A wide advertisement which will be shown on all devices. (700 x 100)

ފައިނަލްގެ ފަހު ޖާގަ ފިސްޑާއަށް

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފަހު ޖާގަ ފިސްޑާ ހޯދައިފިއެވެ.

ރޭ ކުޅުނު ސެމީފައިނަލް މެޗްގައި ބައްދަލުކުރީ ފިސްޑާ އާއި ހޯދަޑު ވެށިނަލަ ޖަމްމިއްޔާ އެވެ. މިމެޗް 4-1 އިން ކާމިޔާބުކުރީ ފިސްޑާއެވެ. މިމެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ހޯދަޑު އިންނެވެ. ނަމަވެސް ފަހަތުން އަރައި ތިން ސެޓް ގެންގޮސް މުބާރާތުގެ ފައިނަލް ކަށަވަރުކުރީ ފިސްޑާއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ ޖ.4 ފާތުމަތު ޝަހުލާއެވެ.

މުބާރާތުގެ ފައިނަލްގައި މާދަމާ ހަވީރު ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ފިސްޑާއެވެ. މިމުބާރާތުގެ ފައިނަލަށް ހޮވިފައިވާ ދެޓީމަށް މާލޭގައި އޮންނަ ފައިނަލް ބުރުން ޖާގަވަނީ ލިބިފައެވެ.

ހަވީރާއި ރޭގަނޑު މެޗްތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމް މާލޭގައި އޮންނަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. މިމުބާރާތުގައި ފުވައްމުލަކުން ވާދަކުރަނީ 5 ޓީމެވެ. އެއީ ދަޑިމަގަށް ނިސްބަތްވާ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ދޫނޑިގަމަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކްލަބް އާއި މިސްކިތްމަގުގެ މިސްކިތްމަގު އެންމެންގެ ގުޅުމާއި ހޯދަޑު އަވަށުގެ ވެށިނަލަ ޖަމްމިއްޔާގެ އިތުރުން މާދަޑުގެ ފިސްޑާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !