A wide advertisement which will be shown on all devices. (700 x 100)

މިނިވަން 50: އެޓޯލް ޗެމްޕިއަން ޝިޕް ފުޓުބޯޅަ މުބާރާތް މިރޭ އިފްތިތާޙުކޮށްފި

މިރޭ އޮލިމްޕަހުގައި ބޭއްވުނު އަތޮޅު ފުޓުބޯޅަ މުބާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަހަރު އަތޮޅު ފުޓުބޯޅަ މުބާރާތް “މިނިވަން 50 އެޓޯލް ޗެމްޕިއަން ޝިޕް” ގެ ނަމުގައި ބޭއްވުމަށް ނިންމައި، އޮލިމްޕަހުގައި މިރޭ މުބާރާތް އިފްތިތާޙު ކޮށްފިއެވެ.

މިރަށް (ފުވައްމުލައް) ހިމެނޭ ޒޯން 8 އިން މުބާރާތުގައި 5 ޓީމު ބައިވެރިވެފައިވާއިރު މިރަށުން ބައިވެރިވެފައި ވަނީ އެންމެ ޓީމެކެވެ. އެއީ ދޫނޑިގަމު ސްޕޯރޓްސް ކްލަބެވެ. އަނެއް 4 ޓީމަކީ މިޒޯނުގައި ދެން ހިމެނޭ އައްޑު އަތޮޅުގެ ޓީމުތަކެވެ. ވުމާއެކު މިރަށުގައި އަތޮޅު މުބާރާތް ކުޅުމެއް ނެތި ދޫނޑިގަމު ސްޕޯރޓްސް ކްލަބުގެ ޓީމު ވަނީ ޒޯން ބުރަށް ކޮލިފައި ވެފައެވެ. މުބާރާތުގެ ކުޅުން އުތުރުން މިމަހު 15ގައި ފެށުމަށް ހަމަޖެހިފައިވީ ކަމުގައި ވިޔަސް މިޒޯނުގެ މެޗުތައް ފެށޭނެ ތާރީޚެއް އެފްއޭއެމުން އިއުލާން ކޮށްފައެއް ނުވެއެވެ.

މިމުބާރާތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ  ކޮންމެ ޓީމަކުން ވެސް އެޓީމުގެ ކުޅުންތެރިއަކު ޖާރޒީގައި ސްޓޭޖުން ދައްކާލުން އޮތެވެ.

މިފަހަރުގެ މުބާރާތަށް އެފްއޭއެމުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ ފުރަތަމަ ބުރު (އަތޮޅު ބުރު) ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުން ލީގެއްގެ ގޮތަށެވެ. އަދި ލީގުގެ އެންމެ މޮޅު ދެޓީމު ޒޯން ބުރަށް ކޮލިފައިވާ ގޮތަށެވެ. އަދި ކޮންމެ ރަށަކުން  ވެސް ބައިވެރިކުރެވެނީ އެންމެ ޓީމެކެވެ. އެޓީމުގެ ޒިންމާ ދާރު ފަރާތަކީ ރަށު ކައުންސިލެވެ.

މުބާރާތުގެ އަތޮޅުބައިތައް ނިމި ޒޯން ބުރު ފެށުމުން ކޮލިފައިވާ ޓީމުތަކަށް ދަތުރު ޚަރަދާއި ބައެއް އެހެނިހެން ޚަރަދުތައް އެފް އޭއެމުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިނަލް ބުރުގެ ކުޅުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކުރިޔަށް ގެންދާ ގޮތަށެވެ. ޒޯންތަކުގެ ޗެމްޕިއަނުންގެ ބުރު ސެމީފައިނަލް އަދި ފައިނަލް މިފަހަރު  ބޭއްވޭނީ ސ. ހިތަދޫ ސަރަހައްދީ ސްޓޭޑިއަމްގައެވެ. އައްޑު ހިތަދޫއަށް ޓީމުތަކުގެ ދަތުރު ޚަރަދާއި އެކޮމޮޑޭޝަންގެ އިތުރުން ވެސް ބައެއް ޚަރަދުތައް އެފްއޭއެމުން ދޭނެ ކަމަށް ވެއެވެ.

މިމުބާރާތަށް ރަށްރަށުގެ ދަނޑުތައް އިތުރަށް ތަރައްގީ ކުރުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއަރމަން ޝަވީދު ޚަރަދު ކުރައްވައިގެން 52 ރަށެއައްގައި ޗޭންޖިން ރޫމާއި ފާޚާނާތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށް މިރޭގެ ހަފުލާގައި އެފްއޭއެމުން އިއުލާން ކުރިއެވެ. އަދި ޗެމްޕއިން ޓީމަށް ލިބޭ އިނާމު އެހެން ފަހަރުތަކަށް ވުރެ އެތައް ގުނައެއް ބޮޑުވާނެކަމަށް ވެސް އިއުލާން ކުރިއެވެ. ނަމަވެސް އެއީ ކިހާ ވަރެއްކަމެއް ހާމައެއް ނުކުރެއެވެ.

މިރަށަކީ ކުރިން އަތޮޅު ފުޓުބާޅަ މުބާރާތުގެ ފޯރި ވަރަށް ގަދަ ރަށެއް ކަމުގައި ވިޔަސް އެފޯރި މަޑުމަޑުން ދަށްވަމުން ދާކަށް މިފަހަރުގެ މުބާރާތުގައި އެންމެ ޓީމެއް ބައިވެރިވުމުން ވެސް ހާމަކޮށްދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !