A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ރިންގުރޯޑުގެ ތާރުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި 15 އަހަރު ފަހުން ފެށިއްޖެ

ފުވައްމުލަކު ރިންގުރޯޑުގައި ތާރު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ކޮށްފައިވަނީ 2003 ވަނަ އަހަރު އެމްޓީސީސީއިންނެވެ. އެފަހަރު ބަދަރުން ފެށިގެން މާނޭރާއި ހަމައަށް ތާރު އެޅުމަށްފަހު ނިންމާލީ އަވަސް ފުރުސަތެއްގެތެރޭގައި މުޅި ފުވައްމުލައް ވަށައިގެން ހެދުމަށް ނިންމާފައިވާ ރިންގުރޯޑުގެ އުއްމީދާއި އެކުގައެވެ. އޭރު ފުވައްމުލަކީ ސިޓީއެއްވެސްނޫނެވެ. ނަމަވެސް ތިންވަނަ އަށް އާބާދީ އެންމެ ބޮޑު ރަށަށްވުމާއި ފުވައްމުލަކު ރައްޔިތުން ޚިދުމަތް ހޯދުމަށް ދިގު ދަތުރު ކުރަންޖެހޭކަން އެގިގެނެވެ. ރާއްޖޭގެ ކޮންމެ ރަށެއް ނުވަތަ ނުވަތަ އަތޮޅެއްގެ ބީދައިންނެއް ނޫނެވެ. ފުވައްމުލަކުގައި ތާރު މަގެއް ހެދުމަކީ އޭރު ރާއްޖެއަށް އާކަމެކެވެ. ތާރު މަގުތައް ވަރަށްވެސް މަދެވެ. ތާރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ދިވެހި ކުންފުނިތައްވެސް އަލެވެ. ނަމަވެސް، އާކަން ދުއްވާލާ އެމްޓީސީސީ އިން ފުވައްމުލަކުގެ ތާރު މަގު ނިންމާ ތާރީޚުގެ ތެރެއަށް ވަނީ ތާރުގެ މަސައްކަތަކީ އެމްޓީސީސީއަށް ފިސާރި ފަސޭހަކަމާއިއެކު ކުރެވިދާނެ މަސައްކަތެއްގެ ގޮތުގައި ދެއްކުމަށްފަހުގައެވެ.

މިދެކެވުނީ މީގެ 15 ނުވަތަ 16 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެކެވެ. އޭގެ ފަހުން ރާއްޖޭގެ އެތަކެއް ރަށް ރަށެއްގައި ތާރުގެ ބޮޑެތި މަސައްކަތްތައް ނިންމާލި އިރުވެސް ފުވައްމުލަކުގެ މަގުތައް ހެދޭކަމަކަށް ނުވިއެވެ. ނަރުދަމާ އަކާއި ގުޅިގެން މަސައްކަތް ކުރިއަށް ނުގެންދެވި އޮތްކަމަށް ބުނެ ކޮންމެ ފަހަރަކުވެސް ނިންމާލަނީއެވެ. ކެމްޕޭނެއް ކައިރިވެލާއިރަށް މަގުތަކުގެ މަސައްކަތް ފަށާނެއެވެ. ވަކި ހިސާބަކުން ހުއްޓި ވާނުވާނޭގޭ ހިސާބަށް މަސައްކަތް ދެއެވެ. ނަރުދަމާއަށް ދޫކޮށްލާފައި ނަމަވެސް ބޭރު މަގު (ރިންގު ރޯޑު) ނެހެދެވެންވީ ކީއްވެ ހެއްޔެވެ.

ހަމަމިބީދައިން މިފަހަރުގެ މަޖިލިސް ކެމްޕޭނު ތެރޭ މަގުގެ މަސައްކަތް އަވަސް އަރުވާލައިގެން އެމްޓީސީސީ އާއި ހަވާލުކުރެވުނެވެ. ނަމަވެސް، ރައްޔިތުންގެ ޝަކުވާ އާއި ގުޅިގެން މަސައްކަތް ލަސްވެގެން ދިޔައީ މަގުގެ ޑިޒައިންނަށް ގިނަ ޝަކުވާ ތަކެއް އައުމާއި ގުޅިގެނެވެ.

އެޝަކުވާތަކާއިއެކު މިހާރުމަގުގެ ޑިޒައިން ނިމި އަމަލީ މަސައްކަތް ފަށާފައިވާއިރު ބޮޑެތި ބަދަލު ތަކެއް މަގުގެ ޑިޒައިނަށް ވެސް ވަނީ އައިސްފައެވެ. އެގޮތުން، ހިގާ މީހުންނަށް ބޭނުންވާ ދުވާރާއި، މަގުގެ އަރިމަތީގައި ގަސް އިންދުމަށް ޚާއްސަ ސަރަހަދެއް ހުރެއެވެ. މިއީ ހުޅުމާލޭގެ މަގުތަކުގެ ޑިޒައިންގެ ނަކަލަކާއި ވައްތަރެވެ. ނަމަވެސް، މިދެންނެވި ގޮތަށް ޑިޒައިން ކުރެވިފައިވަނީ މަގުގެ އެއްފަޅިއެވެ. އަނެއްފަޅި ވަނީ ކުރިއެކޭ އެއްގޮތަށް ދޫކޮށްލެވިފައެވެ. ރަށުގެ ހޭޅިފަށުގައި ޖާގަނެތީކަމަށް ވެދާނެއެވެ. ދެވަނަ ތަފާތަކީ ކުރިން 9 މީޓަރަށް ތާރު އެޅުމަށް ރޭވިފައިވާ ސަރަހައްދު މިހާރު 7 މީޓަރަށް ހަނިވެގެން ދިއުމެވެ.

ތާރު އެޅުމަށް އަރިމަތީގައި ޖައްސާފައިހުރި ގާތައްވެސް މިހާރު ނެގުމަށްފަހު ބަދަލު ގެންދަމުންދާއިރު ބައެއް ފަރާތްތަކުން މިކަމާއިވެސް ހިތްހަމަނުޖެހުން ފާޅުކުރަމުން ދެއެވެ. މަގުގެ ފުޅާމިން 7 މީޓަރަށް ވިޔަސް ދެކޮޅަށް ދައްޗަކާއި ނުލާ އެއްފަހަރާ ވެހިކަލްތަކަށް ދަތުރު ކުރެވޭނެއެވެ.

ފުވައްމުލަކު ރައްޔިތުން ހިތްހަމައެއް ނުޖެހެއެވެ. އެހެނީ ފުވައްމުލަކަކީ ނިސްބަތުން ރާއްޖޭގެ ތިންވަނަ އާބާދީ އަށް ވެފައި އަދި ތިންވަނަ ސިޓީއަށް ވުމުގެ އިތުރުން ތަފާތު ޚިދުމަތްތައް ހޯދުމަށް ފުވައްމުލަކު ރައްޔިތުން ދިގު ދަތުރު ކުރަން ޖެހުމެވެ. ހޮސްޕިޓާ ރަށުގެ މެދުގައި ހުރި ނަމަވެސް 3 ކިލޯ މީޓަރަށް ވުރެ ދިގު ދަތުރެއް ކުރަންޖެހޭ ރައްޔިތުން ގިނައެވެ. މިއީ މާލެއިން ވިލިމާލެއަށް ދިއުމަށްވުރެ ދިގު ދަތުރެކެވެ.

އެހެންކަމުން، ރަށު އެތެރޭ މަގުތައް ހެދިގެން ދިއުމަކީވެސް މުހިންމު ކަމެކެވެ. އެއްމީދުގައި ވަނިކޮށް ފާއިތުވީ ހަފުތާ ނިމިގެންދިޔައީ ފުވައްމުލަކު ރަށުތެރެއިން 20 ކިލޯ މީޓަރުގެ މަގު ހެދިގެންދާނެ އުފާވެރި ޚަބަރާއިއެކުގައެވެ. އަދި މަސައްކަތް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ އުއްމީދީ ހުވަފެނާއި އެކުގައެވެ.

ފުވައްމުލަކަކީ ތިންވަނަ ސިޓީއެވެ. ފުވައްމުލަކާއި މެދު ވިސްނަންވާނީ ސިޓީއެއްގެ ދަރަޖާގައެވެ. ކޮންމެ ރަށެއް އަތޮޅެއްގެ ބީދައިންނެއް ނޫނެވެ. މަގުތަކަށް ވިޔަސްމެއެވެ. ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމާއި ސިޔާސީ ބައިވެރިވުން ކަަމަށްވި ނަމަވެސް މެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !