22 ސެޕްޓެމްބަރ 2017 (ހުކުރު)


ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަން ކަން ޖަރުމަނަށް

ކޮންފެޑެރޭޝަން ކަޕު ކާމިޔާބު ކުރުމާއެކު ހުރިހާ ބޮޑެތި މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީއެވެ. ފޮޓޯ ފީފާ

ކޮންފެޑެރޭޝަން ކަޕު ކާމިޔާބު ކުރުމާއެކު ހުރިހާ ބޮޑެތި މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީއެވެ. ފޮޓޯ ފީފާ

މިރޭ ރަޝިއާގެ ސެއިންޓް ޕީޓަރސްބާރގް ގައި ކުޅެވުނު ކޮންފެޑެރޭޝަން ކަޕުގެ ފައިނަލް މެޗު ހަނި ގޮތަކަށް ވޯލްޑް ޗެމްޕިއަން ޖަރުންމަނުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފައިނަލުގައި ޗިލީ ބަލިވީ ޑިފެންޑަރަށް ހެދުނު ގޯހަކުން މެޗުގެ 20 ވަނަ މިނިޓުގައި ޖަރުމަނުން ޖެހި ހަމަ އެކަނި ގޯލުންނެވެ. މުބާރާތުގެ 3 ވަނަ ލިބުނީ ޕޯޗުގަލް އަށެވެ.

ފައިނަލް މެޗު ފެށިގެން ޗިލީގެ ކުޅުން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ދީ މުޅި މެޗުގެ %61 އެމީހުންގެ ކޮންޓްރޯލް ދަށުގައި ބޯޅަ ގެންގުޅުނެވެ. އަދި ޖަރުމަނުގެ ގޯލަށް 20 ހަމަލާ ދިން އިރު ޖަރުމަނުން ޗިލީގެ ގޯލަށް ދެވިފައި ވަނީ 8 ހަމަލާއެވެ.

ޖަރުމަނުގެ ގޯލު ކާމިޔާބު ކުރެވުނީ ކައުންޓަރ އެޓޭކެއްގައި، ޗިލީގެ ޑިފެންޑަރަށް ޕެނަލްޓީއޭރިޔާ ކުރިމަތިން ހުހަށް ހުރި ޖަރުމަނުގެ ފޯވަރޑް ވާރނާރ އަށް ބޯޅަ ޕާސް ކޮށްލެވުމުން އޭނާ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ހުހަށް ހުރި ޓީމުގެ ސްޓިންޑްލްއަށް ދިން ބޯޅަ އޭނާ ހަމަޖެހިލާފައި ހުހަށްހުރި ގޯލަށް ވައްދާލައިގެންނެވެ.

ފަހު ހާފުގައިވެސް ޗިލީއިން މޮޅު ކުޅުމެއްދައްކައި ގިނަ ހަމަލާތަކެއް ޖަރުމަނުގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި މެޗު ނިންމާލަން ޖެހުނީއެވެ.

މިރޭ އިރާކޮޅު ކުޅެވުނު މުބާރާތުގެ 3 ވަނަ ހޮވާ މެޗުގެ 2-1 ން މެކްސިކޯގެ މައްޗަށް ކުރި ހޯދައި ޕޯޗުގަލް އިން ވަނީ ބްރޯންޒް މެޑެލް ހޯދާފައެވެ. މި މެޗުގެ 3 ގޯލުވެސް ޖެހީ ޕޯޗުގަލްގެ ކުޅުންތެރިންނެވެ. މެޗުގެ ކުރީ ކޮޅު ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީ މެކްސިކޯގެ ކީޕަރު ދިފާޢުކުރިއެވެ. އެއިގެ ފަހުން ޕޯޗުގަލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ގޯލެއް ވަދެ 1-0 ން ފަހަތުގައި ވެސް އޮތެވެ. ނަމަވެސް ރޮނަލްޑޯއާއި ނުލައި ކުޅުނު ޕޯޗުގަލް ޓީމުން ފަހު ހާފުގެ އިތުރު ވަގުގުތަގއި ގޯލެއްޖަހައި މެޗު އިތުރުވަގުތަށް ގެންދިޔައެވެ. އަދި އިތުރު ވަގުތުގައި ގޯލެއް ޖަހައި ކުރި ހޯދިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެކްސިކޯގެ ގޯލްކީޕަރ އޮޗޯއާއެވެ.

މިރޭގެ ފައިނަލް މެޗަކީ ޖަރުމަން ޓީމަށް ވަރަށް މުހިންމު މެޗެކެވެ. އެހެނީ ދުނިޔޭގެ ބޮޑު މުބާރާތް ތަކުން އެޓީމަށް މިހާތަނަށް ކާމިޔާބުނުކުރެވި އޮތް ހަމައެކަނި މުބާރާތަށް މިމުބާރާތް ވެފައި އޮތުމެވެ. އަދި ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮވެ ކޮންފެޑެރޭޝަން ކަޕު މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ ހަމައެކަނި ބްރެޒިލަށެވެ. މިޝަރަފު ވެސް ޖަރުމަނަށް ހާސިލުކުރެވުނީއެވެ. ޚާއްސަކޮށް ފާހަގަ ކުރެވިގެން ދިޔައީ ޖަރުމަނުގެ މުޅިން އާ ޒުވާން ޓީމެއް މުބާރާތަށް ނިކުމެ މުބާރާތް ކާމިޔާބުކުރުމެވެ.

މިރޭ މުބާރާތް ނިމުމުން މުބާރާތުގެ ވަނަ ތަކަށް އިނާމު ދިނުން އޮތެވެ. މިރަސްމިއްޔާތުގައި މަޝްހޫރު ފުޓުބޯޅަ ތަރިންކަމަށްވާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އާއި ބްރެޒިލްގެ ރޮނަލްޑޯ ބައިވެރިވިއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޗިލީގެ ކެޕްޓަން އަދި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯއެވެ. އޭނާ ވަނީ ޗިލީ ފައިނަލަށް ގެންގޮސް ދިނުމުގައި މޮޅު ކުޅުމެއް ދައްކައި ޕޯޗުގަލް ގެ 3 ޕެނަލްޓީ މަތަކޮށްފައެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ޓިމޯ ވާރނާރ (ޖ.11) 3 ގޯލުޖަހައި، ގިނަ ގޯލު ޖެހުމުގައި އެހީތެރިވެފައި ވުމުންނެވެ. ދެވަނަ 3 ގޯލު ޖަހައިގެން ޖަރުމަނުގެ ގޮރެޒްކާއަދި 3 ވަނަ 3 ގޯލު ޖަހައިގެން ޖަރުމަނުގެ ސްޓިންޑްލްއަށްވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ޒުވާން ކެޕްޓަން ޖޫލިއަން ޑްރެކްސްލަރ (ޖ.7) އެވެ. 2 ވަނަ ޗިލިގެ އެލެކްސް ސަންޗޭޒް އަދި 3 ވަނަ ޖަރުމަނުގެ ލިއޮން ގޮރެޒްކާ އެވެ.

ފެއަރޕްލޭޓީމަކީ ވެސް ޖަރުމަނު ޓީމެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!