18 ޑިސެމްބަރ 2017 (ހޯމަ)


ބުޗާ ކަޕް 2017: ބޮޑު ތަފާތަކުން ދަޑިމަގު މޮޅުވެއްޖެ

 ބުޗާކަޕްގެ 3 ވަނަ މެޗް ވެށި ނަލަ ޖަމްމިއްޔާ (ހޯދަޑު) މައްޗަށް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއިން 7-0ގެ ތަފާތު ބޮޑު މޮޅެއް.

ބުޗާކަޕްގެ 3 ވަނަ މެޗް ވެށި ނަލަ ޖަމްމިއްޔާ (ހޯދަޑު) މައްޗަށް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއިން 7-0ގެ ތަފާތު ބޮޑު މޮޅެއް.

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ބުޗާކަޕްގެ ތިންވަނަ މެޗް ވެށި ނަލަ ޖަމްމިއްޔާ (ހޯދަޑު) މައްޗަށް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއިން ތަފާތު ބޮޑު ނަތީޖާއެއް ނެރެ، އެޓީމްގެ ފެށުން ރަނގަޅުކޮށްފިއެވެ.

ފުވައްމުލަކު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ބުޗާ ކަޕްގެ ތިންވަނަ މެޗް ދަޑިމަގު ކާމިޔާބުކުރި ގޯލުން 0-7ގެ ނަތީޖާއިންނެވެ. މުޅިމެޗްގައި ވެސް ދަޑިމަގު ޓީމްވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ގިނަ ގޯލްތަކެއް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. ދެވަނަ ހާފްގައި ހޯދަޑު ޓީމުން ކުރި ބަދަލުތަކުގެ ސަބަބުން ދަޑިމަގު ޓީމް ހިފަހައްޓައި ގޯލްޖެހުން ހުއްޓުވުމަށްކަށް ގެނައެވެ. އަދި މެޗްގެ ފަހު 30 މިނިޓްގައި އެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ ދަޑިމަގު ޓީމްގެ އަސްލަމް އާދަމްއެވެ. ވެށި ނަލަ ޖަމްމިއްޔާ (ހޯދަޑު) ޓީމްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 18އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

އިއްޔެގެ މެޗް ފެށުމުގެ ކުރިން ހިތާމައިގެ ސުކޫތެއް ގެނެސްފައިވެއެވެ. ސުކޫތު ގެނައީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ފައުންޑަރ އަދި އެޓީމްގެ ކުރީގެ ކުޅުންތެރިޔާ ދަޑިމަގު ޑޭޒީމާގެ ވަހީދު ދާދި ފަހުން ނިޔާވެފައިވާތީވެ، އެކަމުގެ ހިތާމައިގައެވެ. އަދި ދަޑިމަގު ޓީމް ކުޅުނީ ކަޅު ބޭންޑް އަޅައިގެންނެވެ. މެޗަށްފަހު ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ފަރާތުން އެޓީމްގެ 16 ނަންބަރ ޖާރޒީ ވަހީދުގެ އާއިލާއަށް ހަވާލުކޮށްފައިވެއެވެ. 16 ނަންބަރަކީ ވަހީދު އެޓީމްގައި ފުޓްބޯޅަ ކުޅުނު އިރު ބޭނުންކުރި ނަންބަރެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ޕީސް އެންޑް ރެކްރިއޭޝަން ސޮސައިޓީ (ހޯދަޑު) އާއި ފުވައްމުލަކު ޒުވާނުންގެ ރޫހް (ދިގުވާނޑު) އެވެ. މިއީ ގުރޫޕް 1ގެ މެޗެކެވެ.

މިމުބާރާތަކީ ފުވައްމުލަކުގައި ފުޓްބޯޅައިގެ ފޯރި ކުޑަވެފައިވާތީވެ، އަހްމަދު ޝާފިއު (ބުޗާ) އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަންޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ އަންނަމަހު 8 ވަނަ ދުވަހުއެވެ.

އަންނަ އަހަރު މިމުބާރާތުގެ އަގު އެއް މިލިއަން ރުފިޔާއަށް ބޮޑު ކޮށްފައިވާކަމަށް މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތުގައި އިންތިޒާމްކުރާ ފަރާތުން އިއުލާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!