16 ޖުލައި 2018 (ހޯމަ)


ވޮލީބޯލް އެސޯސިއޭޝަން ކަޕް، އަންހެން ޑިވިޜަނުގެ ސެމީގެ ޖާގަ 3 ޓީމުން ކަށަވަރުކޮށްފި

ފްރެންޑްސް ކްލަބް ފުނާޑާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެތެރެއިން - މުބާރާތް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވޭ. ފޮޓޯ ވީއޭއެމް

ފްރެންޑްސް ކްލަބް ފުނާޑާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެތެރެއިން - މުބާރާތް ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވޭ. ފޮޓޯ ވީއޭއެމް

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޜަނުގެ ސެމީ ފައިނަލުގެ ޖާގަ 3 ޓީމަކުން ކަށަވަރުކޮށްފިއެވެ. ސެމީ ފައިނަލުގެ ފަހުޖާގަ އަށް މިރޭ ކުޅޭވޭ ދަ ފޭދޫ ސްޕޯރޓްސް ޓީމާއި ވިލިނިގިލީ ޒުވާނުންގެ ޖަމްއިއްޔާގެ މެޗުން ޓީމެއް ކަނޑައެޅިގެން ދާނެއެވެ.

މުބާރާތުގެ ޕޫލް ރައުންޑްގެ ފަހުމެޗާއި ހަމަޔަށް އައިއިރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުން ވަނީ 16 ޕޮއިންޓާއިއެކު ތާވަލުގެ 1 ވަނާގައެވެ. ދެވަނާގައި އޮތީ ފާއިތުވި މުބާރާތުގެ ޗެމްޕިއަން ޕޮލިސް ކްލަބެވެ. ޕޮލިސް ކްލަބަށް 5 މެޗުކުޅެ އެއްމެޗުން ބަލިވި އިރު 12 ޕޮއިންޓް ލިބިފައި ވެއެވެ. ތާވަލްގެ 3 ވަނާގައި އޮތީ ފުވައްމުލަކުން ބައިވެރިވި ދެޓީމުގެ ތެރެއިން  ފުރެންޑްސް ކްލަބު ފުނާޑުގެ ޓީމެވެ. އެޓީމަށް ލިބިފަިއވަނީ 9 ޕޮއިންޓެވެ.

މިރޭ ކުޅެވޭ ވިލިނގިލި ޒ.ޖ. އަދި ދަ ފޭދޫ ސްޕޯރޓްސް ގެ މެޗުގެ ފޯރި ގަދަވަނީ ދެޓީމަށް ވެސް ސެމީ ފައިނަލުގެ ފަހު ޖާގަ ލިބުމުގެ ފުރުސަތު އޮތުމުންނެވެ. އެގޮތުން މިހާތަނަށް ކުޅެވުނު 4 މެޗުން އެއްމެޗު ޓައިބްރޭކަށް ގޮސް ބަލިވެފައިވުމުން ވިލިނގިލީ ޒ.ޖ. ގެ ޓީމަށް ލިބިފައި ވަނީ 1 ޕޮއިންޓެވެ. އެކަމަކު ދަ ފޭދޫ ސްޕޯރޓްސް އަށް އެއްމެޗުން މޮޅުވެ 3 ޕޮއިންޓް ލިބިފައި ވެއެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗުން ވިލިނިގިލީ ޓީމަށް ފުރުސަތު އޮތީ ހަމައެކަނި އިދިކޮޅު ޓީމު 3-0 ން ނުވަތަ 3-1 ން ބަލިކޮށްގެން އެކަންޏެވެ. އޭރުން ވިލިނިގިލީ ޒ.ޖގެ ޓީމަށް 4 ޕޮއިންޓް ލިބި ދަ ފޭދޫ ޓީމު 3 ޕޮއިންޓްގައި އޮތުމުން 1 ޕޮއިންޓުގެ ކުރިއެރުމަކާއެކު އެވެ. 

ނަމަވެސް ދަ ފޭދޫ ޓީމަށް އޮތް ފުރުސަތުތައް މާބޮޑަށް ވެސް އިތުރެވެ. އެއީ ކޮންމެ ނަތީޖާއަކުން މޮޅު ވިޔަށް އެޓީމަށް 4 ވަނަ ކަށަވަރު ވާނެއެވެ. އަދި 3-2 ން ބަލިވިޔަސް އިތުރު އެއް ޕޮއިންޓާއެކު ޖުމްލަ 5 ޕޮއިންޓުން ސެމީގެ 4 ވަނަ ޖާގަ ކަށަވަރު ވާނެއެވެ.

ވިލިނގިލީ ޓީމު މިރޭ ބަލިވެއްޖެ ނަމަ މިބާރާތުގެ 6 ވަނައަށް ވެއްޓޭނެއެވެ. އަދި 5 ވަނަ އަށް ފޭދޫ ޔޫތު ކޮމިއުނިޓީގެ ޓީމަށް ލިބޭނެއެވެ.

މިރޭގެ މެޗަށްފަހު އެއްދުވަހުގެ ރެސްޓަކަށްފަހު މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ފެށޭނެއެވެ. އެގޮތުްނ 19 ޖުލައިގައި ހަވީރު ބައްދަލުކުރާނީ ޕޫލް ބުރުގެ 3 ވަނަ ޓީމުގެ ގޮތުގައި ހޮވިފައިވާ ފްރެންޑްސް ކްލަބު ފުނާޑާއި މިރޭގެ މެޗުން 4 ވނަ ހޮވާ ޓީމެކާއެވެ. ހަމަ އެދުވަހުގެ ރޭ 8:30 ގައި ބައްދަލު ކުރާނީ ޕޫލް ބުރުގެ އެއްވަނަ މިސްކިތްމަގު އ.ގ އާއި 2 ވަނަ ޕޮލިސް ކްލަބުގެ މެޗެވެ. 3 ވަނަ ސެމީ ފައިނަލުގައި 20 ޖުލައިގެ ރޭގަނޑު ކުޅޭވޭނީ ސެމީ ފުރަތަމަ މެޗު ކާމިޔާބުކުރާ ޓީމާކާިއ 2 ވަނަ މެޗުން ބަލިވާ ޓީމެކެވެ. 

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ 22 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ.

މިއީ ވޮލީބޯޅް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަން މުބާރާތް މާލެއިން ބޭރުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. ގައުމީ ވޮލީ ބޯޅަ މުބާރާތް ވެސް މާލެއިން ބޭރުން އެންމެ ފުރަތަމަ ބޭއްވިފައި ވަނީ ފުވައްމުލަކުގައެވެ. އެއީ 2003 ވަނަ އަހަރުއެވެ. އެފަހަރު ފުވައްމުލަކުން ގިނަ ޓީމުތަކެއް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!