“ހާމަނީ އޮފްދަ ސީސް” ގެ ނަމުން ނަން ދެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނަރގެ އަޖުމަ ބެލުމުގެ ފުރަތަމަ ދަތުރު ފަށައިފިއެވެ. އަންނަ މޭމަހު ވެރިފަރާތަށް ހަވާލުކުރުމުގެ ކުރިން ކުރާ ޓެސްޓު ދަތުރުތަކުގައި ފްރާންސުން އިނގިރޭސިވިލާތުގެ ސައުތެމްޓަނަށް އަދި ސްޕެއިނުގެ ބާސެލޯނާއަށް ދަތުރު ކުރާނެއެވެ. އެއިގެ ފަހުން މެޑްޓެރޭނިއަން ކަނޑާއި ކެރީބިއަން ސަރަހައްދުގައި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޓެސްޓް ދަތުރުތަކުގައި 500 އެއްހާ މީހުން، މައިގަނޑު ގޮތެއްގައި ފަޅުވެރިން، ބައިވެރިވާނެއެވެ. ޓެސްޓް ފުރަތަމަ ދަތުރު މާދަމާ، އާދީއްތަ ދުވަހު ނިންމާލެވޭނެއެވެ.
ދިގުމިނުގައި 362 މީޓަރު (1187 ފޫޓު)، ބަރުދަނުގައި 227000 ޓަނު ހުންނަ މިބޮޑު އުޅަނދު ބަނދެފައި ވަނީ “އެސްޓީއެކްސް ފްރާންސް” ކިޔާ ކުންފުންޏަކުންނެވެ. މިއުޅަނދު ބަނުމަށް 1.1 ބިލިއަން ޑޮލަރު ޚަރަދުކޮށްފައި ވެއެވެ.
ހާމަނީ އޮފްދަ ސީސް ކޮޅަށް ޖަހައިފިނަމަ ފްރާންސްގެ އޭފިލް ޓަވަރަށް ވުރެ 50 މީޓަރު (164 ފޫޓު) އުސްވާނެއެވެ. އަދި މަޝްހޫރު ޓައިޓޭނިކަށް ވުރެ 100 މީޓަރު (328 ފޫޓު) ދިގުވާނެއެވެ.
ސޯޅަ ޑެކް ގެ މައްޗަށް އެކުލެވޭ، 70 މީޓަރު (210 ފޫޓު) ގެ އުސް، “ހާމަނީ” ކްރޫޒް ލައިނަރ އެތައް މަހެއް ވަންދެން ޓްއަރިސްޓުންނަށް ދައްކާލުމަށް ބާއްވާފައި ވެއެވެ.
މިބިޔަ އުޅަނދު ދުއްވުމުގައި ކެޕްޓަނަށް އެހީތެރިވުމުގެ ގޮތުން 3 ޕައިލެޓުން ހަރަކާތްތެރިވަމުން ދާނެއެވެ. މި 3 ޕައިލެޓުންނަކީ އެއް އަހަރު ދުވަހުގެ ތަމްރީނުތަކަށް ފަހު ޓެސްޓު ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކެކެވެ.
މިކްރޫޒް ލައިނާގެ ޖާގަ ކަމަށްވާ 5490 ފެސެންޖަރުންނަށް ޚިދުމަތް ކުރުމުގައި 2000 ފަޅުވެރިން ހަރަކާތެރިވާނެއެވެ. ހާމަނީސްގެ ޚިދުމަތްތަކަށް ބަލާއިރު 40 ރެސްޓޯރެންޓާއި، ފިހާރަތަކާއި ބާރ އަދި ޕޫލްތަކައި ތިއޭޓަރެއް ވެސް ގާއިމުކުރެވިފައި ވެއެވެ.
‘ރޯޔަލް ކެރީ ބިއަން އިންޓަރނޭޝަނަލް’ އަކީ މިފަދަ ބިޔަ ބޮޑު އިތުރު އުޅަނދުތައް ވެސް ލިބިފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ “އެލުއަރ އޮފް ދަ ސީސް” އާއި “އޮއޭސިސް އޮފް ދަ ސީސް” އަށް ވުރެ ހާމަނީ އޮފް ދަސީސް އެއް މީޓަރު ފުޅަލެވެ. އެ އުޅަނދުތަކުގެ ފުޅާމިނުގައި 362 މީޓަރު ހުރެއެވެ.
ހާމަނީގެ އަޖުމަ ބެލުމުގެ ފުރަތަމަ ދަތުރަށް ފަހު އިތުރު ދަތުރުތައް އެޕްރީލް މަސް ނިމެނދެން ކުރިޔަށް ގެންދެވޭނެއެވެ. އަދި ވެރިފަރާތަށް 12 މޭގައި އުޅަނދު ހަވާލުކުރުމަށް ވަނީ ތާވަލް ކުރެވިފައެވެ. މިއުޅަނދު ބަނދެ ނިމިފައި ވަނީ 2 އަހަރާއި 8 މަސް ދުވަހުންނެވެ. (މައުލޫމާތު: ސްކައި ނިއުސް، 10 މާރޗް 2016)
ޚިޔާލުތައް