A wide advertisement which will be shown on all devices. (700 x 100)

މޮސާޑު މުސްލިމު ގައުމުތަކަށް ހުރި ނުރައްކަލެއް (ދެވަނަ ބައި)

ޚާލިދު މިޝާލް

ދުނިޔޭގެ ސަމާލުކަން ހުއްޓި މޮސާޑު ފަޟީހަތްވެގެން ދިޔަ އެންމެ ބޮޑު އެއް އޮޕަރޭޝަނަކީ މޮސާޑުން ސިއްރިޔާތުގައި ހަމާސްގެ ސިޔާސީ ލީޑަރު ޚާލިދު މިޝާލް ޝަހީދުކޮށްލުމަށް ހިންގި ނާކާމިޔާބު އޮޕަރޭޝަނެވެ.

ޚާލިދު މިޝާލް އުފަންވެފައިވަނީ 1956 ވަނަ އަހަރު ހުޅަނގު އައްސޭރީގައެވެ. އަދި އެބިން އިޒުރޭލުން 1967 ވަނަ އަހަރު ހިފުމާއި ގުޅިގެން މިޝާލްގެ އާއިލާ ކުވައިތަށް ހިޖުރަކުރިއެވެ. ކުވައިތުން ފިޒިކްސް ދާއިރާއިން ތައުލީމު ހާސިލުކުރެއްވި މިޝާލް ހަމާސް ޖަމާއަތާއި ގުޅުނީ އެޖަމާއަތުގެ އެކައުންޓެއްޓެއްގެ ގޮތުގައެވެ. ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރެއްގެ ގޮތުގައި ހުރި މިޝާލް އަވަހާރަކޮށްލުމަށް އިޒުރޭލުން ރާވާފައިވަނީ 1997 ވަނަ އަހަރު ފަލަސްތީނުގައި ހިގި ހަމަނުޖެހުމެއްގައި އިޒުރޭލުގެ 21 މީހަކު މަރުވުމާއި ގުޅިގެންކަމަށް ޕޯލް މެކްޖޯޖް ސިފަ ކުރައްވައެވެ. ޚާލިދު މިޝާލް ޝަހީދުކޮށްލުމަށް އިޒުރޭލުން ރާވަމުން ދިޔައީ ހަމާސްގެ ޖަމާއަތުގެ ދުވަސް ދުއްވާލުމުގެ ބޭނުމުގައެވެ.

ޖޯޑަން އާއި އިޒުރޭލާއި އޭރުވަނީ ސުލްހައިގެ އެއްބަސްވުމެއްގައި 1994 ވަނަ އަހަރު ސޮއިކޮށްފައެވެ. އަދި އިޒުރޭލުގެ އެމްބަސީއެއް އައްމާނުގައިވާއިރު ހަމާސްގެ މައިއޮފީސް ވެސް ވަނީ އައްމާނުގައެވެ. އަދި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޖޯޑަންގައި ވަޒަވެރިވެފައިވެއެވެ. އެހެންކަމުން،  މިފަދަ އޮޕަރޭޝަނުގެ ސަބަބުން އިޒުރޭލާއި ޖޯޑަން އާއިއޮތް ގުޅުމަށް ބުރޫ އަރާފާނެކަން އެގޭތީ މިއޮޕަރޭޝަން ހިންގަން ރޭވުނީ ވަރަށް ބޮޑަށް ސިއްރުކުރެވިގެނެވެ.

މިއޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ރޭވުން ބަދަލުވީ އެއްދުވަހަކު ޑިފެންސް މިނިސްޓަރާއި (އިޒުރޭލުގެ) މޮސާޑުގެ ޝިން ޔުނިޓް ގެ ޑިރެކްޓަރ ބައްދަލުވެ ކުރެވުނު މަޝްވަރާއިން ކަމަށް މޮސާޑުގެ ޑައިރެކްޓަރެއް ކަމަށްވާ ޑެނީ ޔޮޓަން ބުނެއެވެ. ޑެނީ ޔޮޓަން އަކީ މޮސާޑުގެ ޑައިރެކްޓަރެއްގެ ގޮތުގައި 1996 އިން 1998 އަށް މަސައްކަތްކޮށްފައިވާ މީހެކެވެ. އެބައްދަލުވުމުގައި އެދެބޭފުޅުން ބާރުއެޅުއްވީ އޮޕަރޭޝަން ބަދަލުކޮށް ޖޯޑަންއަށް ގޮސް މިޝާލް އަށް ހަމަލާ އަމާޒުކުރުމަށެވެ. މިކަމާއި ހިތްމަހަމަ ނުޖެހި އޭރުގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި ބައްދަލުކޮށް އަޑު އުފުލިކަމަށް ވެސް ޑެނީ ޔޮޓަން  ބުންޏެވެ. ނަމަވެސް، އެބައްދަލުވުމުން ނިމުނީ މިކަމަކީ އެންމެ އިޒުރޭލަށް ފައިދާބޮޑުގޮތް ކަމަށްވާނަމަ އެކަން އެގޮތަށް ކުރުމަށް ކަމަށްވެސް ޑެނީ ޔޮޓަން ބުންޏެވެ. އެއާއިއެކު އެއޮޕަރޭޝަން އެއްކޮށް ބަދަލުވެގެން ދިޔައެވެ.

މިއޮޕަރޭޝަނުގެ އިސްމީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިޝްކާ ބެން ޑޭވިޑްއެވެ. އޭނާއަކީ 1989 އިން 1999 އާއި ހަމައަށް މޮސާޑުގެ އިންޓެލިޖެންސް އޮފިސަރެއްގޮތުގައި މަސައްކަތްކުރި މީހެކެވެ. މީނާ ދީފައިވާ ބަސްތީގަތުމެއްގައި ވިދާޅުވެފައިވަނީ މިޝާލް ޝަހީދުކޮށްލުމަކީ މައްސަލައެއްކަމަށް ނުދެކޭ ކަމަށާއި އެނިންމުމަށް އޭނާ ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. ކާރުގައި ބޮމެއް ހަރުކޮށްގެން ގޮއްވާލުން ނުވަތަ ދުރުނޫން ހިސާބަކުން ބަޑިޖެހުން ފަދަ އަމަލެއް ހިންގައިފިނަމަ އުފެދިދާނެ ނުތަނަވަސްކަން އޭނާއަށްވެސް އެގޭކަމަށާއި އެހެންކަމުން ބޮޑު ވަޒީރު ނަތަންޔާހޫ އަމުރު ކޮށްފައިވަނީ މިއޮޕަރޭޝަން ހިންގަންވާނީ އެއްވެސް ފަރާތަކަށް ނޭގޭ ގޮތަށް ވަރަށް ސިއްރުންކަމަށް ވެސް އޭނާ ބުންޏެވެ.

މިއޮޕަރޭޝަނަށް ޚާއްސަ ވިހައެއް ތައްޔާރުކުރި ކަމަށާއި އެވިހައަކީ އެވިހަ އިންސާނާގެ ހަންގަނޑުގައި ޖެހިއްޖެނަމަ ގަޑިތަކެއްފަހުން ބަލިވެ އަދި އޭގެ ސަބަބުން އެމީހާ މަރުވާނެފަދަ ވިހައެއް ކަަމަށްވެސް ބެން ޑޭވިޑް ބުންޏެވެ. އަދި މި ވިހަ އިންސާނުން ބޭނުންކޮށްގެން ސިއްރުން ޓެސްޓް ކުރިކަމަށް ވެސް ބެން އެއްބަސްވެއެވެ. މި އޮޕަރޭޝަން ޓެސްޓްކޮށްފައިވަނީ ދެމީހަކު ވެގެންކަމަށާއި ދެމީހުން ފަހަތުންގޮސް އެކަކު އެވިހަ ސްޕްރޭ ކުރާއިރު އަނެކަކު ކޯކްދަޅެއް ކަނޑަލާނީއެވެ. އެހެންކަމުން ވިހަ ސްޕްރޭވި މީހާއަށް ހީވާނީ އެސްޕްރޭވީ ކޯކުކަމަށެވެ.

މިއޮޕަރޭޝަން ހިންގުމަށް މޮސާޑުގެ ދެ އެޖެންޓަކު ޖޯޑަންގެ ވެރިރަށް އައްމާނަށް ދިޔައީ 1997 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭ ކެނެޑާގެ ދެ ޓްއަރިސްޓުންނަށް ވެގެނެވެ. މިދެމީހުން މިކަންކުރުމަށް ގެންދިޔައީ ޚާއްސަ ކެމެރާއެކެވެ. އެކެމެރާއަށް ވަނީ ކުރިން ދެންނެވި ވިހަ ލޯޑުކޮށްފައެވެ. އައްމާނުގައިވާ މިޝާލްގެ އޮފީހަށް ވަނުމަށްޓަކައި ކާރުން ފޭބުމާއިއެކު މޮސާޑުގެ ދެއެޖެންޓުންގެ ތެރެއިން އެކަކު މިޝާލް ކުރިމައްޗަށް އަރާ ކުޑަކަކޫޖެހިއެވެ. އަދި ކެމެރާއިން ފޮޓޯ ނަގާކަންދައްކާ އެއްކަލަ ވިހަ ކެމެރާއިން ސްޕްރޭ ކުރިއެވެ. މިވިހަ ސްޕްރޭ ކުރެވުނީ މިޝާލްގެ ކަންފަތަށެވެ. އެއަށްފަހު މޮސާޑުގެ ދެއެޖެންޓުން ފިލަން ދުއްވައިގަތެވެ. ނަމަވެސް މިޝާލްގެ ބޮޑީގާޑުން މިދެމީހުން ޖޯޑަންގެ ފުލުހާއި ހަވާލުކުރިއެވެ.

މިއޮޕަރޭޝަން ކުރިއަށް ގެންދިއުމަށް މޮސާޑުން ހަވާލުކޮށްފައިވާ ބެން ޑޭވިޑް ކިޔައިދޭ ގޮތުގައި އެއޮޕަރޭޝަން ހިންގުމަށް އޭނާ ޖޯޑަންއަށް ދިޔައީ އެވިހަ މައިތިރިކުރުމަށް ބޭނުންވާ ފަރުވާވެސް ހިފައިގެނެވެ. ސަބަބަކީ އެއޮޕަރޭޝަނުގައި އޭނާގެ އެޖެންޓަކަށް އެވިހައިގެ އަސަރުކޮށްފިނަމަ އެ ބޭނުންކުރުމަށެވެ. އެއޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދުވަހު އޭނާ އޭނާގެ ހޮޓަލުގައި ވަނިކޮށް މޮސާޑުގެ އެޔުނިޓް މީހަކު އައެވެ. އޭނާއަކީ އެދުވަހު އަންނަންޖެހޭ މީހެއްވެސް ނޫނެވެ. އޭނާ އައިސް މައްސަލައެއް ކުރިމަތިވެއްޖެކަމަށް ބުނުމުން މިއޮޕަރޭޝަން ފެއިލްވިކަން އެގުނެވެ.

މިޝާލް ޝަހީދުކުރުމުގެ މަސައްކަތާއި ހަވާލުވި ދެއެޖެންޓުންގެ އޮޕަރޭޝަން ނާކާމިޔާބުވެ އެދެމީހުން ހައްޔަރުވެ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ކެނެޑާ އެމްބަސީއިން މިމީހުންނާއި ސުވާލުކުރިއެވެ. މި ސުވާލުކުރުމުގެ ތެރޭގައި ކެނެޑާގެ ގައުމީ ސަލާމް ކިޔައިދިނުމަށް އެދުމުން މިދެމީހުންކުރެ އެކަކަށްވެސް ކެނެޑާގެ ގައުމީ ސަލާމެއް ނޭގުނެވެ. އެހެންކަމުން މިއީ ކެނެޑާ ބައެއްނޫން ކަމަށާއި މިއީ ސިއްރު އެޖެންޓުންކަން ޔަގީންވެ މުޅި މަޝްރަހު ހޫނުވިއެވެ.

މިޝާލް އަށް މިވިހައިގެ އަސަރުކުރުމާއިއެކު ވަރުބަލިވާންފެށިއެވެ. އަދި މާގިނައިރެއްނުވެ ހަސްފަތާލަށް ގެންގޮސްފިއެވެ. މިޝާލްގެ ހާލު ސީރިއަސްވެ ބޮޑު މައްސަލައަކާއި ކުރިމަތިވިއެވެ. މޮސާޑުގެ އޮޕަރޭޝަނެއްކަން ގިނަ ބަޔަކަށް އެގުނެވެ. އެއާއިއެކު ޖޯޑަންގެ ރައްޔިތުން އުތުރުއަރައިގެންފިއެވެ. ހުސެއިން ރަސްގެފާނު މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައިފިނަމަ މިއީ އިޒުރޭލާއި ހުސެއިން ރަސްގެފާނާއި ގުޅިގެން ކުރިއަށްދިޔަ އޮޕަރޭޝަނެއް ކަމަށް އާންމުން ތުހުމަތުކޮށްފާނެ ކަން ޔަގީންވާތީ ހުސެއިން ރަސްގެފާނު މިކަން ކުށްވެރިކޮށް އިޒުރޭލަށް އިންޒާރު ދިނެވެ. އަދި އެމެެރިކާގެ ރައީސް ބިލް ކްލިންޓަނަށް ފޯނުން ގުޅުއްވިއެވެ.

މިޝާލް ޝަހީދުވެއްޖެނަމަ ފަލަސްތީނުގެ ރައްޔިތުން އިޒުރޭލާއި ދެކޮޅަށް ނިކުތުމަށް މަގުފަހިކޮށްދޭނެ ކަމުގެ އިންޒާރު ހުސައިން ރަސްގެފާނު އިޒުރޭލަށް ދެއްވިކަމަށް ބެން ޑޭވިޑް ބުންޏެވެ. މިއާއިއެކު އިޒުރޭލަށް މަޖުބޫރުވީ މިވިހަ މައިތިރިކުރުމަށް ފަރުވާ ދިނުމަށެވެ. އެއާއިއެކު އިޒުރޭލުން އެވިހައިގެ ފަރުވާދީ މިޝާލްގެ ފުރާނަ ސަލާމަތްކުރެވުނުވެ. މިއޮޕަރޭޝަން ނާކާމިޔާބު ވެގެންދިޔައީ އިޒުރޭލަށް ބޮޑެތި ގެއްލުންތަކަކާއިއެކުގައެވެ. އެގޮތުން، އިޒުރޭލުން ހައްޔަރުކޮށްފައިވާ ހަމާސްގެ އެތަކެއް ލީޑަރުން ދޫކުރުމަށް މަޖުބޫރުވިއެވެ. އަދި މުޅިދުނިޔެއަށް އިޒުރޭލު ފަޟީހަތްވެގެން ދިޔަ ކަމަށް ޕޯލް މެކް ޖޯޖް އޭނާގެ “ކިލް ޚާލިދު – ދަ ފެއިލްޑް މޮސާޑު އެސެސިނޭޝަން އޮފް ޚާލިދު މިޝާލް އެންޑް ދަ ރައިޒު އޮފް ހަމާސް” ފޮތުގައި ލިޔެފައިވެއެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !