ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ދުވަހުގެ މެޗްތައް، އަންހެނުންގެ ވޮލީގެ ގަދަ ބާރެއްކަމަށްވާ ދަޑިމަގުގެ މައްޗަށް ކުރިހޯދައި ފިސްޑާގެ ފެށުން ރަނގަޅުކޮށްފިއެވެ. އަދި ރޭގެ މެޗް ހޯދަޑު ވެށި ނަލަ ޖަމްމިއްޔާ ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗް ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ބައްދަލުކުރީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އެވެ. މިމެޗް 5-3 ސެޓުން ކާމިޔާބުކުރީ ފިސްޑާއެވެ. ފިސްޑާ މެޗްކާމިޔާބުކޮށްފައިވަނީ 25-16، 25-18، 17-25، 23-25، 15-7 އިންނެވެ. މިމެޗްގެ ކުއީން އޮފް ދަ މެޗަކީ ފިސްޑާގެ ޖ.4 ފާތުމަތު ޝަހުލާ އެވެ. ދަޑިމަގު ޓީމަކީ ފުވައްމުލަކުގެ ވޮލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ.
ރޭގެ މެޗްގައި ބައްދަލުކުރީ ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި ހޯދަޑު ވެށިނަލަ ޖަމްއިއްޔާ އެވެ. މިމެޗްވެސް ފަސޭހަ ކަމާއިއެކު ތިން ސެޓުން ކާމިޔާބުކުރީ ހޯދަޑު ވެށިނަލަ ޖަމްއިއްޔާ އެވެ. މެޗްގެ ކުއީން އޮފް ދަ މެޗަކީ ހޯދަޑު ވެށިނަލަ ޖަމްއިއްޔާ ޖ.7 ނުޒުހާ އެވެ.
މިއަދު ހަވީރު ބައްދަލުކުރާނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ފުވައްމުލަކު ސްޕޯޓްސް ކްލަބް އެވެ. އަދި މިރޭ ބައްދަލުކުރާނީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ.
ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވެއެވެ. މިމުބާރާތުގައި ފުވައްމުލަކުން ވާދަކުރަނީ 5 ޓީމެވެ. އެއީ ދަޑިމަގަށް ނިސްބަތްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި މިސްކިތްމަގުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާގެ އިތުރުން މާދަޑުގެ ފިސްޑާއެވެ.
ޚިޔާލުތައް