24 ޖުލައި 2019 ( ބުދަ )

މިއަދު މާދަޑު އޮމަލާސް އަދި ފުނާޑުސކ ބައްދަލުކުރި މެޗުގައި މާދަޑު ޓީމުގެ ވަސަނަ ޝޮޓެއް ޖަހަނީ. ފޮޓޯ އަލީ ހަސަން އެކޯޑް

ސެމީ ފައިނަލުގެ ޖާގަ ފުރަތަމަ ކަށަވަރު ކުރި ޓީމަކަށް ފުނާޑު ޓީމު

ފުވައްމުލަކުގައި މިހާރު ކުރިޔަށް ދާ “ދެކުނު ދާއިރާގެ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ” ގުރޫޕު އޭގައި މިއަދު ހަވީރު މާދަޑު އޮމަލާސް ޓީމުގެ މައްޗަށް 1-3 ން ކުރި ހޯދީ ފުނާޑު ސްޕޯރޓްސް ކްލަބުގެ ޓީމެވެ. ފުނާޑު ޓީމުން މިމެޗު ކާމިޔާބުކުރީ 25-15، 22-25، 25-17 އަދި 25 -20 އިންނެވެ.

މިމެޗުގައި ފުނާޑު ޓީމުގެ ކޯޗު އިބުރާހިމް ރަޝީދު، ސަތޯއަށް ރެފުރީ ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ރެފުރީގެ ނިންމުންތަކާއި މެދު ދެޓީމުގެ އޮފިޝަލުން ވެސް ޝަކުވާ ކުރިތަން ފެނިގެން ދިޔައެވެ. 

މިމެޗުން މޮޅު ވުމާއެކު، ކުޅުނު ދެމެޗުން ވެސް މޮޅަކާއެކު ފުނާޑު ޓީމުން ގުރޫޕުގެ އެއްވަނަ ހޯދާނެ ކަމަށް ބެލެވެއެވެ. އެއީ އެޓީމަށް ދެން އޮތީ މިގުރޫޕުގައި އަދި މޮޅެއް ނުހޯދި މުބާރާތުން ގާތްގަޑަކަށް ކަޓާފައިވާ މާލެގަމު ޓީމުގެ މެޗު ކަމަށް ވުމެވެ. މާދަޑި އޮމަލާސް ޓީމަށް މުބާރާތުގައި ކުރިޔަށް ދެވޭނީ އެޓީމު ދެން ބައްދަލުކުރާ ދޫނޑިގަމު ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މާދަޑު ޓީމުގެ ކުޅުމާއި މެދު ޓީމުގެ ކޯޗް ޑީޑީ ހުރީ ހިތްހަމ ޖެހިފައެވެ. އެއީ މުޅިން އައު ކުޅުންތެރިން ގޮވައިގެން ނުކުމެ ފުނާޑުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި އެކު ވާދަވެރި ސެޓްތަކެއް ކުޅެ ސެޓެއް ހޯދުނީތީއެވެ. ކުރިޔަށް އޮތް މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އޮތްކަމަށް ޑީޑީ ހާމަކުރިއެވެ. 

މިރޭގެ މެޗުގައި ބައްދަލު ކުރާނީ ހޯދަޑު ސްޕައިކަރޒް ޓީމާއި ދަޑިމަގު ރަނިން ޓީމެވެ. މިމެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. ހޯދަޑު ޓީމު ބަލިވެއްޖެ ނަމަ މުބާރާތުން ކަޓައި ދަޑިމަގު ޓީމާއި މިސްކިތްމަގު މިގުރޫޕުން ސެމީފައިނަލަށް ދާނެއެވެ. އަދި ހޯދަޑު ޓީމު މޮޅުވެއްޖެ ނަމަ ދަޑިމަގު ޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު