28 މެއި 2020 ( ބުރާސްފަތި )

banner

ދެވަނަ ގައުމީ އަންހެން ޓީ 20 ކްރިކެޓް މުބާރާތުގެ ދެވަނަ ހޯދި ފުވައްމުލަކު ކްރިކެޓް ޓީމު

ފުވައްމުލަކު ކްރިކެޓް ޓީމު ދެވަނަ ހޯދައިފި

މާލޭގައި އެއްހަފުތާގެ މުއްދަތަކަށް ކުރިއަށްދިޔަ ގައުމީ އަންހެން ޓީ 20 ކްރިކެޓް މުބާރާތުގެ ދެވަނަ މަގާމު ފުވައްމުލަކު ކްރިކެޓް ޓީމު ހޯދައިފިއެވެ. މިއަދު ހަވީރު ކުރިއަށްދިޔަ ފައިނަލް މެޗުގައި ފުވައްމުލަކު ކްރިކެޓް ޓީމުގެ މައްޗަށް ކާމިޔާބު ހޯދައިގެން މުބާރާތުގެ ތަށި އުފާލާލީ ގްރޫޕް ސްޓޭޖް މެޗުން ފުވައްމުލަކު ޓީމާއި ވާދަކޮށް ބަލިވި ކުނަހަންދޫ މާލޭ ސްޕޯޓްސް އެވެ.

ފޯރިގަދަ ފައިނަލް މެޗުގެ ޓޮސް ދިމާކޮށްގެން ފުވައްމުލަކު ޓީމު ނިކުތީ ހޮވާށެވެ. ފުވައްމުލަކު ކްރިކެޓްޓީމުގެ އަތުން ގްރޫޕް ސްޓޭޖުން ބަލިވެފައިވާ ކުނަހަންދޫ ޓީމުން ނިކުތީ ވަރަށްވެސް ފުރިހަމަ އަށް ތައްޔާރުވެގެނެވެ. އެގޮތުން، ފުރަތަމަ އޯވަރު ތެރޭ 25 ލަޑު (ރަން) ހަދާ ފުވައްމުލަކު ޓީމު ޕްރެޝަރަށް ވައްޓާލިއެވެ. ފުރިހަމަ 20 އޯވަރު ތެރޭ ކުނަހަންދޫ ޓީމުން 141 ލަޑު ހެދިއެވެ. ކުނަހަންދޫ ޓީމުން އެންމެ ރަގަޅަށް ބެޓުކޮށްފައިވަނީ 45 ލަނޑު ހެދި ހަފުސާ އާއި 39 ލަޑު ހެދި ސުމައްޔާއެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 2 ވިކެޓު ނެގި އަމާނީއެވެ. އަމާނީގެ އިތުރުން، އައިމާ އާއި ހަނީފާ އާއި އަނާލް މިއިން ކޮންމެ ކުޅުންތެރިއެއް އެއްވިކެޓް ނެގިއެވެ.

ޕެރެޝަރަށް ވެއްޓިފައިވާ ފުވައްމުލަކު ޓީމުން ޖަވާބުގައި ކުޅެން އަރާ މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ބެޓުކުރަމުން އައި ކެޕްޓަން ޒޫނާ ވަނީ ދެލަނޑާއިއެކު ނުބައިވެފައެވެ. އަދި ފުވައްމުލަކު ޓީމުގެ އެންމެ އިތުބާރުކުޅުންތެރިޔާ އައިމާ ދެވަނަ އޯވަރުތެރޭ އެލްބީޑަބްލިއު ވެ ނުބައިވިއެވެ. އެއަށްފަހު ވިކެޓަކަށްފަހު ވިކެޓެއް ގެއްލެމުން ގޮސް 14 ވަނަ އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވިއެވެ.

ފައިނަލް މެޗަށްފަހު ވަނަ ވަނައަށް އައިފަރާތްތަކަށް އިނާމު ދިނުންވެސް އޮތެވެ. އެގޮތުން، ފުވައްމުލަކު ޓީމު ކުޅުނު ފުރަތަމަ މެޗު ކަމަށް ވާ ކުނަހަންދޫ އާއި ދެކޮޅަށް ކުޅުނު މެޗާއި ފުވައްމުލަކު ޓީމު ދެވަނައަށް ވިޔަންސާ އާއި ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައި ވަނީ ފުވައްމުލަކު ޓީމުގެ އިތުބާރު ކުޅުންތެރިޔާ އައިޝަތު އައިމާއެވެ. އަދި ސެމީ ފައިނަލް ގައި ވިޔަންސާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ އައިމާއެވެ. މީގެ އިތުރުން އެންމެ މޮޅު އެކުންތެރިޔާ (ބޯލާ) އާއި އެންމެ އަގުހުރި ކުޅުންތެރިއަކަށްވެސް ހޮވުނީ އައިމާއެވެ. އެންމެ މޮޅު ފީލްޑާ އަކަށް ހޮވިފައިވަނީ ފުވައްމުލަކު ޓީމުގެ ހައްވާ ޒުހާއެވެ.

މުބާރާތުގެ ތިންވަނަ ޓީމަކީ ހިންނަވަރު ހިރިޔާ ޓީމެވެ.ކިޔުންތެރިންގެ ޚިޔާލު