24 ޖުލައި 2019 ( ބުދަ )

ދަޑިމަގު ރަނިން ޓީމްގެ ކުޅުންތެރިން. ފޮޓޯ: އާސިފާ

ފްރީގައިޒް ވޮލީ ބޯޅަ މުބާރާތް: ދަޑިމަގު ރަނިން ފައިނަލަށް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ފްރީގައިޒް ވޮލީ ބޯޅަ މުބާރާތް” މިއަދު ހަވީރު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗް ދަޑިމަގު ރަނިން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ސެމީފައިނަލް ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރީ ގުރޫޕް 1ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށްދިޔަ މާދަޑު ފިސްޑާ އާއި ގުރޫޕް 2ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށްދިޔަ ދަޑިމަގު ރަނިން އެވެ. މިއަދުގެ މެޗް ދަޑިމަގު ރަނިންކާމިޔާބުކުރީ 3-0 އިން ނެވެ. މެޗްގެ ފުރަތަމަ ސެޓް ދަޑިމަގު ގެންދިޔައީ 24-26 އިންނެވެ. ދެވަނަ ސެޓްވެސް ވަރަށް ހަމަހަމަ ކުޅުމަކާއި އެކު ގެންދިޔައީ ދަޑިމަގުއެވެ. ތިންވަނަ ސެޓް ފަސޭހަކަމާއި އެކުވެސް ގެންދިޔައީ ދަޑިމަގު ރަނިން އެވެ. މިމެޗްގެ ކްއީން އޮފްދަ މެޗްގެ މަގާމް ހޯދީ ދަޑިމަގު ރަނިން ޓީމްގެ އިންޑިޔާ ކުޅުންތެރިޔާ އެވެ.

މިރޭ ކުޅޭނީ ސެމީފައިނަލްގެ ދެވަނަ މެޗެވެ. މިމެޗްގައި ބައްދަލުކުރަނީ ގުރޫޕް 1ގެ ދެ ވަނަ ޓީމްގެ ގޮތުގައި ސެމީއަށްދިޔަ މިސްކިތްމަގު އެންމެންގެ ގުޅުމާއި ގުރޫޕް 2ގެ ދެ ވަނަ ޓީމްގެ ގޮތުގައި ސެމީއަށްދިޔަ އެކުވެރި ފުނާޑެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ދެން ކުޅެންޖެހޭނީ މާދަޑު ފިސްޑާ އާއި އެވެ. އަދި އެމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ހޮވޭނެއެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅޭނެއެވެ. ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 30000 ރުފިޔާ އެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.


ކިޔުންތެރިންގެ ޚިޔާލު