އިކުއިނޮކްސް އާއި ގުޅުވައިގެން “ހޯކްސް” ތަކެއް މުއާސަލާތު ކުރާ ނެޓްވޯކްތަކުގައި ދައުރުވަމުން އެބަދެއެވެ. އެހާ ބޮޑު ފަރުވާލެއް ނެތި ގިނަ ބަޔަކު ޝެއަރ ކުރަމުންދާ (ބަހަމުންދާ) މިފަދަ މެސެޖުތަކުގެ އަސްލާއިމެދު ނުވަތަ ހަގީގަތާއި މެދު ވިސްނާލުން މުހިންމެވެ.
ފުރަތަމަ ހޯކްސް އަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ. ހޯކްސް އަކީ އިންޓަރނެޓް ނުވަތަ ޓެލެކޮމިއުނިކޭޝަން ނެޓްވޯކް މެދުވެރިކޮށް އަސްލު ހަގީގަތް އޮޅުވާލުމުގެ ގޮތުން ދައުރުކުރުވާ މެސެޖު ނުވަތަ މައުލޫމާތުތަކެވެ.
އެގޮތުން އިކުއިނޮކްސް އާއި ގުޅުވައިގެން ވައިބަރ އަދި ފޭސްބުކުގައި ދައުރުވަމުން ދިޔަ އެއްމެސެޖަކީ، އިކުއިނޮކްސްގެ މައުލޫމާތު އެނގޭ ކޮންމެވެސް މީހަކު ގަސްދުގައި، މީހުންގެ ހިތްތަކަށް ބިރުވެރިކަން ގެނައުމަށް ލިޔެފައިވާ މެސެޖެއްކަން ދޭހަވެއެވެ.
އެމެސެޖުގައި ވާގޮތުން އިކުއިނޮކްސްގެ ނޭދެވެ އަސަރު ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ކުރާނެކަމަށް ވެއެވެ. ނަމަވެސް ހަގީގަތަކީ އިކުއިނޮކްސްގެ އަސަރަކީ ކޮންމެހެން ނޭދެވޭ އަސަރަކަށް ނުވާކަމާއި އެއީ އެންމެ ދުވަހެއްގެ ކަމެއް ކަމެވެ. އަދި އެމެސެޖުގައި ގޭތެރޭގައި ތިބުމަށް ބުނާ ގަޑިއާއި ފަލަކީ ހިސާބުތަކުން ހޫނުކަން އެންމެ ބޮޑަށް ގަދަވާނެ ކަމަށް ބުނާ ގަޑިއާވެސް ދިމާ ނުވެއެވެ. ރާއްޖޭގެ ޓެމްޕަރޭޗަރ 40 ޑިގްރީއާއި ހަމަވާނެކަމަށް ބުނެފައިވާއިރު މިކަން ރާއްޖޭގެ މީޓިއޮރޮލޮޖިސްޓުން ވެސް ވަނީ ދޮގުކޮށްފައެވެ. އަދި ހީޓް ސްޓްރޯކް ޖެހިދާނެ ކަމަށާއި ހަށިގަޑު ޑީހައިޑްރޭޓް ވެދާނެކަމަށް ބުނެ ސިއްހީގޮތުން އިންޒާރުގެ މެސެޖުތަކެއް ދީފައި ވިޔަސް، މިލިޔުން ކިޔާ ކޮންމެ މީހަކީވެސް އަހަރަކު ދެފަހަރު އިކުއިނޮކްސް އާއި ބައްދަލުކޮށްފައިވާ މީހެއް ކަމަށް ވެފައި، މިފަދަ ނޭދެވޭ އަސަރުތަކެއް ތަޖުރިބާ ކޮށްފައި ނުވާނެކަމީ މިކަން ނަފީކުރާ ހެކިތަކެކެވެ.
ކޮންމެ އަހަރެއްގެ ވެސް މާރޗް އަދި އޭޕްރީލް މަހަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސް ކޮޅެކެވެ. އެގޮތުން މިއަހަރު އެވްރެޖުކޮށް ހޫނު އިތުރަށް ގަދަ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިހާތަނަށް ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްވެސް ރެކޯޑްކުރެވިފައި ވަނީ 33 ޑިގްރީއަށެވެ. ނަމަވެސް އެވްރެޖް ހޫނުމިން ކުރިން ހުރީ 30-31 ޑިގްރިއާއި ދެމެދު އެވެ. ނަމަވެސް މިދުވަސްވަރު އެވްރެޖް ރާއްޖޭގެ ގިނަ ހިސާބުތަކުގެ ހޫނުމިން 2 ޑިގްރީ ވަރު މައްޗަށް ޖެހި 32-33 އާއި ދެމެދުގައި ރެކޯޑް ކުރެވިފައިވާކަމަށް މީޓއޮރޮލޮޖީ ޑިޕާޓުމެންޓުން ހާމަކުރެއެވެ.
ރާއްޖޭގައި ބެހެމުންމިދާ މެސެޖު ސިންގަޕޫރގެ މިހަށް ލިބިފައިވާކަން އެގުނެވެ. އެކަމަކު އޭނާގެ މެސެޖުގައި ވަނީ ސިންގަޕޫރަށް ދިމާވާނެ ގޮތްތަކެއް ކަމަށެވެ.
އިކުއިނޮކްސް އަކީ ކޮބާ؟
އިކުއިނޮކްސް އަކީ ދުނިޔެއާއި އިރު އެއިގެ ނާރެހުގައި ދައުރުވަމުން ދާދިއުމުގައި އީކުއޭޓަރ އާއި އިރު އެއްހަމަވާ ދުވަހެވެ. އެގޮތުން އަހަރަކު ދެފަހަރު އީކުއޭޓަރާއި އިރު އެއްހަމަ (އޮލަނބު) ވެއެވެ. އެގޮތުން އެދުވަހުގެ ދުވާލާއި ރޭގައޑު ގާތްގަޑަކަށް އެއްވަރު ވެއެވެ. އިކުއިނޮކްސްގެ ޚާއްސަކަމަކީ ވެސް ދުވާލާއި ރޭގަނޑުގެ ދިނުމިން އެއްވަރުވުމެވެ.
އެއީ އަހަރުގެ ފުރަތަމަ ކޮޅުން މާރޗު މަހު 19، ނުވަތަ 20 ނުވަތަ 21 ވަނަ ދުވަހުގެ މެންދުރާއި ކައިރި ވަގުތެއްގައެވެ. މިއަހަރު މިދުވަސް ދިމާވަނީ މާރޗް 20 ވާ އާދީއްތަ ދުވަހަށެވެ. އަންނަ ހަފުތާގެ އާދިއްތައަށެވެ.
އަހަރުގެ 2 ވަނަ އިކުއިނޮކްސް އަންނަނީ ސެޕްޓެމްބަރު މަހު 22، 23 ނުވަތަ 24ގައިއެވެ.
ޚިޔާލުތައް