9 ޑިސެމްބަރ 2019 ( ހޯމަ )

އިންޑިއާގައި ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ…!؟

މީގެ 1400 އަހަރުކުރިން ސިންދު ކަރައިގެ ދެކުނުގެ (މިހާރުގެ ކެރެލާ) އަރަބި ކަނޑުގެ އައްސޭރިފަށުގައި ވެރިކަންކުރަމުން ދިޔަ ރަސްކަލަކަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި ފެންނަނީ ހަނދުދެފަޅިވެގެންދާތަނެއެވެ. މިހުވަފެން ފެނުމާއިއެކު އެރަސްގެފާނު ހާސްވެ ސަރަހައްދުގައިވާ އެންމެ މޮޅެތި ހުވަފެން ތައުބީރުކުރާ ފަރާތްތައް ގެނެސް އެހުވަފެނުގެ ތައުބީރެއް (މާނަ) ކިޔައިދިނުމަށް އެދުނެވެ. ހުވަފެން ތައުބީރުކުރާ ފަރާތްތަކުން އެކިއެކި ތައުބީރުތައް ހުށަހެޅި ނަމަވެސް ރަސްގެފާނު ހިތްޕުޅަށް ފިނިކަމެއް ގެނެސްދެވޭ ރަސްގެފާނަށް ގަބޫލުކުރެވޭ ތައުބީރެއް ނުގެނެވުނެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަނިކޮށް އަރަބި ވިޔަފާރިވެރިންތަކެއް އެސަރަހައްދަށް އައެވެ. އެފަރާތްތަކާއި މިހުވަފެން ރަސްގެފާނު ހިއްސާކުރުމުން އެފަރާތްތަކުން ޖަވާބުގައި ދެންނެވީ އެހުވަފެނުގައި ހިގިކަމަކީ ކީރިތި ރަސޫލުﷲ (ސއވ) ގެ މުއުޖިޒާތުން ކުރެއްވި ކަމެއްކަމަށެވެ. އެއާއިއެކު އެރަސްގެފާނުގެ ހިތްޕުޅުގައި އިސްލާމްދީނަށް ގަދަރެއްދެވި އެންމެފަހުން އިސްލާމްވެ އަރަބިކަރައަށް ދަތުރުފެއްޓެވިއެވެ. އެދަތުރުގައި އެރަސްގެފާނު އަރަބިކަރައަށް ދެވުނު ނަމަވެސް އަބުރާ އިންޑިއާއަށް ނާދެވި އަރަބިކަރާގައި ނިޔާވީއެވެ. ނަމަވެސް، އެރަސްގެފާނު ނިޔާވުމުގެ ކުރިން އެރަސްގެފާނުގެ ޝަހަރުގައި މިސްކިތެއް ބިނާކުރުމަށް ވަސިއްޔަތްކުރެއްވިއެވެ.

އެވަސިއްޔަތާއިއެކު އެކު އެރަސްގެފާނުގެ ޝަހަރުގައި މިސްކިތެއް ބިނާކުރެވުނެވެ. އެއީ ސިންދު ކަރައިގައި (އިންޑިއަން ސަބުކޮންޓިނެންޓް) ބިނާކުރެވުނު ފުރަތަމަ މިސްކިތެވެ. މިއީ ޗެރަމަންގެ ހުކުރު މިސްކިތާއި ގުޅޭގޮތުން ދޫދޫމަތިން ކިޔަމުންދާ ފުލޯކު ވާހަކައެކެވެ.

ޗެރަމަން ހުކުރު މިސްކިތް ހުންނަނީ، ދިވެހިންވެސް ގިނަ އަދަދަކަށް ދަތުރުކުރާ އިންޑިއާގެ ކޮޗިންގެ 29 ކިލޯމީޓަރު އުތުރުން މަލަބާރު އައްސޭރި ފަށުގެ ކޮޑުންގަލާ އަވަށުގައެވެ. އެއީ ކެރަލާގެ ތުރިއްސޫރު އަވަށުގެ ބައެކެވެ. އެމިސްކިތުގެ ބިންގަލުގައި ވާގޮތުން އެމިސްކިތް ބިނާކުރެވިފައިވަނީ މީލާދީ ސަނަތުން ގާތްގަޑަކަށް 429 ވަނަ އަހަރުގައެވެ. ހިޖުރީ ސަނަތުން ބަލާކަމުގައިވާނަމަ އެއީ ހިޖުރައިގެ 8 ވަނަ އަހަރެވެ. އެއީ މައްކާ ފަތަހަކުރެއްވުނު އަހަރެވެ. އެމިސްކިތުގެ ބިންގަލުގައި އެގޮތަށް ލިޔެވިފައި ވިޔަސް އެތާރީޚާއިމެދު އިންޑިއާގެ ބައެއް ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ދެކޮޅު ހައްދަވައެވެ. އިންޑިއާގެ ކެރެލާގެ ރަޖާން ކުރުގަލް ވިދާޅުވާގޮތުން އެމިސްކިތް ބިނާކުރެވިފައިވަނީ މީލާދީން 11 ނުވަތަ 12 ވަނަ ގަރުނުގައެވެ. އެމިސްކިތް ބަލަހައްޓާ ކޮމިޓީގެ ރައީސް މުހައްމަދު ސައީދު ވިދާޅުވަނީ އެމިސްކިތަކީ އިންޑިއާގައި ބިނާކުރެވުނު ފުރަތަމަ މިސްކިތްކަމަށެވެ.

ނަމަވެސް މިހާރު އެތަނުގައި ހުރި މިސްކިތަކީ ކުރިން ހުރި މިސްކިތް ސުންނާފަތުކުރުމުން އަލުން ބިނާކުރެވުނު މިސްކިތެއް ކަމަށްވެސް ތާރީޚް ދިރާސާކުރާ ބައެއް ފަރާތްތަކުން ހާމަކުރެއެވެ. މިހާރުގެ ޗެރަމަން ހުކުރު މިސްކިތް ހުރި ސަރަހައްދުގައި ދާރުލްއާސާރެއްވެސް ވަނީ ބިނާކޮށްފައެވެ. އަދި ޗެރަމަން މިސްކިތަށް އައިސްފައިވާ ބަދަލުތައް އެ ދާރުލްއާސާރުގައިވަނީ ދައްކާލާފައެވެ.

cheraman mosque first Indian mosque

ޗެރަމަން ހުކުރު މިސްކިތުގެ ފަހުގެ ފޮޓޯއެއް، ފޮޓޯ: ދަކަލްޗާ ޓްރިޕް.ކޮމް

 



ކިޔުންތެރިންގެ ޚިޔާލު