23 ޖުލައި 2019 ( އަންގާރަ )

އިންޓާސްކޫލް ފުޓުބޯޅަ މުބާރާތް: އެމްޖޭއެސް ބަލިކޮށް ހޭޒް ފައިނަލަށް ދަތުރުކޮށްފި

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުން މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ބަލިކޮށް ހާފިޒު އަހުމަދު ސްކޫލް (ހޭޒް) ފައިނަލަށް ދަތުރުކޮށްފިއެވެ. ހާފިޒު އަހުމަދު ސްކޫލް އިއްޔެ މޮޅުވެފައިވަނީ މުހައްމަދު ޖަމާލުއްދީން  ސްކޫލާއި ވާދަކޮށް 4-0 ލަޑުންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ހާފިޒު އަހުމަދު ސްކޫލްގެ ޖާޒީ ނަމްބަރު 10 މުހައްމަދު ނިހާމް އަމްޖަދެވެ. ހާފިޒު އަހުމަދު ސްކޫލް ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެއެވެ.

އިއްޔެގެ މެޗުން ބަލިވި މުހައްމަދު ޖަމާލުއްދީން ސްކޫލަށް ފައިނަލަށް ދަތުރުކުރުމުގެ ދޮރު މުޅިން ބަންދުވެފައިވާ އިރު ފައިނަލްގައި ހާފިޒު އަހުމަދު ސްކޫލާއި ވާދަކުރާނެ ސްކޫލެއް އެގޭނީ މިއަދު ހަވީރު ކުޅު ގްރޫޕް ސްޓޭޖްގެ ފަހު މެޗަށްފަހުއެވެ. މިއަދުގެ މެޗުގައި ވާދަކުރާނީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލަކު ސްކޫލެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ދެޓީމު އެއްވަރުވެއްޖެނަމަ ފައިނަލަށް ދަތުރުކުރާނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. މިމެޗުވެސް ފެށޭނީ މިއަދު ގަޑިން ހަވީރު 4.30 ގައެވެ.



ކިޔުންތެރިންގެ ޚިޔާލު