A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ދެ އިދާރާއަކުން ތައުލީމީ ފަންޑުން ނެގި ފައިސާ އަނބުރާ ދައްކާފައެއް ނުވޭ!

މިމަހު ނެރުނު މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ 2014 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓުން ނަގާފައި.

ފުވައްމުލަކުގެ ދެ އިދާރާއެއް ކަމަށްވާ ކުރީގެ މަދަރުސަތުލް ޖިހާދު (މިހާރުގެ ޒިކުރާ ސްކޫލް) އާއި ފައުންޑޭޝަން ސްކޫލް ހިންގި ފުވައްމުލަކު ޑިވެލޮޕްމެންޓް ފައުޑޭޝަނުން، އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ތައުލީމީ ފަންޑުން ނަގާފައިވާ ދެ ލޯނަށް ފައިސާ ދައްކާފައި ނުވާކަން 7 ސެޕްޓެމްބަރު 2016ގައި ނެރުނު މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ 2014 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓުން އެނގެއެއެވެ.

މަދަރުސަތުލް ޖިހާދުން ނަގާފައިވާ ލޯނު:350000 ރ. އެއްވެސް މިންވަރެއް ދައްކާފައެއް ނުވޭ. މިހާރު ދައްކަންޖެހޭ: 7 ލައްކަ ރުފިޔާ

މަދަރުސަތުލް ޖިހާދުން ނަގާފައިވާ 350000 (ތިންލައްކަ ފަންސާސް ހާސް) ރުފިޔާގެ ލޯނަށް އެއްވެސް ފައިސާއެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ. ލޯނުގެ އިންޓަރެސްޓާއެކު މިހާރު ގާތްގަޑަކަށް 700000 (ހަތް ލައްކަ) ރުފިޔާ އެ މަދަރުސާއިން ދައްކަންޖެހޭ ކަމަށް އޯޑިޓް ރިޕޯރޓުގައި ވެއެވެ. ނަމަވެސް މިހާރު އެއީ ވުޖޫދުގައި ނެތް މަދަރުސާއެކެވެ. މަދަރުސަތުލް ޖިހާދު ޒިކުރާ ސްކޫލަށް ބަދަލުވިއިރު ދަރަންޏަށް ޒިންމާ ވާންޖެހޭ ފަރާތަކީ ކޮބައިކަން ސާފެއް ނުވެއެވެ. މިހާރުގެ ވިލާކޮލެޖް ހިންގާ އިމާރާތަކީ ކުރިން މަދަރުސަތުލް ޖިހާދަށް ދޫކޮށްގެން އެފަރާތުން އިމާރާތްކޮށްފައިވާ ސްކޫލެކެވެ.

މަދަރުސަތުލް ޖިހާދު ހިންގީ ކުރީގެ ފުވައްމުލަކު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެންބަރު މުހަންމަދު ވަހީދު (ކެނެރީގޭ ވަހީދު) އެވެ. އަދި އޭނާއަކީ ޒިކުރާ ސްކޫލާއި ޒިކުރާ ކޮލެޖުގެ ވެސް އިސް ފަރާތެއްކަމަށް މިކަލް ނޫހަށް ވަނީ އެނގިފައެވެ.

ފުވައްމުލަކު ޑިވެލޮޕްމެންޓް ފައުންޑޭޝަނުން ނަގާފައިވާ ލޯނު: 300000 ރ. ދައްކާފައި ވަނީ  145000 ރ. މިހާރު ދައްކަންޖެހޭ: 339000 ރ.

ފުވައްމުލަކު ޑިވެލޮޕްމެންޓް ފައުންޑޭޝަނުން ލޯނަށް ނަގާފައިވާ 300000 (ތިން ލައްކަ) ރުފިޔާގެ ތެރެއިން 145000 (އެއްލައްކަ ސާޅީސް ފަސްހާސް) ރުފިޔާ 2002ގައި ވަނީ އަނބުރާ ދައްކާފައެވެ. ނަމަވެސް ބާކީ ބައި އަދާކޮށްފައެއް ނުވެއެވެ. ވުމާއެކު ލޯނު އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ބަޔާއެކު މިހާރު ދައްކަންޖޭހޭ އަދަދަކީ 339000 (ތިންލައްކަ ތިރީސް ނުވަހާސް) ރުފިޔާއެވެ. މިއީ 1990 ގެ އަހަރުތަކުގައި ފުވައްމުލަކުގައި ނުފޫޒު ގަދަ، ދަޑިމަގު އަވަށަށް ނިސްބަތްވާ މުހަންމަދު ފަހުމީ ހަސަން އިސްކޮށް ހުންނަވައިގެން އުފެއްދި ޖަމްއިއްޔާއެއް ކަމަށް ވެއެވެ.

މިޖަމްއިއްޔާއިން ފުވައްމުލަކުގައި “ފައުންޑޭޝަން ސްކޫލުގެ” ނަމުގައި ޕްރީސްކޫލެއް ހިންގިއެވެ. މާ އެދެވޭ ގޮތަށް ކުރިޔަށް ނުގެންދެވުނު ކަމުގައި ވިޔަސް ދުވަސްގަނޑެއް ވަންދެން އެސްކޫލް ހިންގުމަށް ފަހު އުވާލަން ޖެހުނީ މިއަހަރު އެޑިއުކޭޝަން މިނިސްޓްރީން ފުވައްމުލަކުގެ ޕްރީސްކޫލްތަކުގެ ބޮޑު ބައެއް (އެލްކޭޖީ އަދި ޔޫކޭޖީ) ޕްރައިމަރީ ސްކޫލްތަކަށް ބަދަލު ކުރުމުންނެވެ. ފުވައްމުލަކު ޑިވެލޮޕްމެންޓް ފައުންޑޭޝަނަކީ، މައުލޫމާތު ލިބިފައިވާ ގޮތުން އެހެން ކަންތައްތަކުގައި ހަރަކާތްތެރިވި ޖަމްއިއްޔައެއް ނޫނެވެ. އަދި މިހާރު އެޖަމްއިއްޔާ އިން އެއްވެސް ހަރަކަތެއް ހިންގާކަން އެގޭކަށް ނެތެވެ.

ފައުންޑޭޝަން ސްކޫލަށް ދިގުވާނޑު ދޮންމުހަންމަދު ކަލޭގެފަންނު މަގުން ބޮޑު ސަރަހައްދެއް ދޫކޮށްފައި ވެއެވެ. އަދި އެތަނުގައި އިމާރާތްކޮށް ސްކޫލް ހިންގާފައިވެއެވެ.

މަދަރުސަތުލް ޖިހާދު

މަދަރުސަތުލް ޖިހާދަކީ ފުވައްމުލަކުގައި އެންމެ ފުރަތަމަ ފެށި ޕްރީ ސްކޫލެވެ. އަދި އެމަދަރުސާއަކީ ފުވައްމުލަކުގައި މިހާތަނަށް އަމިއްލަ މީހަކު ހިންގި ހަމައެކަނި ސެކަންޑްރީ ސްކޫލެވެ. ސެކަންޑްރީ ސްކޫލް ހިންގާފައި ވަނީ ދެތިން އަހަރުއެވެ. ނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ނަން ދިނުމުގައި ގެންގުޅޭ އުސޫލަށް ގެނައި ބަދަލަކާއި ގުޅިގެން އެސްކޫލުގެ ނަން ވަނީ “ޒިކުރާ ސްކޫލް”ގެ ނަމަށް ބަދަލުކޮށް ފައެވެ. މިހާރު އެ ސްކޫލުގައި ޕްރީސްކޫލް ބަޔަކާއި މަތީތައުލީމު ދޭ ކޮލެޖް ބަޔަކާއިއެކު ވަނީ ފުޅާވެފައެވެ.

މަދަރުސަތުލް ޖިހާދުގެ ފެށުން އައިސްފައި ވަނީ ޖަމްއިއްޔަތުލް ޖިހާދުގެ ނަމުން ފެށުނު އިޖުތިމާއީ ޖަމްއިއްޔާ އަކުންނެވެ. އެޖަމްއިއްޔާގެ ހަރަކާތްތައް ބޮޑަށް ހިންގާފައިވަނީ ރަށުގެ މެދު ހިސާބުގައެވެ. މާދަޑާއި މިސްކިތްމަގު އަދި މާލެގަން ސަރަހައްދުގައެވެ. ނަމަވެސް ފުނާޑާއި ދޫނޑިގަން އަދި ހޯދަޑުގައި ވެސް ކޮންމެވެސް ވަރަކަށް އެޖަމްއިއްޔާގެ ހަރަކާތްތައ ހިންގާފައިވެއެވެ. އެޖަމްއިއްޔާގެ އިސް އެއް މުއައްސިސަކީ ވެސް މުހަންމަދު ވަހީދު (ކެނެރީގެ ވަހީދު) އެވެ. އޭނާ އަންނަނީ އޭރުއްސުރެން މިހާތަނަށް ވެސް ސްކޫލް ހިންގުމުގައި ހަރަކާތްތެރި ވަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !