13 ޑިސެމްބަރ 2017 (ބުދަ)


މިރޭގެ ބައްޔާއެކު ނިއުޒިލޭންޑް މުބާރާތުން ކަޓައިފި

މިރޭގެ މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށް ދިން މެކްސިކޯގެ (ޖ.19) ޕެރަލްޓާ ނިއުޒީލޭންޑު ކޮޅަށް ގޯލަުޖަހާފައި އުފާ ފާޅުކުރަނީ. ފޮޓޯ. ފީފާ

މިރޭގެ މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށް ދިން މެކްސިކޯގެ (ޖ.19) ޕެރަލްޓާ ނިއުޒީލޭންޑު ކޮޅަށް ގޯލަުޖަހާފައި އުފާ ފާޅުކުރަނީ. ފޮޓޯ. ފީފާ

ފީފާ ކޮންފެޑެރޭޝަން ކަޕްގައި މިރޭ  ނިއުޒީލޭންޑާއި މެކްސިކޯ ބައްދަލުކުރި ގްރޫޕް އޭ ގެ މެޗު 2-1 ން މެކްސިކޯ އަތުން ބަލިވި ނިއުޒީލޭންޑު މުބާރާތުން ކަޓައިފިއެވެ. މިރޭގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ވަނީ މުބާރާތް ބޭއްވޭ ރަޝިއާ އަތުން ހަނިގޮތަކަށް 1-0 ން މޮޅުވެފައެވެ.

މުބާރާތުގައި ކުރިޔަށް އެއްމެޗު އޮއްވައި ނިއުޒީލޭންޑް ކެޓީ ގްރޫޕް ސްޓޭޖުގެ 2 މެޗުން ބަލިވުމުން ކުރިޔަށް އޮތް ޕޯޗުގަލް މެޗުން މޮޅުވިޔަސް ގްރޫޕުގެ 2 ވަނައަށް ވާދަ ނުކުރެވޭނެތީ އެވެ. މިރޭ 11:00 ގައި ސޮޗީގެ ފިޝްޓް ސްޓޭޑިއަމްގައި ފެށި މެޗުގެ ފުރަތަމަ ހާފުގައި ނިއުޒީލެންޑުގެ ކެޕްޓަން ވުޑް (ޖ.9) ޖަހައި ދިން ގޯލަކުން ކުރި ހޯދިއެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ މެކްސިކޯގެ ޔިމެނޭޒް (ޖ.9) ގެ ގޯލަކުން ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި އެއިގެ ފަހުން މެކްސިކޯގެ ޕެރަލްޓާ (ޖ.19) ޖަހައިދިން ގޯލަކުން ކުރިހޯދައި މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު ބޮޑުކުރިއެވެ.

ނިއުޒީލޭންޑަ މެޗު އެއްވަރު ކުރަން ލިބުނު ރީތި ފުރުސަތުގައި ކެޕްޓަން ވުޑު ފޮނުވާލި ބޯޅަ ގޯލުގެ ކަނާތްފަރާތު 'އެލްބޯ' ގައި ޖެހިފައި ނިކުތީއެވެ. މެޗުގެ އިތުރު ވަގުތުގައި ނިއުޒީލޭންޑުން އުފައްދަން އުޅުނު ހަމަލާއެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގާ ގެމްބިއާގެ ރެފްރީ އަތުން މެޗުގެ ކޮންޓްރޯލް ގެއްލުނެވެ. އަދި ކުޅުންތެރިން ފައުލްކޮށް ބޮނޑިވެ ގަޔަށް އަތްލާ ހެދިއެވެ.

ނަމަވެސް ރެފުރީ، ބަކަރީ ގައްސަމާ ބަދަލު ރެފުރީގެ ސްޓޭންޑަށް ގޮސް އަމިއްލައަށް ވީޑިއޯ ބަލައިގެން ވެސް ހާދިސާ ނޭގުނުކަން ފާހަގަ ވިއެވެ. އެ ހާދަސާއަށް ފަހު އޭނާ ފުރަތަމަ ދެއްކީ އެންމެ ރީނދޫ ކާޑެކެވެ. އެއީވެސް ކަމާއި އެހާ ބޮޑަށް ގުޅުން ހުރި ކުޅުންތެރިއެއް ކަމަށް ވީޑިއޯއަކުން ނުފެނެއެވެ. އަދި ފަހުން ވީޑިއޯ އެސިސްޓެންޓް ރެފުރިންގެ އެހީއާއެކު އިތުރު 3 ރީނދޫކާޑު ދެއްކިއެވެ. މާހިރުން ބުނާ ގޮތުގައި އެހާދިސާގައި މަދުވެގެން 3 ރަތްކާޑު ދައްކަން ޖެހެއެވެ.

މިހާދިސާ ފީފާގެ ޑިސިޕްލިނަރީ ކޮމެޓީން ބަލާނެކަމަށް ބެލެވެއެވެ.

ރަޝިއާ އާއި ޕޯޗުގަލްގެ މެޗު

މިފޭ ކުޅެވުނު ފުރަތަމަ މެޗުގައި ވާރަށް ވަދަވެރި ކުޅުމަކަށް ފަހު މެޗު 1-0ން ކާމިޔާބު ކުރީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އެވެ. މެޗުގެ 8 ވަނަ މިނިޓުގައި ރޮނަލްޑޯ މި މުބާރާތުގައި ޖެހި 3 ވަނ ގޯލާއެކު މެޗުގެ ލީޑު ލިބުނެވެ. ދާދި އެއްހަމައެގައި ކުޅެވުނު މިމެޗުން މޮޅު ވުމުން ޕޯޗުގަލް އަށް އެއް މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވުމުން 4 ޕޮއިންޓު ލިބި ގްރޫޕުގެ ދެވަނަ ލިބެނީ ޖެހި ގޯލުން މެކްސިކޯއަށް ވުރެ އެއްގޯލު މަދުވުމުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ރޮނަލްޑޯއެވެ.

މިގުރޫޕުގައި ކުރިއަށް ޕޯޗުގަލް އަށް އޮތީ މުބާާތުން ކަޓާފައިވާ ނިއުޒީލޭންޑްގެ ޕްރެޝަރު ކުޑަ މެޗެކެވެ. އެމެޗުން މޮޅުވުން ގްރޫޕުގެ އެއްވަން ހޯދަން މުހިންމެވެ. މެކްސިކޯއާއި ރަޝިއާގެ މެޗަކީ ގްރޫޕުގެ ކޮލިފިކޭޝަނުން އެއް ޓީމު ކަނޑައޅާނެ ޕްރެޝަރު ބޮޑު މެޗަކަށް ވާނެކަމަށް ބެލެވެއެވެ. މި ދެ މެޗު ވެސް ކުޅެވޭނީ އެއް ގަޑިއެއްގައެވެ.

މާދަމާރޭ ކުޅެވެނީ ގްރޫޕް ބީގެ ދެމެޗެވެ.

20:00 ގައި ކެމެރޫން އައި އޮސްޓްރޭލިއާ ގެ މެޗު

23:00 ގައި ޖަރުމަނާއި ޗިލީގެ މެޗު

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!