18 ޖުލައި 2018 (ބުދަ)


ސައުތު އެމެރިކާގެ ދެޓީމު ބަލިކޮށް ޔޫރަޕްގެ ދެ ޓީމު ސެމީ ފައިނަލަށް

ދެވަނަ ފަހަރަށް ސެމީ އަށް ދެވުމުން ބެލްޖިއަމުން އުފާ ފާޅުކުރަނީ. ފޮޓޯ: ފީފާ

ދެވަނަ ފަހަރަށް ސެމީ އަށް ދެވުމުން ބެލްޖިއަމުން އުފާ ފާޅުކުރަނީ. ފޮޓޯ: ފީފާ

ރޭގައި ކުޅެވުނު ވޯލްޑްކަޕް 2018ގެ ކުއަރޓަރ ފައިނަލުގެ ދެ މެޗު ކާމިޔާބުކޮށް ފްރާންސާއި ބެލްޖިއަމުން ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ. ފުރަތަމަ މެޗުގައި ފްރާސުން ކުރި ހޯދީ ދެކުނު އެމެރިކާގެ އުރުގުއޭ އާއި ވާދަކަށް 2-0 ން ނެވެ. ދެވަނ މެޗުގައި ބެލްޖިއަމުން ކުރި ހޯދީ ވޯލްޑްކަޕްގެ އެންމެ ކާމިޔާބު، ބްރެޒިލް 2-1ން ބަލިކޮށްގެންނެވެ.

ފްރާންސް 2 - 0 އުރުގުއޭ

ރޭގެ ފުރަތަމަ މެޗުގައި އެއްފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައިވާ ފްރާންސާއި ވާދަކުރީ ދެ ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ދެކުނު އެމެރިކާގެ އުރުގުއޭއެވެ. މިމެޗު ފަށައިގެން ފްރާންސުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

މެޗު ފަށާގަތީ އުރުގުއޭގެ މޮޅު ކުޅުމާއެކު އެވެ. ނަމވެސް ފްރާންސުން ހަމަޔަކަށް އެޅި މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީއަަށް ދެވަނަ ބުރުގެ މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ނުކުޅެވުނު ނަމަވެސް އެޓީމުން ވެސް ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދިނެވެ. 

މެޗުގެ ފުރަތަމަ ގޯލު ހާފު ނިމެން 5 މިނިޓަށް ވެފައި ވަނިކޮށް ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް އިތުބާރު ޖެހުންތެރިޔާ ގްރިޒްމަން ގޯލް ކުރިމައްޗަށް ހުރަސް ކުރުމުން، ފޯވަރޑް ރަފޭލް ވެރާން ބޮލުން ގޯލުގެ ތިރީ ކަނަށް ވައްދާލައި ގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އުރުގުއޭއިން ވެސް ހަމަ އެފަދަ ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ފްރާންސްގެ ކެޕްޓަން އަދި ގޯލް ކީޕަރު ލޯރިސް ހަމަ އިސްކޮޅަށް ދެމިލާފައި ޖެހި ޑިވުގައި އަތުން ޖައްސައި ބޭރުކޮށްލީ ގޯލު ތިރީ ކަނަށް ވަންނަން ދިޔަ ބޯޅައެކެވެ.

މެޗުގެ ދެވަނަ ގޯލު، އޭރިއާ ބޭރުން ކުރި ޝޫޓަކުން ގޯލް ކާމިޔާބުކޮށް ދިނީ ދެގޮތެއްނުވާ ފޯވަޑް ގްރިޒްމަން އެވެ. މި ގޯލު ވަނީ އުރުގުއޭގެ ކީޕަރު ހިފަން އުޅުނު ބޯޅަ އަތުން ދޫވެގެން ގޮހެވެ. ދެ ހާފުގައި ޖެހި ދެ ގޯލާއެކު 2-0ން ކުރި ހޯދައިގެން ފްރާންސް ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

މި ދެ ޓީމު މީގެ ކުރިން ވޯލްޑްކަޕްގައި ކުޅުނު މެޗެއްގައި އެންމެ ފަހުން ގޯލެއް ޖެހިފައި ވަނީ މީގެ 52 އަހަރު ކުރިން 1966 ގައި އިންގްލޭންޑްގައި ބޭއްވުނު ވޯލްޑް ކަޕްގައެވެ. އެމެޗުން 2-1 ން މޮޅުވެފައި ވަނީ އުރުގުއޭ އެވެ. އެއިގެ ފަހުން ވޯލްޑްކަޕް ގައި ބައްދަލު ކުރި ދެ ފަހަރު ވެސް 0-0ން ވީއެއްވަރެވެ. އެއީ 2002 ގައި ސައުތުކޮރެއާ-ޖަޕާން ވޯލްޑް ކަޕާޢި ސައުތުއެފްރިކާ ވޯލްޑް ކަޕް 2010 ގައެވެ. 

މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފްރާންސްގެ ގްރިޒް މަން އެވެ.

ބްރެޒިލް 1 - 2 ބެލްޖިއަމް

ރޭ ކުޅެވުނު ކުއާރޓަރ ފައިނަލުގެ ދެވަނަ މެޗުގައި ބްރެޒިލްގެ މައްޗަށް ބެލްޖިއަމުން ކުރި ހޯދީ 2-1 ން ނެވެ. ވޯލްޑް ކަޕްގެ 5 ފަހަރު ޗެމްޕިއަން ބްރެޒިލުން ފަށައިގަތީ މޮޅަށް ކުޅެ މެޗުގެ ކޮންޓްރޯލާ ވެސް އެކުއެވެ. ނަމަވެސް ކައުންޓަރ އެޓޭކުގައި ބެލްޖިއަމްގެ ހަމަލާތަކުގެ ނުރައްކާތެރިކަން ފްރާންސަށް ބޮޑުވެގެން ދިޔައެވެ. ނަތީޖައެއްގެ ގޮތުން، މެޗުގެ ކުރީކޮޅު ބެލްޖިއަމްގެ ކޯނަރެއްގައި ޑިފެންޑަރ ކޮމްޕެނީ ބޮލުން ގޯލަށް ފޮނުވާލި ބޯޅަ، ކަސަމީރޯގެ ސަސްޕެންޝަނާއެކު ބަދަލުގައި ކުޅެން ނުކުތް، ފާނަންޑީނިއޯ ބޮލުގައި ޖެހިފައި ބައިގޯލަށް ވަދެ 1-0ން ބެލްޖިއަމަން ލީޑް ނެގިއެވެ.

މި ހާފުގައި ވެސް ބްރެޒިލްގެ ތިއާގޯ ސިލްވާގެ ނުރައްކާތެރި ހަމަލާއެއް އަރިމަތީ ދަނޑިއަށް ވެސް އަމާޒު ވިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި ވަނިކޮށް، ބެލްޖިއަމުގެ ވަރުގަދަ މިޑްފީލްޑަރ ކެވިން ޑިބްރޭނާގެ ބާރު ހަމަލާއަކުން ދެވަނަ ގޯލެއް ވެސް ކާމިޔާބުކުރިއެވެ.

ދެވަނަ ހާފުގައި ބްރެޒިލްގެ ހަމަލާތައް ވަރުގަދަ ކުރަމުން ދިޔައެވެ. ނަމަވެސް ކެޕްޓަން ހަޒާޑްއާއި ޑިބްރޭނާ އަދި ފޯވަޑް ލުކާކޫގެ ބޯޅަ ހިފެހެއްޓުމާއި އެޓޭކް އުފެއްދުން މުޅި މެޗުގައި ވެސް ފެނިގެންދިޔައެވެ.

ބްރެޒިލްގެ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ ބެލްޖިމްގެ އިސްކޮޅުން ދިގު ކީޕަރ ތިބޯ ކޯރޓޯސްގެ މޮޅު ދިފާޢުތަކެވެ. ބްރެޒިލްގެ ގޯލު ކަމިޔާބުކޮށް ދިނީ ކޫޓީނިއޯގެ ހުރަހެއްގައި، ބަދަލު ކުޅުންތެރިޔާ ރެނާޓޯ އޮގަސްޓޯ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މަިޗުގެ ފަހު ވަގުތު ނޭވާ ހިފަހައްޓާލާ ވަރަށް ބްރެޒިލްގެ ހަމަލާތައް އިތުރު ވެގެން ދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ފުރާލާފައިވާ ދިފާޢީ ކުޅުންތެރިންނާއި ކީޕަރުގެ މޮޅު ސޭވް ތަކުން މެޗު ނިންމާލީ ބްރެޒިލް ގެ ތާރީޚުގައި ވެސް ސެމީ ފައިނަލާއި ހަމަޔަށް ނުގޮސް ވޯލްޑް ކަޕް މުބާރާތް ނިންމާލަން ޖެހުނު ދެވަނަ ފަހަރުގެ ގޮތުގައެވެ. ލުން ވަނީ ކާމިޔާބު ހޯދާފައެވެ.

މި ދެޓީމު 2002 ގެ ވޯލްޑް ކަޕް ގަދަ 16ގައި ބައްދަލުކޮށް ބްރެޒިލް ވަނީ ކުރި ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑިބްރޭނާއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!