19 އޮކްޓޯބަރ 2019 ( ހޮނިހިރު )

banner

މިސްރުގެ ރައީސް މުރުސީ ދެނެވަޑައިގަންނަވަނީ ކިހާމިންވަރަކަށްތޯ

އިއްޔެއަކީ އިސްލާމީ އުއްމަތަށް ހިތާމަވެރި ދުވަހެކެވެ. މުސްލިމުން ގައުތަކުގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް ގައުމުކަމަށްވާ މިސްރުގެ ޒަމާންވީ ޚުދުމުޚުތާރުވެރިކަން ނިމުމަކަށް ގެނެސް ބޭއްވު ފުރަތަމަ އިންތިޚާބު ކާމިޔާބުކުރެއްވި މުސްލިމް ބްރަދާހޫޑުގެ ލީޑަރު އަދި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވަހާރަވިދުވަހެވެ. މުރުސީއަށް މާގިނަ ދުވަހު ވެރިކަން ކުރެވޭ ގޮތެއްނުވިއެވެ. މުރުސީގެ ވެރިކަމަށް އަހަރު ފުރުނު ދުވަހު މަގުމައްޗަށް މީހުން ނިކުމެ ކުރަން ފެށީ މުޒާހަރާ ނިންމާލީ އަސްކަރީ އިންގިލާބަކުންނެވެ. އެހެންކަމުން މުރުސީއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މީޑިއާއަށް ތިލައެއްނުވެއެވެ.

މުރުސީ އުފަންވެވަޑައިގަތީ އަލް-އަދުވާ ވިލެޖަށެވެ. ގާހިރާ ޔުނިވަސިޓީގައި، 1970ގެ އަހަރުތަކުގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ޕީއެޗު.ޑީ ފުރިހަމަކުރައްވަން އެމެރިކާއަށް ވަޑައިގަތެވެ. ޕީއެޗްޑީ ހައްދަވާފައިވާ މުރުސީ އަކީ ޕްރޮފެސަރެކެވެ. ތައުލީމު ހާސިލުކުރި ދުވަސްވަރުވެސް ތޫނުފިލިކަމަށް މަޝްހޫރު މުރުސީއަކީ އެމެރިކާގެ ބައެއް ޔުނިވާސިޓީތަކަށްވެސް ވަޑައިގަންނަވާ އެޔުނިވާސިޓީތަކުގެ ވިޒިޓިން ޕްރޮފެސަރެކެވެ. މުރުސީއަކީ ގުރުއާސް ހިތުދަސް ހާފިޒެކެވެ. މުސްލިމު އުއްމަތުގެ ވެރިންގެ ގޮތުގައި ތިއްބެވީ ކިތައް ހާފިޒުންތޯއެވެ.

މުރުސީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުރުސީގެ އަމިއްލަ ރީތިގެތަކާއި ގަޑުވަރުތައްވެއެވެ. ސާދާ ދިރިއުޅުއްވުމަކަށް ލޯބިކުރެއްވި، ވެރިކަމަށް ވަޑައިގެން ދިރިއުޅުއްވީ އެގެތަކާއި ގަޑުވަރުތަކަށްވުރެ ފެންވަރުދަށް އެޕާޓްމަންޓެއްގައެވެ. އެއެޕާޓްމަންޓްވެސް އަރަބި މުސްލިމު ގައުމުތަކުގެ ރަސްރަސްކަލުންގެ ގިފިއްޔަށްވުރެ ކުޑަވާނެއެވެ. މުރުސީއަކީ އެމަނިކުފާނުގެ ވާހަކަފުޅުތަކަށްވުރެ ބަންގީގެ އަޑަށް އިސްކަންދެއްވާ ލީޑަރެކެވެ. އެގޮތުން، އެމަނިކުފާނުގެ ވާހަކަފުޅާއި ބަންގިއާއި ދިމާވެއްޖެނަމަ އެމަނިކުފާނު ބަންގިތަކުރާރުކުރައްވައެވެ.

އެއްފަހަރަކު މުރުސީ ވަޑައިގަންނަވަނިކޮށް އެކަނިވެރި އަންހެނަކު މަގުމަތީ ނިދާފައިވަނިކޮށް ފެނިގެން މަގުމަތީގައި ނިދާ ސަބަބު އޮޅުންފިލުވިއެވެ. އެއަންހެންމީހާ ޖަވާބުދެއްވީ އޭނާގެ ފިރިމީހާ އޭނާ ދޫކޮށް ދިއުމުން އެޕާޓްމަންޓް ކުލިދެއްކުމަށް ނުކުޅެދިގެން މަގުމަތިވީ ކަމަށެވެ. އެއާއިއެކު އެއްވެސް މަޔަކު މަގުމަތި ނުވާނެ ގޮތަށް ސަރުކާރުގެ ޕޮލިސީ ހެއްދެވިއެވެ. މުރުސީގެ ވެރިކަން ވެއްޓުމާއިއެކު މިދެންނވި އަންހެންމީހާ އަނެއްކާވެސް މަގުމަތިވިއެވެ.

ހިލޭސާބަހަށް މަސައްކަތްކުރައްވާފައިވާ މުރުސީއަކީ އެންމެ ދުނިޔޭގެ އެންމެ މުސާރަކުޑަ ލީޑަރެވެ. މުރުސީގެ މުސާރައަކީ އަކީ އަހަރަކަށް 10 ހާސްޑޮލަރެވެ. އެފައިސާވެސް ނުނަންގަވާކަމަށް ވެރިކަން ވެއްޓުމުން އެގުނެވެ. ފަތިސް ނަމާދު ޖަމާއަތުގައި ކުރައްވާ މުރުސީ ހުކުރު ޚުތުބާ އަޑުއައްސަވާއިރު ލޮލުންކަރުނަ އަންނަ މަންޒަރު ފެނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ފަތިސް ނަމާދު ގަޑީގައި ކުރައްވަނީ ކިތަށް ލީޑަރުންތޯއެވެ.

މުރުސީ ވެރިކަމަށް ވަޑައިގެން ސަރުކާރު އިދާރާގައި ހަރުކޮށްފައިވާ ލީޑަރުގެ ފޮޓޯތަކުގެ ބަދަލުގައި ﷲގެ ކަލިމަފުޅު ހަރުކުރެއްވިއެވެ. މުރުސީގެ ކުރިންވެސް ފަހުންވެސް ވަޑައިގެންނެވި ވެރިން އެވެރިންގެ ފޮޓޯ ހުރިހާ ސަރުކާރު އޮފީސްތަކުގައި ހަރުކުރެއެވެ.

އެފަދަ ހިތްތިރި ވެރިއަކަށް މާގިނަ ދުވަހު ވެރިކަމެއް ނުކުރެވުނެވެ. މިލިޓަރީތެރެއިން ވެރިކަން ވައްޓާލީ އިސްލާމީ ހަރުކަށި ވިސްނުމުގެ މީހުން މިސްރުގެ ސިޔާސީ ދާއިރާއަށް އަތްގަދަކުރުމުގެ ފުރުސަތު ދެއްވުމާއި އިގުތިސާދު ހަމަޔަކަށް އެޅުއްވޭވަރު ނުވުމުން ކަމަށް ހުޅަނގުގެ ފަރާތްތަކުން ތުހުމަތު ކުރިނަމަވެސް ހަގީގަތަކީ އެއީއެއްނޫނެވެ. އިޒުރޭލާއި ހުޅަނގަށް މުރުސީ ކަމުނުދިޔައީއެވެ. އެބައިމީހުންނަށް މުރުސީ ބިރަކަށްވީއެވެ. އެގޮތުން، މިސްރުގެ ވެރިކަން ވައްޓާލުމަށް އާންމުންނަށާއި މިލިޓަރީއަށް ހިތްވަރުދިނީއެވެ.

އައްބާސީ ދައުލަތް ފުޑުފުޑުވުމުގެ ދުވަސްކޮޅެއް ކުރިން އައްބާސީ ޚަލީފާ ޒާހިރު ބިއަމްރިﷲ އާއި ގުޅެގޮތުން އިބުނު އަސީރު ވިދާޅުވި ވިދާޅުވުން ނަކަލުކޮށްލާނަމެވެ. އެޒަމާނުގެ މީހުންނަކަށް ޒާހިރު ފަދަ ވެރިއަކާއި އެކަށީގެނެއް ނުވެއެވެ. އެހެނީ އެޒަމާނަކީ ފަސާދައިގެ ޒަމާނެކެވެ. އަދި އަރަބި ޅެންވެރިއަކު ބުނެފައިވެއެވެ. މިއަދު ތިޔަބައިމީހުން ސަލާހުއްދީން ފަދަ މުޖާހިދުންނަށް ގޮވަނީ ކީއްކުރައްތޯއެވެ. ސަލާހުއްދީން މިއަދު އައިނަމަ އެކަލޭގެފާނު ތިޔަބައިމީހުން ގަތުލުވެސް ކޮށްފާނެއެވެ. އަރަބި ޅެންވެރިއާ ވިދާޅުވި ފަދައިން މިސްރުގެ ރައްޔިތުން މުރުސީގެ ވެރިކަން ވައްޓާލިއެވެ. އިބުނު އަސީރު ވިދާޅުވި ފަދައިން މިސްރުގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށްވުރެ މުރުސީ ރަގަޅީ ނޫންބާވައެވެ. ޒާހިރު ބިއަމްރިﷲ ފަދައިން ވެރިކަން ކުރެވުނީ ކުޑަ ދުވަސްކޮޅަކަަށެވެ. އެކަށޭނެ ބަދަލެއް ގެނސްދެވޭ ވަރެއްނުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު