިދާރައިން ހާމަކުރއެވެ. ވުމާއެކު މިވަގުތަށް ބެލެވެނީ ލޮޓަސް ގަހުގެ ބައިލޮޖިކަލް ކޮންޓޯލް އެއް ނެތް ކަމުގައެވެ.

3. ކެމިކަލް މެނޭޖްމެންޓް ނުވަތަ ބޭސްބޭނުން ކޮށްގެން ގަސްތައް ކޮންޓރޯލް ކުރުން

މަތީގައި ވާ ދެގޮތް ވެސް ލޮޓަސް ގަސް މަދުކުރުމުގައި ކާމިޔާބު ވެފައި ނެތުމުން ބޭނުންކުރަން މިޖެހެނީ ކެމިކަލް ކޮންޓްރޯލް އެވެ. ނުވަތަ އެކަމަށް ޚާއްސަ ބޭހެއެވެ. ކެމިކަލް ބޭސް ބޭނުންކުރުމަކީ އެކަމުގައި އިތުރު ފަރުވާތެރިކަމާއި ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމެކެވެ. އެގޮން ކޮންމެ ކެމިކަލް ބޭހެއް ބޭނުންކުރި ކަމުގައި ވިޔަސް އެބޭހުގެ ލޭބަލް ރަނގަޅަށް ކިޔައި އެއާއި ގުޅޭގޮތުން ފުރިހަމަ މައުލޫމާތު އެނގިގެން ނޫނީ ބޭނުން ނުކުރަމަށް އެމެރިކާގެ ޓެކްސަސްގެ އެކްއަރ ޕްލާންޓް – އެގްރިލައިފް އިން އިންޒާރު ދެއެވެ.

ލޮޓަސް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދާފައިވާ ކެމިކަލްސްގެ ގޮތުގައި އެކްއަރ ޕްލާންޓް – އެގްރިލައިފް އިން ފާހަގަ ކުރާ ކެމިކަލްސް ތަކަކީ:

  • 2،4-ޑީ (ވަރަށް ކާމިޔާބު) –  2,4D – Rated: Excellent
  • ޓްރައިކްލޯޕަރ (ވަރަށް ކާމިޔާބު) –  Triclopyr – Rated: Excellent
  • ފްލޮރައިޑޯން (ވަރަށް ކާމިޔާބު) – Fluridone – Rated: Excellent
  • އެންޑޯތަލް (ރަނގަޅު) – Endothall – Rated: Good
  • ގްލައިފޮސޭޓް (ރަނގަޅު) – Glyphosate – Rated: Good
  • ޕެނޮކްސުލޭމް (ރަނގަޅު) – Penoxsulam  – Rated: Good

އެމެރިކާގެ އާމީގެ އެކްއޭޓިކް ހާބިސައިޑް އިންޖިނިއަރުން ވަނީ މިބާވަތްތައް އެކުލެވޭ ބޭހުގެ އަޖުމަބަލައި ރޭޓް ކޮށްފައެވެ.

މާކެޓް ނަންތަކާއި ބޭހާއި ގުޅޭ ތަފުސީލު ދެންއަންނަ ބައެއްގައި (ނުނިމޭ)

ލޮޓަސް ކޮންޓްރޯލް ކުރުމަށް ސްޕްރޭކުރަނީ ފަހަރަކު ބަޔަކުން ބަޔަކުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !