25 މެއި 2020 ( ހޯމަ )

banner

2017 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ގިނަ މީހުން ދިޔަ ގައުމުތައް، ރާއްޖެ އާއެކު.

މިއަދަކީ 1440 ވަނަ އަހަރުގެ ހައްޖު ދުވަސް

މިއަދަކީ 1440 ވަނަ އަހަރަގެ ހައްޖު ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުން މިދުވަސް ފާހަގަ ކުރަނީ، މުސްލިމުންގެ ތެރެއިން ކެރި ކުޅަދާނަވެގެންވާ މީހުން ހައްޖުގެ އަޅުކަމުގައި މަޝްއޫލުވެގެން އުޅޭ ދުވަހެއްގެ ގޮތުގައެވެ.

ހިޖުރީ ކަލަންޑަރުން ޒުލްހިއްޖާ މަހު 9 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް ހައްޖުވެރީންގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ބިމަށް އެންމެން އެއްވާ އެއްވާ ދުވަހެވެ. އެބިމުގައި ތިބެ ހައްޖުގެ އަޅުކަމުގެ ޚާއްސަ ދަރުސް އަޑުއަހައި އެދުވަހުގެ މެންދުރު ނަމާދު ޖަމާއަތުގައި ކުރުމެވެ.

ހައްޖާއި އުމްރާގެ އަޅުކަން ފެށެނީ އިހުރާމް ބަނުމަށްފަހު ކައުބާ ވަށައި ތަވާފު ކުރުމުންނެވެ. ކައުބާއަކީ 50 ފޫޓޫ އުސް ހަތަރެސްކަން ހަމަ ބިނާއެކެވެ. އެންމެ ފުރަތަމަ ކައުބާ ބިނާކުރެއްވީ އާދަމުގެފާނެވެ. އެއިގެ ފަހުން އިބްރާހިމްގެފާނެއެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިބެމެ މުސްލިމުން ނަމާދުކުރާއިރު ކުރިމަތިލާ ބިނާއެވެ. މިހާރު ކައުބާ ހުރީ މަސްޖިދުލް ހަރަމްގައެވެ.

އެއަށްފަހު ސަޢުޔު ކުރެއެވެ. ނުވަތަ ސަފާ ފަރުބަދައާއި އާއި މަރުވާ ފަރުބަދަ އާއި ދެމެދު ހިނގަނީއެވެ. އަސްލު ހައްޖުގެ އަޅުކަން ފެށނީ ހައްޖުމަހުގެ 8 ވަނަ ދުވަހު މިނާއަށް ދިއުމުންނެވެ. އެއިގެ ކުރީގައި އެކުރަނީ އުމްރާގެ އަޅުކަމެވެ. މިނާގައި ރޭގަނޑު (ހައްޖުމަހުގެ 8 ވަނަ ދުވަހުގެ ރޭ) ހޭދަކުރުމަށް ފަހު ދެން އޮންނަނީ އަރަފާތަށް ދިއުމެވެ.

އަރަފާތަކީ ފަރުބަދައެކެވެ. އަރަފާތަށް ދިއުން ނިސްބަތް ވަނީ އެފަރުބަދަ ހިމެނޭ ސަރަހައްދަށް ދިއުމެވެ. އަރަފާތް ދުވަހުގެ މެންދުރު ވަގުތުގައި ހައްޖުގެ ޚުތުބާ އިއްވުން އޮވެއެވެ. އަދި އެއިގެ ފަހުގައި ޖަމާއަތުގައި މެންދުރު ނަމާދާއި އަސުރު ނަމާދު ޖަމްއުކޮށް ގަސްރު ކުރެއެވެ. އެއަށްފަހު އިރު އޮސެންދެން ތިބެނީ އަރަފާތުގައެވެ.

މިއަދުގެ (9 ޒުލްހިއްޖާ) އިރު އޮއްސުމުން ހައްޖުވެރިން ދާނީ މުޒުދަލިފާއަށެވެ. އެއަށްފަހު މިނާއަށް ދާނެއެވެ. ދާ މަގުމަތީގައި ބޮޑު ޖަމްރާއަށް އުކަން 7 ހިލަކޮޅު ހޮވާނެއެވެ.

ހައްޖުވެރިން އަރަފާތުގައި

ހައްޖު މަހުގެ 10 ވަނަ ދުވަހަކީ ހައްޖުވެރީންނަށް ގުރުބާން ގެ ދުވަހެވެ. ނުވަތަ ކަތިލުމުގެ ދުވަހެވެ. އެކަމަކުވެސް ހައްޖުވެރިންނަށް މިދުވަހުގެ އެންމެ ޚާއްސަކަމަކީ މެންދުރުވުމުގެ ކުރިން ބޮޑު ޖަމްރާއަށް ހިލަ އުކުމެވެ. ގުރޫބާން ކުރުމުގެ ބައި އަންނަނީ އެއިގެ ފަހުންނެވެ. އެއައަށް ހަދުޔު ކަތިލުމޭ ވެސް ކިޔައެވެ. އެއިގެ ފަހުން ފިރިހެންނުން ބޯބޭލުން ނުވަތަ ބޯކޮށުން އަދި އަންހެނުން ބޮލުގެ އިސްތަށިން އިންޗިއެއްހާ މިންވަރު ކެނޑުން އޮވެއެވެ.

މި ދުވަހުގެ ގުރުބާނަކީ، ﷲގެ އަމުރުފުޅަށް އިސްމާޢީލުގެ ފާނު ގުރުބާން ކުރެއްވުމުގެ ބަދަލުގައި އިބްރާހިމްގެ ފާނުގެ ކަންބަޅި ބަކަރިއެއް ގުރުބާންކުރި ކުރެއްވުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ފަގީރުންނަށް ސަދަގާތް ކުރެވިގެން ދާ ދިއުމެކެވެ. ހައްޖުވެރިންގެ މި އަޅުކަމުގައި ބައިވެރިވުމުގެ ގޮތުން ހައްޖަށް ނުދާ މީހުން ވެސް އެމީހުންގެ ޢީދު ދުވަހު އުޟުހިއްޔާ ކަތިލުންތައް ބާއްވައެވެ. މިދުވަހަކީ އަޟުހާ ޢީދުގެފުރަތަމަ ދުވަހެވެ.

ހައްޖުމަހުގެ ދެން ޖެހިގެން އަންނަ އައްޔާމު ތަޝަރީގު 3 ދުވަހު ވެސް ޖަމްރާތަކަށް ހިލަ އުކުން އޮވެއެވެ. އެގޮތުން ކުޑަ ޖަމްރާއަށާއި މެދު ޖަމްރާ އަދި ބޮޑު ޖަމްރާއަށް ހިލަ އުކައެވެ. މިކަމަކީ ޝައިތާނާގެ އުނދަގުލުން ސަލާމަތް ވުމަށް ކުރެވޭ ކަމެކެވެ. މިކަން ރަމްޒުވަނީ އިބްރާހިމުގެ ފާނު ﷲގެ އަމަރުފުޅާއި އެއްގޮތަށް ކަންތައް ކުރައެއްވުމުން ދުރުކުރުމުގެ ގޮތުން ޝައިތާނާ ވަސްވާސް ދިނުމަށް ކުރި މަސައްކަތުން ދުރުކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކެވެ.

އެއިގެ ފަހުން ހައްޖުގެ ތަވާފު ކުރެއެވެ. އަދި ބައެއް މީހުން މިނާގައި ރޭކުރުމަށްފަހު އެނބުރި އައިސް ހައްޖުގެ ތަވާފު ކުރެއެވެ. ހައްޖުގެ އަޅުކަމުގެ ބައިތައް އަދާކޮށް ނިމުމުން ދެން އެންމެފަހުން ކުރަނީ ތަވާފުލް ވަދާޢު އެވެ. ނުވަތަ ނިމުމުގެ ތަވާފެވެ. އެއާއެކު ހައްޖުގެ އަޅުކަން ނިމެއެވެ.

ނޯޓް: މިއީ ދީނީ އިލްމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް ނޫނެވެ. ހަމައެކަނި ހައްޖުގެ އާއްމު މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެއި ގޯހެއް އޮތްނަމަ މިލިޔުމުގެ ކޮމެންޓް ގޮތުގައި އަންގާލަ ދިނުން އެދެމެވެ.

 

 ކިޔުންތެރިންގެ ޚިޔާލު