18 އޮކްޓޫބަރ 2017 (ބުދަ)


ގޮޑުދޮށަށް ލެއްގި ހިލަ ހޮވުމުން ތިމާވެއްޓަށް ވާނީ ގެއްލުން ބާ؟

މުހައްމަދު ޝިހާބް
ފުވައްމުލަކު ގޮޑުދޮށުން ހިލަ ހޮވަނީ. މިގޮތް ރަނގަޅު ބާ؟ ފޮޓޯ:ޝައްމު ފބ

ފުވައްމުލަކު ގޮޑުދޮށުން ހިލަ ހޮވަނީ. މިގޮތް ރަނގަޅު ބާ؟ ފޮޓޯ:ޝައްމު ފބ

ފުވައްމުލަކު ފަރަށް އުކާލި ހިލަތައް، ރަށުގެ ގޮޑުދޮށަށް ލައްގަން ފެށިތާ ދުވަސްކޮޅެއް ފަހުން، އެހިލަތައް ހޮވަން ފަށައިފިއެވެ. އެމްވީ އެންޖީއޯސީ ސަން އިން އުކާލި 5700 ޓަނުގެ ހިލައިގެ ތެރެއިން ހޮވަން ޖެހެނީ ހަމައެކަނި ގޮޑުދޮށަށް ލައްގާ ހިލަތައް ކަމަށް އެމަސައްކަތް ކުރާ ފަހި ބިޒް ކުންފުނީން ހާމަކުރެއެވެ.

މިދިޔަ އަންގާރަ ދުވަހު ހިލަތައް ހޮވަން ފެށި މަސައްކަތުގައި 30 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މަސައްކަތައް ކުރިޔަށް ގެންދާ ގޮތް ބެލުމަށް ސްވިޒަރލޭންޑްގެ ކޮންސަލްޓެންޓަކާއި ރަށުގެ ކޮންސަލްޓެންޓަކު މަސައްކަތުގެ ސައިޓްގައި ހުރެގެން އިރުޝާދު ދެމުން ދާކަމަށް ފަހި ބިޒްގެ އެއް ހިއްސާދާރު އަލީ މުޙައްމަދު (ވާދޫގެ އަލިބޭބޭ)، މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވިއެވެ.

ފަހި ބިޒް ޕވޓ ލޓޑ އަކީ މި މަސައްކަތަށް، ބޯޓުގެ ވެރިފަރާތުން އައްޔަން ކުރި ފަރާތެވެ. އެ މަސައްކަތް ކުރިޔަށް ދަނީ 4 ފޫޓު 4 ފޫޓުގެ ތަބަތްތަކެެއް ގޮތަށް ފްލައިވުޑް އިން ހަދާފައިވާ ސްޓޭންޑްތަކެއްގެ މައްޗަށް އަކިރިއާއި ހިލަތައް އަޅައި، 'ދޮލަނގަށް ހަނޑޫ އަޅައި ކަޅު ފުށްތައް ހޮވާ އުސޫލުން' ނާއި ވަކިވަކިން ހޮވައިގެން ކަމަށް އަލީ މުޙައްމަދު މައުލޫމާތު ދެއްވި އެވެ. އަދި އެގޮތަށް އެއްކުރެވޭ ހިލަތައް ބަސްތާތަކަށް އަޅަނީ ކަމަށެވެ.

މިގޮތުން އެއްކުރެވޭ ހިލަތަކަކީ ފަހިބިޒަށް ލިބިގެންދާ އެއްޗެއް ކަމަށާއި އަދި އެހިތަލައް ވިއްކާލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވެސް އަލީ މުހައްމަދު ހާމަކުރެއްވިއެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ހިލަތައް ހޮވުމުގައި ފަކީރާ ޖަހާ ގޮނޑުދޮށް ކޮނެގެން ވެސް ހިލަތައް އަންނަނީ ހޮވަމުންނެވެ. މިގޮތަށް ގޮނޑުދޮށް ކޮނެ، އަކރިއާއި ވެލިތައް އެފުށް މިފުށަށް ޖެހަމުން އެހިލަތައް ހޮވުމަށްވުރެ އެހިލަތައް އެތަނުގައި ބެހެއްޓިއަސް ރަށުގެ ގޮޑުދޮށަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މިގޮތަށް ރަށުގެ ގޮޑުދޮށުން ހިލަތައް ނެގުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ އަލީ މުހައްމަދު ވެސް ސުވާލު އުފެއްދެވިއެވެ. ގޮޑުދޮށުގައި ހުންނަ އަކިރިއާއި ދޮންވެލި އެފުށް މިފުށަށް ޖަހައިގެން ވެސް ލައްގާ ހުރިހާ ހިލަތަކެއް ނަގަން ޖެހޭތީ އެކަމުން ތިމާވެށްޓަށް ކުރާނެ އަސަރަކާއި މެދު އުފެދޭ ސުވާލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީޕީއޭގެ އިސްފަރާތަކުން ހާމަކުރީ ހިލަތައް ހޮވަން ގޮޑުދޮށް ކޮނެގެން ނުވާނެ ކަމަށެވެ. 

ފާއިތުވި ހަފުތާގައި ސެންޗޫރިއަމް ޓްރެވެލް ސޮލިއުޝަނުން މީޑިއާގައި ހާމަކޮށްފައިވާ ގޮތަށް، ލެއްގި ހިލަތައް ހޮވުމުގައި ފުވައްމުލަކުގެ ކައުންސިލްތަކުން އެއްވެސް ލަފައެއް ހޯދާފައި ނުވާކަމަށާއި އަދި ހޯދަން ނުވެސް ޖެހޭކަމަށް އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފު ވިދާޅުވިއެވެ. މިކަމުގައި ލަފާ ހޯދަން ޖެހެނީ އީޕީއޭ (އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ) އިން ކަމަށް ފަލާޙު ވިދާޅުވިއެވެ.

ދެން މިކަމުގައި ލަފާ ހޯދާކަމަށް ބޯޓުގެ ލޯކަލް އޭޖެންޓް ހާމަކުރި އައިޓޮޕްފް (އިންޓަރނޭޝަނަލް ޓޭންކަރ އޮވްނަރސް ޕޮލިއުޝަން ފެޑެރޭޝަން) އާއި މިކަލް ނޫހުން ކުރި ސުވާލުތަކަށް ވަރަށް އަވަހަށް ޖަވާބެއް ދޭނެކަމަށް، ލަންޑަނުގައި ގާއިމުވެފައިވާ އެޖަމާއަތުން ހާމަކުރެއެވެ.

"ފަރަށް އަޅާލި ހިލަތައް ނަގަން ޖެހެނީ މިހާރަކު ނޫން. އެ ހިލަތައް ނަގަން ޖެހެނީ ފަރުން. މިހާރު ގޮޑުދޮށުގައި އެހުރި ގޮތަށް ހިލަތައް ހުއްޓަސް ރަށުގެ މާހައުލަށް ގެއްލުމެއް ލިބޭނެކަމަށް ނުބެލެވޭ. އަދި ގޮޑުދޮށަށް ވެސް ގެއްލުމެއް ނުލިބޭނެ. ނަމަވެސް ހިލަތައް އަޅާލުމުން ފަރަށް ގެއްލުން ތަކެއް ލިބިފައި ވަނީ. މިހާރު މިހަދާ ގޮތުން ރަށުގެ ފަރަށް ވެސް ގެއްލުން ވީ އަދި ރަށުގެ ގޮޑުދޮށަށް ވެސް ގެއްލުން ލިބެނީ. ހުރިހާ ގެއްލުމެއް ރަށަށް. ފައިސާ ކޮޅު ސަރުކާރަށް!" މިހާރު ގޮޑުދޮށުގައި ހުރި ހިލަތައް ނެގުމާއި ދެކޮޅަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގެ ޒުވާނަކު ހާމަކުރިއެވެ.

ތަފާތު އެކި ގޮތްގޮތުން މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ހިލަތައް ފަރަށް އަޅާލަން އީޕީއޭއިން ހުއްދަ ދިނީ ބޯޓު ފުން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ބޯޓު ލުއި ކޮށްގެން ކަމަށް ވާތީއާއި ބޯޓު އެތަނުގައި ހުރެއްޖެ ނަމަ ފަރަށް އިތުރަށް ލިބޭނެ ގެއްލުން، ހިލަތައް ފަރަށް އަޅާފައި ބޯޓު އެތަނުން ނެގުމުން ލިބެނެ ގެއްލުމަށްވުރެ ކުޑަވާނެތީ ކަމަށް ވެއެވެ. ނަމަވެސް އީޕީއޭއިން ބޯޓުގެ ވެރިފަރާތާއި ދެމެދު އެއްބަސް ވެ ޝަރުތު ކުރެވިފައި އޮތީ މޫދަށް އަޅާލާ ހުރިހާ ހިލަތަކެއް ނަގާ ގޮތަށެވެ. ނަމަވެސް އެނަގަން ޖެހެނީ ލެއްގުމުންނެއް ނޫނެވެ. ފަރުންނެވެ.

އެހެން ނަމަވެސް ބޯޓުގެ ވެރިފަރާތުން އެކަން އެގޮތަށް ނުކޮށް ގިނަ ދުވަސްވެ ހިލަތައް ލައްގަން ފެށީއެވެ. އަދި އީޕީއޭއިން ކުރި މަސައްކަތުން އެންމެ ފަހުން ހިލަަތައް ނަގަން އެމީހުންނަށް މަޖުބޫރުވެގެން ނެގުމުގެ މަސައްކަތް ފެށީއެވެ.

ކަންތައްތައް މިހެން ހުރިނަމަވެސް މިކަމުން ފުވައްމުލަކަށް ވަނީ ފައިދާ ތޯ ގެއްލުންތޯ ވިސްނާލަން އެބަޖެހެއެވެ. މިހާރު މިކުރެވޭ ކަންތައްތަކުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ނުވަތަ ފަރާއި ގޮޑުދޮށަށް ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނައި މިކަމުގައި އަޑު އުފުލަން އެބަޖެހެއެވެ. މިހިލަތައް ގޮޑުދޮށުން ނަގައިގެންތޯ ފައިދާ ކުރާނީ ނުވަތަ ބަހައްޓައިގެން ބާއެވެ؟ ނުވަތަ ލައްގާ ހިލަތައް ބަހައްޓާފައި ފަރުގައި ހުރި ހިލަތައް ނަގައިގެން ބާއެވެ؟ މިކަމުގައި ކިޔުންތެރިންގެ ޚިޔާލަކީ ކޮބާ ބާވައެވެ؟ ތިބާގެ ޚިޔާލު ހިއްސާ ކުރައްވާ! ތިމާވެށީގެ ޒިންމާއަކީ އެންމެންގެ ވެސް ޒިންމާއެކެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!