24 މާރިޗު 2019 ( އާދީއްތަ )

banner

ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު ޒުވާނުންނަށް މިލިބުނީ އެމެރިކާ އަދި ޔޫރަޕް ފެންވަރުގެ ފުޓްސަލް ދަނޑެއް

ފުވައްމުލަކު ޒުވާނުންނަށް މިލިބުނީ އެމެރިކާ އަދި ޔޫރަޕް ފެންވަރުގެ ފުޓްސަލް ދަނޑެއް ކަމަށް ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ދޫނޑިގަން ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މިއަދު އެމެރިކާ އަދި ޔޫރަޕް ގައުމުތަކުގެ ޒުވާނުންވެސް ކުޅެމުންދަނީ މިފަދަ އިންފްރާސްޓަރަކްޗާއެއްގައި ކަމަށާއި ދޫނޑިގަމް ފުޓްސަލް ދަނޑަކީވެސް ކޮލިޓީ ރަނގަޅު ފުޓްސަލް ދަނޑެއްކަމަށެވެ.
“މިއީ މިއަދުގެ ސަރުކާރުން ޒުވާނުންނަށްދޭ އަހައްމިއްޔަތު، މިފުޓްސަލް ދަނޑާއި އެކު ދޫނޑިގަން އެރީނާގައި ހިމެނޭ އިންޑޯ ކުޅިވަރު ހޯލްތަކެއް ހެދިގެންދާނެ، މިރޭ މިހުޅުވުނީ ފުރަތަމަ ފިޔަވަހި، ދެންހެދިގެންދާނީ އިންޑޯ ކުޅިވަރުކުޅޭނެ ތަނެއް، އެތަނުގައި ޓީޓީ، ބިލިއާޑް ފަދަ ކުޅިވަރުތައް ކުޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ” މަލީހް ވިދާޅުވިއެވެ.
ކުޅިވަރު އެރީނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފުޓްސަލް ދަނޑު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. އަދި މަލީހްގެ ޓީމަކާއި ދޫނޑިގަން ކައުންސިލް ރައީސް އިބްރާހިމް މުހައްމަދު ޓީމަކާއި ދެމެދު ފުޓްސަލް މެޗެއް ކުޅުން އޮތެވެ. އަދި ފުނާޑު އަވަށު ޓީމަކާއި ދޫނޑިގަން އަވަށު ޓީމެއްގެ މެޗެއްވެސް ކުޅެފައިވެއެވެ.
މިރޭ ދަނޑިމަގު އަވަށު ކުޅިވަރު އެރީނާގެ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
ފުވައްމުލަކުގައި ތިން ކުޅިވަރު އެރީނާ ހެދުމަށް ބިންގާ އެޅި ރަސްމިއްޔާތުގައި އޭރު ވިދާޅުވެފައިވަނީ ފުވައްމުލަކު ތިން ދާއިރާއަށް ތިން ކުޅިވަރު އެރީނާ ހެދިގެންދާނެކަމަށެވެ. އަދި އެގޮތުން ފުރަތަމަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައިވަނީ ތިން ފުޓްސަލް ދަނޑުކަމަށެވެ. ނަމަވެސް ފުޓްސަލް ދަނޑު ހަދާނިމުމުން ތިން އެރީނާގެ ފުޓްސަލް ދަނޑުތަކަށް ވެގެންދިޔައީ ވަކި ވަކި އަވަށްތަކަކަށް ނިސްބަތްވާ ދަނޑުތަކެއްގެ ގޮތުގައެވެ. އެގޮތުން އުތުރު ދާއިރާގެ ފުޓްސަލް ދަނޑު މިހާރު ބަދަލުވެފައިމިވަނީ ދަނޑިމަގު ފުޓްސަލް ދަނޑަށަށެވެ. އަދި ދެކުނު ދާއިރާގެ ފުޓްސަލް ދަނޑު މިހާރު ބަދަލުވެފައިމިވަނީ ދޫނޑިގަން ފުޓްސަލް ދަނޑެއްގެ ގޮތުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު