A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ އަންހެނުންނަކީ ޒަމާނުއްސުރެން ހީވާގިކަމަށް ލާމަސީލު ބައެއް

-އަލީ ހުޒާމް ޙަސަން-

ފުވައްމުލަކުގެ އަންހެނުންނަކީ ޒަމާނުއްސުރެން ހީވާގިކަމަށް ލާމަސީލު ބައެކެވެ. ތަން ކޮޅެއް ކުރީ ޒަމާނުގައި ފުވައްމުލަކު އަންހެނުން ކޮށް އުޅުނު މަސައްކަތްތަކަށް ފުރަތަމަ އަލި އަޅުވާލާނަމެވެ. ވަލު ތެރެޔަށް ގޮސް ކައްކަން ހެޔޮވަރު ދަރު ހޯދައެވެ. އޮޅުތެރެޔަށް ފައިބައިގެން އަލަކަނޑައިގެން ގެނެސް އެއެއްޗެހި ތައްޔާރު ކުރެއެވެ. މަސްވެރިން މަސް ގެނާމަ އެ ކެއްކުމާ ހިއްކުމާ ހުރިހާ ކަމެއްވެސް ކުރަނީ ހަމަ އަންހެނުންނެވެ. ހަގީގަތުގައި މަސްވެރި ކަމުން އެއްވެސް ފައިދާއެއް ކުރަނީވެސް އޭގަ އަންހެނުންގެ ވަރަށް ބޮޑު ދައުރެއް އޮވެގެނެވެ. ގަލުން ރާނާފަ ހުންނަ އިމާރާތެއް ގެއަކަށް ހަދައިދެނީ އަންހެނުންވެ. މިއީ އަންހެނުން އަޅުގަނޑުމެންގެ މުޖުތަމަޢަށާ، އާއިލާތަކަށާ އަދި އިޤްތިސާދަށް އޭރު ކޮށްދެއްވި ޚިދުމަތުގެ ކުޑަ ކުޑަ ޚުލާސާ އެކެވެ. މާޒީ އެއްކަހެރި ކޮށްލާފަ މިއަދަށް ބަލާލަމާ ހިނގާށެވެ. އިސްވެ ދަންނަވޭލެވުނު މަސައްކަތްތަށް ކުރާ އަންހެނުން މިހާރުވެސް ކޮންމެވެސް ވަރަކަށް އުޅުނު ކަމުގައި ވީ ނަމަވެސް، ގިނަ އަންހެނުން މިހާރަކު އެކަހަލަ މަސައްކަތެއް ނުކުރެއެވެ. ގިނަފަހަރު އެ މަސައްކަތްތައް ކުރަނީ ގެންގުޅޭ ބިދޭސީ މަސައްކަތްތެރީންނެވެ. މިފަހަކަށް އައިސް ވަރަށް ގިނަ މީހުން ދައްކާ ވާހަކަޔަކީ މިހާރުގެ އަންހެނުން، އޭރާ އަޅާ ބަލާއިރު ކަންނެތް ވާހަކައެވެ، މިހާރުގެ އަންހެނުން އެއްވެސް ކަމެއް ނުކުރެޔޭ ވެސް ބުނެ އުޅެއެވެ. އެއް ގޮތަކަށްވެސް އެހެނެއް ނޫނެވެ، އެހެން ބުނާ މީހުންވަނީ، އަންހެނުން މިހާރުވެސް ކޮށްދެވަމުން ގެންދަވާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމަށް ވަރަށް ބޮޑަށް ފޭލު ވެފައެވެ. މިއަދަކީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހައް ވުމާއިއެކު މި މަޒުމޫނު ޚާއްސަ ކޮށްލާނީ އަންހެނުން ކޮށްދެއްވާ މަތިވެރި މަސައްކަތްތަކުގެ އަގު ވަޒަން ކޮށްލުމަށެވެ. އަދި އަންހެނުންނާ ދޭތެރާ ހިންގާ ބައެއް ނޭއްގާނީ އަމަލު ތަކާއި އަންހެނުންގެ ހައްޤުތަކަށްވެސް އަލި އަޅުވާލާނަމެވެ.

ތެދެކެވެ، މިއަދުގެ އަންހެނުންނެށް ދަރެއް ނުހޮވައެވެ، އަދި އަލައެއް ނުކަނޑައެވެ. މިއަދުގެ ގިނަ ފިރިހެނުނެއް މަސްވެރިކަމެއް ވެސް ކޮށެއް ނުއެޅެއެވެ. މިއަދުގެ ޒަމާނާ އޭރާ ހާސްބައި ތަފާތެވެ. އޭރު ފުވައްމުލަކުގެ އިޤްތިސާދަކީވެސް އިޤްތިސާދީގޮތުން ވަރަށް އަސާސީ މަރުހަލާއެއްގައި އޮތް އިޤްތިސާދެކެވެ. މިއަދު ފުވައްމުލަކުގެ އިޤްތިސާދަކީވެސް ދުނިޔޭގެ އެހެން އިޤްދިސާދުތަކާ އެއްފަދަ ނިޒާމެކެވެ، އެއްވަރެއް ނުވިނަމަވެސް ހަމަ އޮޅުން ބޮޅުންވެސް ހަމަ އެހާމެ ގިނައެވެ. މަސައްކަތް ކުރެވޭނެ ދާއިރާތައްވެސް އެހާމެ ގިނައެވެ. އާދައިގެ އަސާސީ މަސައްކަތްތައް ކުރުމުގައި އުޅޭ މީހުން މަދުވެ، ޚިދުމަތްތައް ދޭ އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުން ގިނަވުމަކީ ތަރައްޤީއާއި ތަމައްދުނުކަން އަންނަ ކޮންމެ މުޖުތަމަޢަކުންވެސް ފެންނަން ހުރި ކަމަކެވެ. އަދި ކިއެއްތޯ، އިޤްތިސާދީ އިލްމުތަކުގެ މާހިރުންދެކޭ ގޮތުގައި އެއީ ތަރައްޤީގެ އަލާމަތެކެވެ. މިދަންނަވާލެވުނު ފަދައިން އަޅުގަނޑުމެންގެ ރަށުގެ އިޤްތިސާދުވެސް ފުޅާވެ ތަރައްޤީވުމުގެ ތެރޭގައި އަންހެނުންގެ ދައުރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކޮންމެ އަކަސް މިއަދު އަޅުގަނޑުމެންގެ ރަށުގެ އަންހެނުންގެ ތެރޭގައި މުދައްރިސުންނާއި، ވިޔަފާރިވެރިންނާއި، އެކައުންޓެންޓުންނާއި، ނަރުހުންނާއި، އޮފީސްތަކުގައި ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރާ އަންހެނުންނާއި އަދި މި ނޫންވެސް އެތައް ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން އުޅެއެވެ.

އަންހެނުންނަކީ ކޮންމެހެން ގޭގައި ތިބެގެން ކުރީ ޒަމާނުގައި ކުރި ކަހަލަ މަސައްކަތް ކުރަން ޖެހޭ ބައެއް ނޫނެވެ. އަންހެނުނަކީވެސް ފިރިހެނުންނާ އެއްވަރަކަށް ވަޒީފާގެ މައިދާނުގައި މަސައްކަތްކުރުމުގެ ޤާބިލިއްޔަތުކަން ލިބިގެންވާ ބައެކެވެ. އަންހެނުން ވަޒީފާޔަށް ގޮސް މަސައްކަތް ކުރުމުން ހަގީގަތުގައި މުޅި އާއިލާޔަށްވެސް ފާއިދާތަކެއް ކުރެއެވެ. މިޒަމާނުގައި ކޮންމެ ބައެއްވެސް ދައްކަނީ ލިބޭ އެތިން ދެކޮޅު ނުޖެހިގެން އުޅޭ ވާހަކައެވެ. މިހެންވާ އިރު އަންހެނުން ވަޒީފާޔަކަށް ދިއުމުން އާއިލާޔަށް ވަރަށް ބޮޑު ލުޔެއް ލިބި އާއިލާގެ ދިރި އުޅުމުގެ ފެންވަރު މައްޗަށް ދެއެވެ. އެއްކަލަ ބިދޭސީ މީހާ ލައްވާ މަސައްކަތްތައް ކުރުވަނީވެސް އަންހެނުން އެ މަސައްކަތްތައް އަމިއްލައިން ކުރުމައް ވުރެ ވަޒީފާއެއްގެ މަސައްކަތް ކުރުމުގެ އަޢުލާ ކަން ބޮޑު ވީމައެވެ. ޔަޢުނީ އެ ބިދޭސީ މީހާ ގެންގުޅުމުގެ ޚަރަދު ކަނޑާލާފަވެސް ވަޒީފާޔަށް ދިއުމުން ފައިދާ ކުރާތީއެވެ. ކަން މިހެން އޮތް އިރު ކީއްވެތޯ އަންހެނުން ވަޒީފާޔަށް ނުދާންވީ.

ދެން އޮތީ އާއިލީ ޒިންމާގެ ވާހަކައެވެ. ދަރިން ތަރުބިއްޔަތު ކުރުމާއި، އެކުދިންނަށް ކޮށްދޭން ޖެހޭ އެކިއެކި ކަންކަމާއި އަދި ގޭތެރޭގެ އެހެނިހެންވެސް ޒިންމާތަކަކީ އާއިލާގެ އަނބިމީހާ އާއި ފިރިމީހާ ހިއްސާ ކޮށްގެން އުފުލަންޖެހޭ ޒިންމާ އެކެވެ. އެހެން ނަމަވެސް، ވަރަށް ގިނަ މީހުން އަދިވެސް ދެކޭ ގޮތުގައި ދަރިން ގެންގުޅުމަކީ އެއީ ހަމައެކަނި އަންހެނުންގެ ޒިންމާއެކެވެ. ބައްޕަގެ ޒިންމާޔަކީ ހަމައެކަނި ލާރި ހޯދުމާއި ދަރިންނާ އެކީ މަޖާ ކޮށްލުމެވެ. އެއީ ކޮން އުސޫލެއްގެ މައްޗަށް ބިނާވާ ފަލްސަފާ އެއްތޯ އަޅުގަނޑުމެން ސުވާލު ކުރަން ޖެހެއެވެ. ކަން އޮތް ގޮތައް ބަލާއިރު، ފުވައްމުލަކުގައި ގިނަ ފަހަރު މިޒިންމާތައް އުފުލަނީވެސް ހަމަ އަންހެނުންނެވެ. ރަށުގައި ވަޒީފާގެ ފުރުސަތު ހަނިވުމާއި އެކު ރަށުގެ ވަރަށް ގިނަ ފިރިހެނުން އުޅެނީ ރަށުން ބޭރުގައެވެ. މިސަބަބާ ހުރެ އެކަނި މާ އެކަނި ހުރިހާ ޒިންމާއެއް އުފުލާ އަންހެނުންވެސް މަދެއް ނޫނެވެ.

ދެން އޮތީ އަންހެނުންނާ ދޭތެރޭ ކުރެވޭ އަނިޔާގެ ވާހަކައެވެ. މިވޭތުވެ ދިޔަ އަހަރުވެސް އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ އަންހެނުންގެ ވާހަކަތައް އެކިއެކި ނޫސްތަކުން ފެނިގެން ދިޔައެވެ. މިގޮތުން މިދޔަ އަހަރު ޕޮލިސް ފަމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރަޓްމެންޓަށް 600-300 ވަރަކަށް މައްސަލަ ހުށައަޅާފައި ވެއެވެ. ފެމިލީ ލީގަލް ކްލިނިކަށް 6570-745 ވަރަކަށް މައްސަލަ ހުށައަޅާފައި ވެއެވެ. ޖެންޑާ މިނިސްޓްރީއަށް 7569-302 މައްސަލަ ހުށައަޅާފައި ވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް 1424 މައްސަލަ ހުށައަޅާފައިވެއެވެ. މިއީ ވަރަށް ބޮޑެތި އަދަދުތަކެއް ކަމުގައި ހީވިނަމަވެސް، މިއީ އަނިޔާތައް ކުރެވޭ މިންވަރާ ބަލާ އިރު ކުޑަ އަދަދަކެވެ. ގިނަ ފަހަރު އަނިޔާތައް އޮންނީ ރިޕޯރޓުވެސް ނުކޮށެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ ޖިންސީ ނުވަތަ ޖިސްމާނީ ގޯނާއެއްގެ ޝިކާރަޔަކަށް ކޮންމެވެސް އިރަކު ވެފައިވާ މީހެކެވެ. އަނިޔާ ގިނަފަހަރު ލިބެނީ ފިރިންނާއި، ރައްޓެހިންނާއި ، އަދި އާއިލާ ނުވަތަ ގޭ މީހުން ދަނެ އުޅޭ މީހެކެވެ. އަޅުގަނޑުމެން މިކަމަށް ހޭލުންތެރިވެ އަޅުގަނޑުމެންގެ އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރަން އެބަޖެހެއެވެ. އަންހެނުން ބާރުވެރި ކުރުވަން އެބަ ޖެހެއެވެ. އަންހެނުން އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީވެސް އަންހެނުން ބާރުވެރި ކުރުވާ ކަމެކެން. ދިރާސާތަކުން ވަރަށް ގިނަ އަންހެނުން އަނިޔާވެރި ކަން ތަހައްމަލް ކޮށްގެން ތިބެނީ އިޤްތިސާދީ ގޮތުން އެހެން އެއްވެސް ފަދައެއް ނެތުމާވެސް އެކުގައެވެ. ވީމާ އަންހެނުން ކުރާ މަސައްކަތުގައި ހިތްވަރުދީ، އަންހެނުންގެ ހައްޤުތަކަށް އިހުތިރާމު ކޮށް އަދި އެމީހުންގެ ހައްޤުތައް ރައްކާތެރި ކުރަން އަޅުގަނޑުމެންގެ އެންމެން އަތު ގުޅާލަން އެބަ ޖެހެއެވެ.

އަންހެނުން ހަވާސާގައި ބެއި ތިއްބުމަކީ ތަރައްޤީއައްވެސް އެޅޭ ބޮޑު ހުރަހެކެވެ. އެއީ ގައުމެއް ކުރިއަރަނީ އެގައުމެއްގެ ރައްޔިތުންގެ ހުނަރާ އެކީގައި ކަމަށްވާއިރު އަންހެނުންނާ ނުލާ ކުރިއެރުމަކީ ގައުމުގެ ހުނަރުގެ ދެބައިކުޅަ އެއްބަޔާ ނުލާ ކުރިއައް ދިޔުމެވެ. ކުރި އެރުމުގެ ދުވެލި ވާންޖެހޭ ވަރަށް ވުރެ މަޑުވާނެ ކަން ކަށަވަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުން ބާރުވެރިވެ އަންހެނުންގެ ހައްޤުތައް ހަމަހަމަ ވުމަކީ މުޖުތަމަޢުގެ އަމާން ކަމަށްވެސް ބާރު އަޅާކަމެކެވެ.

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހަކީ އަޅުގަނޑުމެންނަށް އަންހެނުންގެ ދައުރާ، އެބޭކަނބަލުން ކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަން ކޮށް އައްސަރިބަހާ ސާބަސް ރައްދުކުރަން ލިބޭ ފުރުސަތެކެވެ. އަދި އެބޭކަނބަލުންގެ ހައްޤުތަކާއި ދޭތެރޭ ވިސްނާލަންވެސް ލިބޭ ފުރުސަތެކެވެ. މިފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަމާ ހިނގާށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !